ފްރާންސުން ގަދަ 16 އަށް ދިޔައީ ޔޫރޯ 2020 ގެ މަރުގެ ގްރޫޕްގެ އެއްވަނައިގެ ގޮތުގައެވެ. ވަރުގަދަ ކުރިމަތިލުންތަކަށްފަހު ފްރާންސުން ގަދަ 16 ޔަގީންކުރީ މެޗަކުން ބަލިނުވެއެވެ. ފުރަތަމަ މެޗުގައި ފްރާންސުން ޖަރުމަނު އަތުން މޮޅުވެފައިވާ އިރު، ދެވަނަ މެޗުގައި ޖެހުނީ ހަންގޭރީއާއެވެ. އެ މެޗުވީ އުނދަގޫ ޓެސްޓަކަށެވެ. ހަންގޭރީން ޑިފެންސިވް ކުޅުމެއް މެޗުގައި ފެނިގެން ދިޔައިރު ފްރާންސަށް ހޯދުނީ ޕޮއިންޓެކެވެ. ގްރޫޕްގެ ފަހު މެޗަށް ފްރާންސް ނުކުތީ އެންމެފަހުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލްއާ ދެކޮޅަށެވެ. އެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ފްރާންސުން 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށް، މިފަހަރުގެ ޔޫރޯއަށް ނުކުތީ އެގައުމުގެ ރަން ޖީލެއްގެ ކާމިޔާބީ ތަކުރާރު ކުރުމަށެވެ. ފްރާންސުން ވަނީ މިހާތަނަށް ދެ ފަހަރަށް ޔޫރޯ ކާމިޔާބު ކޮށްފައެވެ. އެންމެ ފުރަތަމަ ތަށްތަކީ 1984 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯގެ ތަށްޓެވެ. 1984 ވަނަ އަހަރު ފްރާންސުން ހޯދި ޔޫރޯ މުބާރާތަކީ އެގައުމުގެ ތާރީހުގައި ކާމިޔާބުކުރި ފުރަތަމަ ބޮޑު މުބާރާތެއްގެ ތަށްޓެވެ. އެ ކާމިޔާބީއާއެކު ފްރާންސުން ރަނގަޅު ބިންގަލެއްގެ މަސައްކަތް ފެށިއެވެ. ކްލެއާފޮންޓޭންގެ ނަމުގައި ހުޅުވި ފުޓުބޯޅަ ސްކޫލް، ނުވަތަ ފުޓުބޯޅަ ޓްރެއިނިން ސެންޓަރާއެކު އެގައުމުން ޒައިނުއްދީން ޒިދާން، ތިއަރީ އޮންރީގެ އިތުރުން ޑޭވިޑް ޓްރެޒެގޭ އަދި ލިލިއަމް ތުރާމް ފަދަ ކުޅުންތެރިން ފުޓުބޯޅައަށް ނެރުނެވެ.
އެ ޖީލާއެކު ނުކުމެ، އެގައުމުން ކާމިޔާބުކުރި ދެވަނަ ޔޫރޯއަކީ 2000 ވަނަ އަހަރުގެ ޔޫރޯއެވެ. އެ ޔޫރޯ ފްރާންސުން ކާމިޔާބުކުރީ 1988 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަނުންގެ ގޮތުގައި ނުކުމެއެވެ. އެޓީމު ވެފައިވަނީ 1974 ވަނަ އަހަރު ވެސްޓް ޖާމަނީއަށްފަހު ޔޫރޯއާއި ދުނިޔޭގެ ޗެމްޕިއަންކަން ޖެހިޖެހިގެން ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ. އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔަކީ މިހާރު ފްރާންސްގެ ކޯޗު ޑީޑިއޭ ޑިޝޭމްޕްސްއެވެ.
އުމުރުން 52 އަހަރު ޑީޑިއާ ޑިޝޭމްޕްސް ވަނީ ފްރާންސަށް 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްދީފައެވެ. ކުޅުންތެރިއެއްގެ ގޮތުގައްޔާއި ކޯޗެއްގެ ގޮތުގައި ޑިޝޭމްޕްސް ވަނީ ވޯލްޑް ކަޕް އުފުލައިލައިފައެވެ. 2000 ވަނަ އަހަރުގެ ޔޫރޯވެސް ކުޅުންތެރިއެއްގެ ގޮތުގައި ޑިޝޭމްޕްސް ހޯދާފައިވެއެވެ. ޔުރޯއަށް އޭނާ ނުކުންނާނީ ކޯޗެއްގެ ގޮތުގައި އެ ޝަރަފު ދެމެހެއްޓުމަށެވެ. ފްރާންސަށް ކޯޗުކަން ކޮށްދިނުމުގެ ކުރިން ޑިޝޭމްޕްސް ވަނީ މޮނާކޯ އާއި ޔުވެންޓަސް އަދި މާސޭއަށް ކޯޗުކަން ކޮށްދީފައެވެ.
އެ ޓާގެޓަށް އޭނާ ކުރަން ޖެހޭ މަސައްކަތް ބޮޑެވެ. ޑިޝޭމްޕްސް ބުނެފައި ވަނީ މިރޭގެ މެޗުގައި ފްރާންސްގެ "ބެސްޓް" ދައްކަން ޖެހޭ ކަމަށެވެ.
"ކުޅުންތެރިއެއްގެ ގޮތުގައި، އަދި ކޯޗެއްގެ ގޮތުގައި ދެ ތަށި ހޯދަން ފްރާންސްގެ ބެސްޓް މިރޭ ދައްކަން ޖެހޭ. ސްވިޒަލޭންޑްގެ ފެންވަރު ދަށްކޮށް ވިސްނައިގެން ނުވާނެ. ނޮކްއައުޓް މެޗުތަކުގައި ކުރެވުނު ހުރިހާ ކަމެއް ކުރަން ޖެހޭނެ. މެޗު އުފާވެރިކަމާއެކު ނިންމާލަން އުންމީދުކުރަން،" ޑިޝޭމްޕްސް ޕްރި މެޗު ޕްރެސްގައި ބުނެފައިވެއެވެ.
ޑިޝޭމްޕްސް ބުނެފައި ވަނީ ސްވިޒަލޭންޑްގެ އެޓޭކަކީ ނުރައްކާ އެޓޭކެއްކަން ދަންނަން ޖެހޭ ކަމަށެވެ. އެގޮތުން އޭނާ ވަނީ ވަކިން ސެފަރޮވިޗާއި އެމްބޯލޯ އަދި ޝެގީރީގެ ނުރައްކާ ވަކިން ފާހަގަކޮށްފައެވެ. ފްރާންސުގެ ޗެލެންޖު ފަސޭހަ ނުވާނެއެވެ. ޑިޝޭމްޕްސްއަށް މިރޭގެ މެޗު މުހިއްމެވެ. ކާމިޔާބު ތަކުރާރުކުރަން ފްރާންސްގެ "ޗެމްޕިއަން" ޓީމުގެ ފެންވަރު ދައްކާލަން ޖެހެއެވެ.