ޔޫރޯ 2020 ގެ ގަދަ 16 ގައި ސްޕެއިންއާއި ކްރޮއޭޝިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ކްރޮއޭޝިއާއަކީ އެންމެފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ރަނަރަޕް ޓީމު. އެޓީމުގެ ރަން ޖީލާއެކު މިފަހަރުގެ ޔޫރޯއަށް ތައްޔާރުވީ ވޯލްޑް ކަޕްގެ ކާމިޔާބީ ތަކުރާރު ކުރުމަށް. ގްރޫޕް ސްޓޭޖުގައި ވާދަކުރީ ގްރޫޕް ޑީގައި. ކްރޮއޭޝިއާއަކީ ގްރޫޕްގެ ދެވަނައިގެ ގޮތުގައި ގަދަ 16 އަށް ދިޔަ ޓީމެއް. އެޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ސްކޮޓްލޭންޑް ބަލިކޮށް، ޗެކު ރިޕަބްލިކާ އެއްވަރު ކޮށްފައި. ކްރޮއޭޝިއާ ބަލިވީ އިންގްލެންޑް އަތުން އެކަނި.

ސްޕެއިންއަކީ ޔޫރޯ ތާރީހުގައި އެންމެ ކާމިޔާބު އެއް ޓީމު. އެޓީމުން މިހާތަނަށް ތިން ފަހަރު ޔޫރޯ ކާމިޔާބު ކޮށްފައިވާ އިރު، އެންމެފަހުން މުބާރާތް ކާމިޔާބުކުރީ 2012 ވަނަ އަހަރު. ސްޕެއިނަށް ގްރޫޕް ސްޓޭޖުގައި އުނދަގޫތަކެއް ދިމާވި. އެޓީމުން ތިން މެޗުގެ ތެރެއިން މޮޅުވެވުނީ ފަހު މެޗުގައި އެކަނި.

މިރޭގެ މެޗު އޮންނާނީ ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމްގައި.

  • ސްޕެއިން

1964 ވަނަ އަހަރުގެ ޔޫރޯ އަމިއްލަ ގައުމުގައި ކާމިޔާބު ކުރުމުގެ އިތުރުން 1984 ވަނަ އަހަރު ޔޫރޯގެ ރަނަރަޕްކަން ސްޕެއިންއިން ހޯދި. ސްޕެއިންގެ އިތުރު ކާމިޔާބީތައް ފެށުނީ 2000 ގެ އަހަރުތަކުގައި. ސްޕެއިންގެ ކްލަބުތައް ކަމަށްވާ ބާސެލޯނާއާއި ރެއާލް މެޑްރިޑްގެ ކާމިޔާބީތަކާއެކު ސްޕެއިން ޓީމު ވަރުގަދަވި. ނަތީޖާއެއްގެ ގޮތުން އެގައުމުން ވަނީ 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ވިދިވިދިގެން ކާމިޔާބު ކޮށްފައި.

ސްޕެއިންއިން ވަނީ މިހާތަނަށް ބޭއްވި 15 ޔޫރޯގެ ތެރެއިން 10 ޔޫރޯއެއްގައި ވާދަކޮށްފައި. މުބާރާތުގެ ތަށި ތިން ފަހަރެއްގެ މަތިން ހޯދާފައިވާ އިރު، އޭގެ ތެރެއިން ދެ ތަށްޓަކީ ސްޕެއިން ރަން ޖީލުގައި ހޯދި ދެ ތަށި. 2007 ވަނަ އަހަރު ފެބްރުއަރީ މަހުން ފެށިގެން 2009 ވަނަ އަހަރު ޖޫން މަހާ ހަމައަށް އެއްވެސް މެޗަކުން ބަލި ނުވެ 35 މެޗު ސްޕެއިންގެ ގައުމީ ޓީމުން ހަމަކުރި އިރު، އެއީ ރެކޯޑެއް. އެ ރެކޯޑު މިވަގުތު އޮތީ ބްރެޒިލާއި ސްޕެއިން އަތުގައި އެކަނި. 2016 ވަނަ އަހަރުގެ ޔޫރޯއިން ސްޕެއިން ކެޓީ ގަދަ 16 އިން. މި ފަހަރުގެ މުބާރާތަށް ސްޕެއިން އިން ނެރުނީ ޒުވާން ޓީމެއް.

ގްރޫޕް ސްޓޭޖުގެ ނަތީޖާތައް:

ސްޕެއިން 0-0 ސްވިޑެން

ސްޕެއިން 1-1 ޕޮލެންޑް

ސްޕެއިން 5-0 ސްލޮވޭކިއާ

  • ކްރޮއޭޝިއާ

ކްރޮއޭޝިއާ ޔޫރޯގައި ފުރަތަމަ ކުޅުނު އަހަރުން ފެށިގެން ބަރާބަރަށް ކޮލިފައިވަމުން އައިސްފައިވީ ނަމަވެސް 2000 ވަނަ އަހަރު ކްރޮއޭޝިއާ ޔޫރޯއަށް ކޮލިފައި ވެފައެއް ނުވޭ. 1996 އަހަރުގެ ޔޫރޯއާއި 2008 ގެ ޔޫރޯއަކީ އެގައުމަށް އެންމެ ކާމިޔާބު ދެ މުބާރާތް. އެ ދެ އަހަރުވެސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާ އިރު، 1996 ވަނަ އަހަރު ކުއާޓާއިން ބަލިވީ ޖަރުމަނު އަތުން. 2008 ވަނަ އަހަރު ކުއާޓާއިން ކެޓީ ތުރުކީ އަތުން ބަލިވެގެން.

ކްރޮއޭޝިއާއިން 2012 ވަނަ އަހަރު ޔޫރޯގައިވެސް ކުޅުނު. ޕޮލެންޑާއި ޔުކްރޭންއާ ދެގައުމުގައި އޮތް އެ ޔޫރޯއިން ކްރިއޭޝިއާ ކެޓީ ގްރޫޕް ސްޓޭޖުން. 2016 ވަނަ އަހަރުގެ ޔޫރޯގައި އެ ސްކޮޑުގެ ކުޅުން ކޮންމެވެސް ވަރަކަށް ފެނިގެން ދިޔަ. އީވާން ރަކެޓިޗާއި، މަޓެއޯ ކޮވަސިޗްގެ އިތުރުން ލޫކާ މޮޑްރިޗް ފަދަ ކުޅުންތެރިންނާއެކު ކްރޮއޭޝިއާއިން 2016 ވަނަ އަހަރު ނުކުމެ ގަދަ 16ގައި ކުޅުނު. އެޓީމު ކަޓައިގެން ދިޔައީ ހިތްދަތި ގޮތަކަށް. ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުން ކްރޮއޭޝިއާ ބަލިވީ ފުރިހަމަ ވަގުތު ހަމަވެގެން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ 30 މިނެޓް ތެރޭގައި ޕޯޗުގަލްއިން ގޯލު ޖަހައިގެން.

ގްރޫޕް ސްޓޭޖުގެ ނަތީޖާތައް:

ކްރޮއޭޝިއާ 0-1 އިންގްލެންޑް

ކްރޮއޭޝިއާ 3-1 ސްކޮޓްލޭންޑް

ކްރޮއޭޝިއާ 1-1 ޗެކު ރިޕަބްލިކް