ޔޫރޯ 2020 ގެ ގަދަ 16 ގައި މިރޭ ކުޅުނު މެޗުގައި ވަރުގަދަ ނެދަލޭންޑްސް ބަލިކޮށް، ޗެކު ރިޕަބްލިކުން ނުވަ އަހަރަށްފަހު ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ހަންގޭރީގެ ޕުސްކާސް އެރީނާގައި މިރޭ ކުޅުނު މެޗު 2-0 އިން ޗެކުން ކާމިޔާބު ކޮށްފައިވާ އިރު، މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ނެދަލޭންޑްސްގެ މުހިއްމު ޑިފެންޑަރު މެތިއަސް ޑެ ލިގްޓަށް ދެއްކި ރަތް ކާޑާއެކު މެޗުގެ އޮއިވަރު ވަރަށް ބޮޑަށް ބަދަލުވެގެން ދިޔައެވެ. އެ ކާޑާއެކު ޗެކުން ވަނީ ހިތްވަރާއެކު ނެދަލޭންޑްސް ބަލިކޮށްފައެވެ.
ނެދަލޭންޑްސްއިން ގަދަ 16 އަށް ދިޔައީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ވަނީ އޮސްޓްރިއާ އާއި ޔޫކްރެއިން އަދި ނޯތު މެސަޑޯނިއާ ބަލިކޮށްފައެވެ. ޗެކު ރިޕަބްލިކް ގަދަ 16 އަށް ދިޔައީ ގްރޫޕް ޑީގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގައި އެޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ސްކޮޓްލޭންޑް ބަލިކުރި އިރު، ދެވަނަ މެޗުގައި ކްރޮއޭޝިއާއާ އެއްވަރުކުރިއެވެ. އަދި ތިންވަނަ މެޗުގައި ވަނީ އިންގްލެންޑް އަތުން ބަލިވެފައިވެއެވެ.
1988 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ޔޫރޯ ކާމިޔާބުކުރި ނެދަލޭންޑްސްއިން މިފަހަރުގެ ޔޫރޯގައި މިހާތަނަށް ދައްކާފައިވަނީ އެޓޭކިން ހިތްގައިމު ކުޅުމެކެވެ. ތާރީހަށް ބަލާލި ކަމުގައިވީ ނަމަވެސް ނެދަލޭންޑްސް އޮތީ މިރޭގެ މެޗަށް ފެވަރިޓުންގެ ގޮތުގައެވެ. ޗެމްޕިއަންކަން ހޯދި ފަހުންވެސް ޔޫރޯ ތާރީހުގައި ނެދަލޭންޑްސްއަކީ ވަރުގަދަ ބާރެކެވެ. އެގޮތުން ޔޫރޯ 1992، ޔޫރޯ 2000، ޔޫރޯ 2004ގެ ތިންވަނަ މަގާމު ނެދަލޭންޑްސްއިން ހޯދިއިރު، މިފަހަރުގެ މުބާރާތަށް ނުކުތީ 2018 ވޯލްޑް ކަޕަށް ކޮލިފައި ނުވެ އޮތް އޮތުން ހަނދާން ނައްތާލައި ތަރިންނާއެކު އާޖީލެއް ބިނާކުރާށެވެ. އެހެންނަމަވެސް އެ ދަތުރު މިރޭ ނިމުނީ މާޔޫސް ކަމުގައެވެ.
ނެދަލޭންޑްސްއާ ދެެކޮޅަށް މިރޭ ނުކުތް ޗެކް ރިޕަބްލިކަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 1996 ވަނަ އަހަރު މުބާރަތުގެ ފައިނަލް ކުޅުމެވެ. ޗެކް ރިޕަބްލިކްގެ ނަމުގައި އެޓީމަށް ރަނަރަޕްކަން ލިބުނު ނަމަވެސް 1976 ވަނަ އަހަރު ޗެކުސްލޮވޭކިއާ ނަމުގައި ވަނީ ޔޫރޯ ހޯދައިފައެވެ. އެޓީމުން ގަދަ 16 ފަހަނައަޅައި މީގެ ކުރިން އެންމެފަހުން ކުއާޓާއަށް ދިޔައީ 2012 ވަނަ އަހަރު މުބާރާތުގައެވެ.
އިދިކޮޅަށް ކުޅެން އުނދަގޫ ޓީމެއްގެ ގޮތުގައި ޗެކު މުބާރާތުގައި ފާހަގަކޮށްލެވިފައިވާ އިރު، މިރޭ ނެދަލޭންޑްސްއަށް ބޮޑު ޗެލެންޖަކާ ކުރިމަތިވާނެކަން މެޗުގެ ކުރިންވެސް އެނގެއެވެ. ފުރަތަމަ ހާފުގައި ފެނުނީވެސް ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ކުރީކޮޅުގައި ނެދަލޭންޑްސްގެ އަރިމަތިން ކުޅެމުންދިޔަ ޑެންޒިލް ޑަމްފްރީސްއާއި ކުރިއަށް ކުޅެމުންދިޔަ މެމްފިސް ޑިޕާއީގެ ނުރައްކާ ފާހަގަކޮށްލެވުނެވެ. ނެދަލޭންޑްސްގެ ޑިފެންޑަރު މެތިއަސް ޑި ލިގްޓްގެ ކުޅުން ފުރަތަމަ ހާފުގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވުނު އިރު، ކުރީކޮޅުގައި އޭނާއަށް ލިބުނު ފުރުސަތު ނިންމައިލެވޭ ގޮތް ވެފައެއް ނުވެއެވެ.
