ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އަޅަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަން ނިންމާފައިވާ އާ ސްކޫލު އިމާރާތް ކުރުމަށް އާރްސީސީ އާ ހަވާލުކޮށްފައި ވަނީ 243.12 މިލިއަން ރުފިޔާގެ އަގަކަށް، 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ރަޝީދު ކާޕެންޓްރީއާ ހަވާލުކޮށްފައިވަނީ ޑިޒައިން އަދި އިމާރާތް ކުރުމުގެ މަސައްކަތެވެ.
ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރާ މި ސްކޫލަކީ ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން އީޕީސީ ޓާންކީ އުސޫލުން އަޅާ އިމާރާތެކެވެ.
މި މަސައްކަތަކީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ފަސް އަހަރަށް ބަހާލައިގެން ރިފައިނޭންސް ކުރެވޭގޮތަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އިތުރު ސްކޫލެއް އަޅަން ހަވާލުކޮށްފައިވާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް އަޅަން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ހުޅުމާލޭގައި މިހާރު ތިން ސްކޫލު ހުރެއެވެ. އެެއީ ޣާޒީ ސްކޫލާއި ރެހެންދި ސްކޫލް އަދި ހުރަވީ ސްކޫލެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަދުވެގެން ތިން ސްކޫލު އަޅާނެކަމަށް މީގެކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު