ކުޅިވަރު

އެކުއެޑޯ އާ އެއްވަރު ވެ ބްރެޒިލްގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް

ކޮޕާ އެމެރިކާ ގްރޫޕް ސްޓޭޖުގައި ބްރެޒިލުން ކުޅުނު ފަހު މެޗުގައި އެކުއެޑޯ އާ އެއްވަރު ވެއްޖެއެވެ.

ރޭ ގޮއޭނިއާގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެފައިވާއިރު، ރޭގެ މެޗަށް ނުކުތްއިރު އެންމެފަހުން ކޮޕާ އެމެރިކާގައި ކުޅުނު 10 މެޗުންވެސް ބްރެޒިލް އޮތީ މޮޅު ވެފައެވެ. މޮޅުވުމުގެ ސިލްސިލާ ނިމުނު ނަމަވެސް ބްރެޒިލަށް މާޔޫސްކަމެއް ނެތެވެ. ރޭގެ މެޗަށް ނުކުތްއިރުވެސް ބްރެޒިލް އޮތީ ގްރޫޕްގެ އެއްވަނައިގައި ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައެވެ.

ކުއާޓާގެ ޔަގީންކަމާއެކު ބްރެޒިލުން ރޭ މެޗަށް ނެރުނު 11 ގައި މުހިއްމު ބައެއް ކުޅުންތެރިން ނުހިމެނެއެވެ. އެގޮތުން ޓީމުގެ ތަރި ނޭމާއާއި ޑިފެންޑަރު ތިއޭގޯ ސިލްވާ އާއި ކަސަމޭރޯވެސް މެޗު ފެށީ ބެންޗުންނެވެ. އޭގެ ތެރެއިން މެޗަށް ފަހުން ނުކުތީވެސް ހަމައެކަނި ކަސަމޭރޯއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ބްރެޒިލުން ލީޑު ނެގީ އެވަޓަން ސޮއަރޭސްގެ ހިލޭ ޖެހުމުން ޑިފެންޑަރު އެޑާ މިލީޓޯ ޖެހި ގޯލުންނެވެ. އެއީ މިލީޓޯ ބްރެޒިލް ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. އެ ގޯލާއެކު ލީޑުގައި ބްރެޒިލުން ހާފް ނިންމާލި ނަމަވެސް ދެވަނަ ހާފް ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި އެކުއެޑޯ ނަތީޖާ ހަމަހަމަ ކުރިއެވެ. އެޓީމުގެ ގޯލް ކާމިޔާބު ކޮށްދިނީ އެންހޭލް މެނާއެވެ.

ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު އެކުއެޑޯ ވަނީ ކުއާޓާ ފައިނަލް ޔަގީން ކޮށްފައެވެ. މެޗަށް ނުކުތްއިރު އެޓީމަށް އޮތީ އެ ގްރޫޕްގެ އަނެއް ޓީމުތައް ކަމަށްވާ ވެނެޒުއޭލާއާއި ޕެރީ ބްރެޒިލް ކައިރީ ހޯދި ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުމެވެ. އެ ދެޓީމުވެސް އޮތީ ބްރެޒިލް އަތުން ބަލިވެފައެވެ.

ކޮޕާ އެމެރިކާގައި 10 ޓީމު ވާދަކުރާއިރު ގްރޫޕް ސްޓޭޖުން ކަޓާނީ އެންމެ ދެޓީމެވެ. އެއީ ކޮންމެ ގްރޫޕެއްގެވެސް ފުލަށް ދާ ޓީމެވެ. ގްރޫޕް ބީ ނިމިފައިވާއިރު، އެ ގްރޫޕުން ކެޓީ ވެނެޒުއޭލާއެވެ. ގްރޫޕް އޭގެ ފަހު ދެމެޗު މިރޭ އޮންނާނެއެވެ. ގްރޫޕް ބީގެ އެއްވަނައިގައި މިވަގުތު އޮތީ އާޖެންޓީނާއެވެ.