ކ. ކާށިދޫގައި ކުޑަކުއްޖަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މިރޭ ބުނީ ކާށިދޫގައި މަގުމަތިން ދިޔަ ފިރިހެން ކުއްޖެއްގެ ގައިގައި ޖަހައި، މާރާމާރީ ހިންގާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިއަދު މެންދުރުފަހު 2:50 ހާއިރުއެވެ.

ފުލުހުން ބުނީ އެ ކުއްޖާއަށް ލިބުނު އަނިޔާތަކަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށެވެ. ނަމަވެސް އެ ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް ބުންޏެވެ.

މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.