އަނެއްކޮޅުން ޗެކުގެ މަސޮޕުސްޓް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބަރަކް ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ޑިފެންޑަރު ޑި ލިގްޓް ވަނީ ބްލޮކް ކޮށްފައެވެ. އޭގެ އިތުރުން ޕެޓްރިކް ޝިކްގެ ހަމަލާ އަމާޒުވީ ނެދަލޭންޑްސްގެ ގޯލްކީޕަރު އަތަށް އަމާޒުވެފައިވާ އިރު، އަނެއްކޮޅުން ނެދަލޭންޑްސްގެ މާލެން ފޮނުވާލި ހަމަލާ، ޗެކްގެ ޑިފެންޑަރު ތޯމަސް ކަލާސް ވަނީ ބްލޮކްކޮށްފައެވެ. ހާފުގެ ފަހު މިނެޓުގައިވެސް ނެދަލޭންޑްސްއަށް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ޖޯޖީނިއޯ ވައިނާލްޑަމްއަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.
ގޯލަކަށް ނުހަނު ބޭނުންވެ އޮވެ ދެވަނަ ހާފަށް ނުކުތް ނެދަލޭންޑްސްގެ މާލިންއަށް ހާފުގެ ދެވަނަ މިނެޓުގައި މުޅިން ހުސް ފުރުސަތެއް ލިބުނެވެ. ޗެކްގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، މާލެން ގޯލަށް ޖެހުމުގެ ކުރިން ކީޕަރު ވަސްލިކް ވަނީ ހުޝިޔާރުކަމާއެކު ބޯޅަ ހޯދައިފައެވެ. ނެދަލޭންޑްސްއަށް މާޔޫސްކަން ކުރިމަތިވީ މެޗުގެ 55 ވަނަ މިނެޓުގައި ޑި ލިގްޓްއަށް ދެއްކި ރަތް ކާޑާއެކުގައެވެ.
ގޯލް އޭރިއާ ކައިރިން ޝިކް ބޯޅައާއެކު ކުރިއަށް ދާން މަސައްކަތް ކުރަނިކޮށް ޑި ލިގްޓް ކައްސާލުމާއެކު އޭނާ ބޯޅަ މަޑުކުރުވީ އަތުން ޖައްސައެވެ. އޭނާއަށް ރެފްރީ ފުރަތަމަ ރީނދޫ ކާޑު ދެއްކި ނަމަވެސް ވީއޭއާރް ބެލުމަށްފަހު، ރެފްރީ ނިންމީ އަތްލައިގެން ޑެ ލިގްޓް ހުއްޓުވީ ސީދާ ގޯލަށް ފަހިވި ފުރުސަތެއް ކަމަށެވެ. އެހެންކަމުން ނިންމުން ބަދަލުކޮށް ރެފްރީ ރަތް ކާޑު ދެއްކިއެވެ.
ކުޅުންތެރިޔަކު މަދުވުމާއެކު ނެދަލޭންޑްސްއަށް ޕްރެޝަރު ބޮޑުވިއެވެ. މާ ގިނައިރެއް ނުވެ ޗެކުން ލީޑުވެސް ނެގިއެވެ. އެޓީމަށް 68 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ އޭރިއާ ތެރެއިން ކަލާސް ބޮލުން ޖައްސާލި ބޯޅައަކުން ހޮލޭސްއެވެ. އެ ގޯލާއެކުވެސް ނެދަލޭންޑްސްއަށް އެޓޭކް ކުރަން ލިބުނީ ކައުންޓާގައި އެކަންޏެވެ. ކުޅުންތެރިޔަކު މަދު ތަންކޮޅު އެޓީމުގެ ކުޅުމުން ފާހަގަކުރެވިފައިވާ އިރު، ކައުންޓާގައި އުފެއްދި ދެ ހަމަލާއެއް ފިޔަވައި މެޗުގެ ފަހުކޮޅުގައި ނެދަލޭންޑްސްގެ ނުރައްކާ ފެނިފައެއް ނުވެއެވެ.
ނެދަލޭންޑްސްއަށް ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުނީ 80 ވަނަ މިނެޓުގައި ޗެކުން ދެވަނަ ގޯލެއް ޖަހައި ނަތީޖާ ޔަގީން ކުރުމުންނެވެ. ހޮލޭސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޗެކަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޝިކެވެ. އެއީ ޝިކް މިއަހަރުގެ ޔޫރޯގައި ޖެހި ހަތަރުވަނަ ގޯލެވެ.
ޗެކުން ކުއާޓާގައި ކުޅޭ މެޗުގައި ވާދަކުރަން ޖެހޭނީ ޑެންމާކާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020