ޔޫރޯ 2020 ގެ ގަދަ 16 ގައި ބެލްޖިއަމްއާއި ޕޯޗުގަލް ކުޅޭ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ ޔޫރަޕްގެ އެންމެ ވަރުގަދަ ދެ ބާރުގެ ކުރިމަތިލުއް. ޕޯޗުގަލްއަކީ އެންމެފަހުގެ ޔޫރޯ ޗެމްޕިއަނުން. ބެލްޖިއަމްއަކީ މިވަގުތުވެސް ފީފާ ރޭންކިންގެ އެންމެ އުހުގައި އޮތް ޓީމު. އެޓީމުން ފީފާ ރޭންކިންގެ އެއްވަނައިގައި ހިފަހައްޓަމުންދާތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައި. ދެޓީމަކީވެސް ތަރިންގެ ދެޓީމު. މިވަގުތު ދުނިޔޭގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ތަރިން މިރޭގެ މެޗުގައި ފެންނާނެ.
ބެލްޖިއަމް ގަދަ 16 އަށް ދަތުރުކުރީ ގްރޫޕު ބީގެ އެއްވަނަ ޓީމުގެ ގޮތުގައި. އެޓީމުން ވަނީ ގްރޫޕު ސްޓޭޖުގައި ރަޝިއާގެ އިތުރުން ޑެންމާކާއި ފިންލޭންޑް ވެސް ބަލިކޮށްފައި. ޕޯޗުގަލްއިން ގަދަ 16 އަށް ދިޔައީ ގްރޫޕު އެފްގެ ތިންވަނަ ޓީމުގެ ގޮތުގައި. އެޓީމުން މަރުގެ ގްރޫޕުގައި ހަންގޭރީ ބަލިކޮށް، ދުނިޔޭގެ ޗެމްޕިއަން ފްރާންސާ އެއްވަރުކުރި. ހަމައެކަނި ބަލިވީ ޖަރުމަނު އަތުން.
މިރޭގެ މެޗަށް ދެޓީމު ނުކުންނާނީ ސެވިއްޔާގެ ލަ ކަރުޓޫޖާ ސްޓޭޑިއަމްގައި.
- ޕޯޗުގަލް
ޔޫރޯގައި އަށް ފަހަރަށް ވާދަކޮށްފައިވާ ޕޯޗުގަލްއަކީ އެންމެފަހުގެ ޔޫރޯ ޗެމްޕިއަނުން. 1960 އިން 1980 އާ ހަމައަށް އެގައުމުން ޔޫރޯއަށް ކޮލިފައި ވެފައެއް ނުވޭ. އެހެންނަވެސް 1984 ވަނަ އަހަރު ކުޅުނު ޔޫރޯގައި ޕޯޗުގަލް ސެމީ ފައިނަލުގައި ވާދަކުރި. އޭގެ ފަހުން އަނެއްކާވެސް ކޮލިފައި ނުވެގެން ދެ ޔޫރޯ ޕޯޗުގަލްއަށް ގެއްލުނު. ދެން އެނބުރި އައި 1996 ވަނަ އަހަރުގެ ޔޫރޯގައި ޕޯޗުގަލް ކުއާޓާ ފައިނަލް ކުޅެފައިވޭ. 2000 ވަނަ އަހަރުގެ ޔޫރޯއަކީ އެޓީމުގެ ނަސީބު ބަދަލުކޮށްލާނެ މުބާރާތް ކަމަށް އެތައް ބަޔަކު ބަލަ ބަލައި ތިއްބައި އެ މުބާރާތުގެ ސެމީ ފައިނަލުން ޕޯޗުގަލް ކެޓީ ފްރާންސް އަތްދަށު ވެގެން.
ޕޯޗުގަލުގައި އެއިރު އޮތް ޓީމު ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 2004 ވަނަ އަހަރުގެ ޔޫރޯ ފައިނަލް ކުޅުން. އަމިއްލަ ގައުމުގައި ކުޅުނު މުބާރާތުގެ ފައިނަލުގައި އެ މުބާރާތުގެ ސަޕްރައިޒް ޓީމު ގްރީސް އަތުން ބަލިވި ބަލިވުމަކީ ލިބުނު ބޮޑު މާޔޫސް ކަމެއްވެސްމެ.
ގްރޫޕު ސްޓޭޖުގައި ޕޯޗުގަލްގެ ނަތީޖާތައް:
ޕޯޗުގަލް 3-0 ހަންގޭރީ
ޕޯޗުގަލް 2-4 ޖަރުމަނު
ޕޯޗުގަލް 2-2 ފްރާންސް
- ބެލްޖިއަމް
ޔޫރޯގައި ބެލްޖިއަމުން ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފައި. މިހާތަނަށް ފަސް ޔޫރޯއެއްގައި ވާދަކޮށްފައިވާ އިރު، އެޓީމުން ފުރަތަމަ ވާދަކުރީ ޖުމުލަ ހަތަރު ޓީމަކުން ވާދަކުރި ޔޫރޯ 1972 ގެ ޔޫރޯގައި. އެ މުބާރާތް ބޭއްވީ ވެސް ބެލްޖިއަމްގައި. ބެލްޖިއަމުން އެންމެ ރަނގަޅު ކާމިޔާބެއް ހޯދީ 1980ގެ ޔޫރޯގައި. އަށް ޓީމެއް ވާދަ ކުރި އެ މުބާރާތުގައި ފައިނަލަށް ދަތުރުކުރި ނަމަވެސް، ފައިނަލުގައި ވެސްޓް ޖާމަނީ އަތުން ވަނީ ބަލިވެފައި.
އެންމެ ފަހުން ބޭއްވި ޔޫރޯ 2016ގައި ވެސް ބެލްޖިއަމްގެ ނަތީޖާ ގޯހެއް ނޫން. އެއީ 16 އަހަރުގެ މެދުކެނޑުމަކަށްފަހު ޔޫރޯގައި ބެލްޖިއަމް ވާދަކުރި ފުރަތަމަ ފަހަރު. އެ ފަހަރު ގްރޫޕު ސްޓޭޖުގައި ބެލްޖިއަމް ލައްވާލީ އިޓަލީ އާއި އަޔަލެންޑް އަދި ސްވިޑަންއާ އެއް ގްރޫޕެއްގައި. ބެލްޖިއަމުން ގްރޫޕު ސްޓޭޖު ނިންމާލީ ދެވަނައިގައި. އެއްވަނައިގައި ނިންމާލީ އިޓަލީ.
ގްރޫޕު ސްޓޭޖުގެ ދެވަނައިގެ ގޮތުގައި ގަދަ 16އަށް ދަތުރުކޮށް، ފަސޭހަކަމާއެކު ހަންގޭރީ ބަލިކުރުމަށްފަހު ބެލްޖިއަމުން ވަނީ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފައި. ނަމަވެސް ކުއާޓާގައި މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ނުކުތް ބެލްޖިއަމްއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި. އެ މެޗުގައި ބެލްޖިއަމް ވަނީ ވޭލްސް އަތުން ބަލިވެފައި.
ގްރޫޕު ސްޓޭޖުގައި ބެލްޖިއަމްގެ ނަތީޖާތައް:
ބެލްޖިއަމް 3-0 ރަޝިއާ
ބެލްޖިއަމް 2-1 ޑެންމާކު
ބެލްޖިއަމް 2-0 ފިންލޭންޑް
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020