މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރަން ހުއްދަދިނުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރެވެމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފަ އެވެ.
މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިދިޔަ މަހުގެ 12 އިން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އަންގައިފައެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ "ވަން" އަށް ބުނި ގޮތުގައި މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދިނުމަށް މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ. ނަމަވެސް ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދޭނެ ވަކި ތާރީހެއް އަދި ނުނިންމާ ކަމަށް ބުންޏެވެ.
ޖަމާއަތުގައި ނަމާދު ކުރަން ހުއްދަދޭން މަޝްވަރާ ކުރެވެމުންދާއިރު، މާލެ ސަރަހައްދުގެ ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އަންނާތީވެ، އެޗްޕީއޭ އިން އަންނަނީ ލުއިތައް ދެމުންނެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ވަނީ މާލޭގެ މިސްކިތްތައް ބަންދުކޮށްފައެވެ. ނަމަވެސް ކޭސްތަކުގެ އަދަދު މަދުވުމާ ގުޅިގެން މިމަހުގެ 15 އިން ފެށިގެން ވަނީ އެކަނި ގޮސް ނަމާދު ކުރެވޭ ގޮތަށް މާލެ ސަރަހައްދުގެ މިސްކިތްތައް އަލުން ހުޅުވާލާފައެވެ.
ކޮވިޑާ ގުޅިގެން މީގެ ކުރިންވެސް އެކި ފަހަރުމަތިން މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކުރިއެވެ. މިސްކިތްތަކުގައި ކައިރިކައިރީ ސަފު ހަދައިގެން ޖަމާއަތުގައި ނަމާދު ކުރުމަށް އެންމެ ފަހުން ހުއްދަ ދީފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހުއެވެ.
ކޮވިޑުގެ ހާލަތަށް ރިއާޔަތްކޮށް އެޗްޕީއޭއިން މިފަހުން ދިން ލުއިތަކަކީ ކާފިއުގެ ވަގުތު ކުޑަކުރުމާއި އެކަނި ކަސްރަތައް ނުކުތުމުގެ ހުއްދަ ދިނުމާއި ގައިޑްލައިނެއްގެ ދަށުން ސެލޫންތަކާއި ބޯކޮށާތަންތަން ހުޅުވުމުގެ ހުއްދަދިނުމާއި ޖިމްތައްވެސް ހުޅުވުމުގެ ހުއްދައިގެ އިތުރުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަވެސް ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު