ޔޫރޯ 2020 ގެ ގަދަ 16 އިން ޗެމްޕިއަން ޕޯޗުގަލް ކަޓުވާލައި ބެލްޖިއަމުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިރޭ ސްޕެއިންގެ ލަ ކަރުޓޫޖާ ސްޓޭޑިއަމްގައި ކުޅުނު މެޗު ބެލްޖިއަމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗު އިންތިހާއަށް ފޯރިގަދަކޮށް ފާހަގަކޮށްލެވުނު އިރު، ޔޫރަޕްގެ ޗެމްޕިއަނުން ކަޓައިގެން ދިޔައީ ހިތްދަތިކޮށެވެ. ހަމަލާތައް އުފެއްދި ނަމަވެސް ކާމިޔާބު ނުވެއެވެ.

މިރޭގެ މެޗަކީ ޔޫރަޕްގެ އެންމެ ވަރުގަދަ ދެ ބާރުގެ ކުރިމަތިލުމެކެވެ. ޕޯޗުގަލަކީ އެންމެފަހުގެ ޔޫރޯ ޗެމްޕިއަނުންނެވެ. ބެލްޖިއަމްއަކީ މިވަގުތުވެސް ފީފާ ރޭންކިންގެ އެންމެ އުހުގައި އޮތް ޓީމެވެ. އެޓީމުން ފީފާ ރޭންކިންގެ އެއްވަނައިގައި ހިފަހައްޓަމުންދާތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. ދެޓީމަކީވެސް ތަރިންގެ ދެޓީމަށްވާ އިރު، މިވަގުތު ދުނިޔޭގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ އެންމެ ވަރުގަދަ ނަންތައް ދަނޑުމަތިން ފެނިފައިވެއެވެ.

ބެލްޖިއަމް ގަދަ 16 އަށް ދަތުރުކުރީ ގްރޫޕު ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ވަނީ ގްރޫޕު ސްޓޭޖުގައި ރަޝިއާގެ އިތުރުން ޑެންމާކާއި ފިންލޭންޑް ވެސް ބަލިކޮށްފައެވެ. ޕޯޗުގަލުން ގަދަ 16 އަށް ދިޔައީ ގްރޫޕު އެފްގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން މަރުގެ ގްރޫޕުގައި ހަންގޭރީ ބަލިކޮށް، ދުނިޔޭގެ ޗެމްޕިއަން ފްރާންސާ އެއްވަރުކުރިއެވެ. ހަމައެކަނި ބަލިވީ ޖަރުމަނު އަތުންނެވެ.

މެޗުގެ ކުރިން އެންމެ ވަރުގަދައަށް ދެކެވުނު އެއް ވާހަކައަކަށްވީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާހަކައެކެވެ. ފޯމުގައި ހުރި ރޮނާލްޑޯ މިރޭގެ މެޗަށް ނުކުތީ ދުނިޔޭގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ވުމަށެވެ. މެޗަށް ނުކުތްއިރު، ރޮނާލްޑޯ ވަނީ ގައުމީ ޖާޒީގައި 109 ގޯލު ޖަހައިފައެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލުން ފްރާންސާ ދެކޮޅަށް ކުޅުނު އިރު، އެ މެޗުގައި ރޮނާލްޑޯ ޖެހި ދެ ގޯލާއެކު އޭނާ ގައުމީ ޖާޒީގައި ޖެހި ގޯލުގެ އަދަދު ވަނީ 109 އަށް އަރައިފައެވެ. އެއީ ދުނިޔޭގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއާ ހަމަހަމަ އަދަދެކެވެ. އެ ރެކޯޑުގައި ކުރިންވެސް އޮތް އީރާންގެ އަލީ ދާއީ ޖަހާފައި ވަނީވެސް 109 ގޯލެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ވަރުގަދަ ޗެލެންޖުތަކެއް ފެނުނެވެ. ހަމަލާތަކަށް ދެޓީމުންވެސް ކުރިއަށް ޖެހުނުލެއް މަދުކަން ފާހަގަވެފައިވާ އިރު، ފުރަތަމަ ކޮޅުގައި ފެނިފައި ވަނީ ހަމަލާތައް މަދު މެޗެއްގެ ގޮތުގައެވެ. ފުރަތަމަ 15 މިނެޓް ތެރޭގައި ފެނުނު ހަމައެކަނި ފުރުސަތަކީ ރެނާޓޯ ސަންޗޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑިއޭގޯ ޖޮޓާ ފޮނުވާލި ހަމަލާއެކެވެ. ހުސްކޮށް ކަހަލަ ގޮތަކަށް އޮވެ ޖޮޓާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗުގެ ކުޅުން ވަރަށް ބޮޑަށް މެދުތެރެއިން ކޮންޓްރޯލް ކުރަމުންދިޔަ އިރު، ބެލްޖިއަމްގެ ކެވިން ޑިބްރޭނާއާއި ރެނާޓޯ ސަންޗޭޒްގެ ކުރިމަތިލުން ދިޔައީ ފާހަގަކުރެވެމުންނެވެ. އެއީ މެޗު އަނބުރާލުމަށް ދެޓީމުގައިވެސް ތިބި މުހިއްމު ދެކުޅުންތެރިންވެސް މެއެވެ.

