ނެދަލޭންޑްސް ބަލި ވީ ހޯދުނު ރަތް ކާޑުގެ ސަބަބުން ކަމަށް ނެދަލޭންޑްސްގެ ޒުވާން ޑިފެންޑަރު މެތިއަސް ޑެލިގްޓް ބުނެފިއެވެ.

ޔޫރޯ 2020 ގެ ގަދަ 16 އިން ރޭ ނެދަލޭންޑްސް ކަޓައިގެން ދިޔައީ ހައިރާން ކުރުވަނިވި ގޮތަކަށެވެ. ޗެކު ރިޕަބްލިކް އަތުން ބަލި ވެ ނެދަލޭންޑްސް ކަޓައިގެން ދިޔައީ މުބާރާތުގެ ފެވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު އެޓީމު ރޭޓް ކޮށްފައި ވަނިކޮށެވެ. މެޗުގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދަނިކޮށް އޮއިވަރު ބަދަލުވީ ދެވަނަ ހާފްގެ ކުރީކޮޅުގައި ޑެ ލިގްޓްއަށް ދެއްކި ރަތް ކާޑުންނެވެ.

ގޯލް އޭރިއާ ބޭރުން ޗެކުގެ ޕެޓްރިކް ޝިކް ބޯޅައާއެކު ކުރިއަށް ދާން މަސައްކަތް ކުރަނިކޮށް ޑި ލިގްޓް ކައްސައިލުމާއެކު އޭނާ ބޯޅަ މަޑުކުރުވީ އަތުން ޖައްސައެވެ. ޑެ ލިގްޓްއަށް ރެފްރީ ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު، ރެފްރީ ނިންމީ އަތްލައިގެން ޑެ ލިގްޓް ހުއްޓުވީ ސީދާ ގޯލަށް ފަހިވި ފުރުސަތެއް ކަމަށެވެ. އެހެންކަމުން ނިންމުން ބަދަލުކޮށް ރެފްރީ ރަތް ކާޑު ދެއްކިއެވެ.

"ޔަގީނުންވެސް މިއީ ކެރިއަރުގައި އެންމެ މާޔޫސީ އެއް ރޭ. ބޯޅަ އައިސް ކުރިމަތީގައި ބައުންސްވުމަށް ޖާގަ ދީގެން ނުވާނެ. އެއީ ހެދުނު މިސްޓޭކެއް. އަހަރެމެން ބަލި ވީ އަހަރެންގެ ސަބަބުން. އަހަރެން ކުރި ކަންތަކުގެ އަސަރު މުޅި މެޗަށް ކުރި. އަހަރެންގެ އަތުގައި ކޮންޓްރޯލް އޮތް ބޯޅައެއް އެއީ، އެކަމަކު ކުރިމަތީގައި ބައުންސް ވުމުން އުނދަގޫ ގޮތަކަށް ދިޔައީ. އެވަގުތު ބޯޅައަށް ދާން އުޅުމުގެ ތެރޭގައި ކައްސާލި،" ޑި ލިގްޓް ބުނެފައިވެއެވެ.

އުމުރުން 21 އަހަރުގެ ޔުވެންޓަސް ޑިފެންޑަރު ޑި ލިގްޓް ބުނެފައި ވަނީ އޭނާގެ ރަތް ކާޑަށްފަހު ޓީމުގެ އެހެން ކުޅުންތެރީން ދެއްކި ހިތްވަރު ވަރަށް ގާތުން ފެނުނު ކަމަށާއި، ޓީމުގެ އެހެން ކުޅުންތެރިން ދެއްކި ކުޅުމަށް އޭނާ ފަހުރުވެރިވާ ކަމަށެވެ.

ޑި ލިގްޓް އަމިއްލައަށް ބަލިވުމުގެ ޒިންމާ ނެގި ނަމަވެސް ކޯޗު ފްރޭންކް ޑި ބޯ ވަނީ މެޗަށްފަހު ބަލިވުމާ ގުޅިގެން ކިޔާ ހުރިހާ އެއްޗެއް އޭނާއަށް އަމާޒު ކުރުމަށް އެދިފައެވެ. އަދި ބަލިވުމުގެ ފުރިހަމަ ޒިންމާ ނަގާނެ ކަމަށްވެސް ޑި ބޯ ބުނެފައިވެއެވެ. ޑި ބޯ ބުނެފައި ވަނީ މިހާރު ނެދަލޭންޑްސް ގައި އޮތް ސްކޮޑަކީ އުންމީދީ ސްކޮޑެއް ކަމަށާއި، މާޔޫސްކަމަށް ފަހު މި ސްކޮޑު އަރައިގަންނާނެ ކަމަށެވެ.

2000ވަނަ އަހަރު ޔޫރޯ އާއި، ޔޫރޯ 2004ގެ ތިންވަނަ މަގާމުވެސް ނެދަލޭންޑްސްއިން ހޯދިއިރު، މިފަހަރުގެ މުބާރާތަށް ނުކުތީ 2018 ވަނަ އަހަރު ވޯލްޑް ކަޕަށް ކޮލިފައި ނުވުމުގެ ހިތާމަ ނިންމާލައި، އާ އުންމީދަކައިގެންނެވެ. އެ ދަތުރު ނިމިގެން ދިޔައީ ރޭ ޗެކު ރިޕަބްލިކް އަތުން 2-0 އިން ބަލިވެ ގަދަ 16 އާ ހިސާބުންނެވެ.