ފުރަތަމަ ހާފުގައި ޕޯޗުގަލްގެ އިތުރު ހަމަލާއެއްވެސް ފާހަގަވެގެން ދިޔައެވެ. ރޮނާލްޑޯ ފޮނުވާލި ހިލޭ ޖެހުން ނުރައްކާތެރިކޮށް ދިޔަ ނަމަވެސް، ބެލްޖިއަމްގެ ގޯލްކީޕަރު ތީބޯ ކޯޓުވާ ވަނީ މަތަކޮށްފައެވެ. ހާފުގެ ފަހުކޮޅުގައި ބެލްޖިއަމްގެ އެޓޭކް ލައިނުގެ ނުރައްކާ ފާހަގަވިއެވެ. ރޮމެލޫ ލުކާކޫގެ ބާރު ދުވެލިތައް ފާހަގަވެގެން ގޮސްފައިވާ އިރު، ހާފު ނިންމާލީ ގޯލަކާވެސް އެކުގައެވެ. ބެލްޖިއަމަށް ލީޑު ނަގައިދިނީ ކެޕްޓަން އެޑެން ހަޒާޑުގެ ކޮއްކޮ ތޯގަން ހަޒާޑެވެ.

އޭރިއާ ބޭރުން ދުރުން ތޯގަން ހަޒާޑް ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ. ތޯގަން ހަޒާޑު ބޯޅައިގައި ޖެހިލެއް ބާރުކަމުން ބޯޅަ ދިޔައީ ގޯލްކީޕަރު ރުއި ޕެޓްރީޝިއާއަށް އެންމެ އުނދަގޫވާނެ ގޮތަށް އެނބުރެމުން މިސްރާބު ބަދަލުވަމުންނެވެ. ހިތްގައިމު ގޯލެކެވެ. އޭގެ ފަހުންވެސް ބެލްޖިއަމްގެ ހިތްގައިމު ކުޅުމަކާއެކު މުނިއޭގެ ނުރައްކާތެރި ހަމަލާއެއް ފާހަގަވިއެވެ. އަރިމަތިން ވަދެ ބޫޓުގެ ބޭރު ފުށުން ފޮނުވާލި ހަމަލާ ގޯލަށް އަމާޒެއް ނުވިއެވެ.

ގަދަ 16 ގެ އުންމީދު ބޮޑުކޮށް ދެވަނަ ހާފަށް ނުކުތް ބެލްޖިއަމަށް ދެވަނަ ހާފުގެ ކުރީކޮޅުގައި ދިމާވި އެންމެ ބޮޑު މާޔޫސްކަމަކީ މުހިއްމު މިޑްފީލްޑަރު ޑިބްރޭނާއަށް އަނިޔާވެ ބާލަން ޖެހުމެވެ. މެދުތެރޭގައި ޑިބްރޭނާ ކުޅެމުންދިޔަ ކުޅުން ގެއްލުމުން ޕޯޗުގަލުން ކުރިއަށް ޖެހިލައި ބެލްޖިއަމަށް ނުރައްކާވެސް ކުރިއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ޕޯޗުގަލަށް ދެ ފުރުސަތެއްވެސް ބޭކާރުވިއެވެ. ރޮނާލްޑޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖޮޓާ ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށް ދިޔައިރު، ސަންޗޭޒް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފީލިކްސް ބޮލުން ފޮނުވާލި ހަމަލާ، ބެލްޖިއަމް ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފައެވެ.

ޑިބްރޭނާ ނެތްތަން ފޫބައްދަން ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް މެދުތެރެއަށް ޖެހި ފަހަތުން ޖަހާ ޕާސްތައް ކުރިއަށް ސަޕްލައި ކުރުމުގައި ހިތްގައިމު ކުޅުމެއް ދައްކާފައިވާ އިރު، އޭނާ ހުއްޓުވަން ޕޯޗުގަލުން ގިނަ ފައުލްތަކެއް ކުރިތަން ފެނިގެންދިޔައެވެ. ހަމަލާތަކާއެކު މެޗުގެ ފަހު 15 ވަރަކަށް މިނެޓް ފެނިފައި ވަނީ ފިޒިކަލީ ނުރައްކާތެރި ޓެކުލްތަކަކާއި، ފައުލްތަކެއްގެ ތެރޭގައި ކުޅެމުންދިޔަ ތަނެވެ. ފުރުސަތުތަކާއެކު މެޗުގެ ފަހު ވަގުތު ކޮޅުވެސް ފެނުނީ ނޭވާ ހިފަހައްޓާލަން ޖެހޭހާ ޝައުގުވެރި ކޮށެވެ.

ބެލްޖިއަމުން ފަހަތަށް ޖެހި ކުޅެމުންދިޔަ އިރު، ޕޯޗުގަލުން ވަނީ ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލައިފައެވެ. ރުބެން ޑިއާޒް ބޮލުން ފޮނުވާލި ބާރު ހަމަލާއެއް ބެލްޖިއަމް ގޯލްކީޕަރު ކޯޓުއާ ހުޝިއާރުކަމާއެކު މަތަކޮށްފައިވެއެވެ. އަދި ޕެނަލްޓީ އޭރިއާ ތެރެއިން ރަފޭލް ގުރޭރޯ ފޮނުވާލި ބާރު ހަަމަލާ އަމާޒުވީ ބެލްޖިއަމް ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ ފަހުންވެސް ރޮނާލްޑޯ ބޮލުން ޖައްސާލި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އަންދްރޭ ސިލްވާ ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފައެވެ.

ބެލްޖިއަމުން ކައުންޓާގައި މަދު ފަހަރެއްގައި ނުރައްކާ ކުރި ނަމަވެސް، ފަހު ފަސް މިނެޓުގައިވެސް ޕްރެޝަރުކޮށް ނުރައްކާ ކުރީ ޕޯޗުގަލުންނެވެ. އެޓީމަށް މަދުވީ ހަމަ އެންމެ ގޯލެކެވެ. ބެލްޖިއަމުން ކުއާޓާގައި ވާދަކުރަން ޖެހޭނީ އިޓަލީއާއެވެ. މެޗު އޮންނާނީ ވެމްބްލީ ސްޓޭޑިއަމްގައެވެ.