ޓާމިނަލް ކެފޭ ތެރޭގައި އިންދައި ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް (ނަޑޭ) ގެ ބޮލަށް ވަޅި ހަރާފައި ވަނީ ގ. ޝާރާޒް މުހައްމަދު މަފާޒް ހުސައިން ސަލީމް ނޫން ކަމަށް ބުނެ މަފާޒުގެ އެކުވެރިޔަކު ހެކިބަސް ދީފި އެވެ.
ޓާމިނަލް ކެފޭ ތެރޭގައި އިންދައި މޫނު ނިވާކޮށްގެން ވަން ބަޔަކު ނަޑޭގެ ބޮލަށް ވަޅިން ހަމަލާދީ މަރާލީ 2017 ވަނަ އަހަރުގެ ޖުލައި 27 ވަނަ ދުވަހުގެ ރޭ 6:30 ހާއިރު އެވެ. އެ މައްސަލައާ ގުޅިގެން މަފާޒުގެ މައްޗަށް އުފުލާފައި ވަނީ ތޫނޫއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮތީ ދިފާއުގައި މަފާޒުގެ ފަރާތުން ހުށަހަޅާފައިވާ މީހެއްގެ ހެކިބަސް ނެގުމެވެ. ހެކިބަސްދެމުން އެމީހާ ބުނީ އޭނާ އަކީ މަފާޒުގެ ރަހުމަތްތެރިއެއް ކަމަށާއި އެ ދުވަހު މެންދުރުން ފެށިގެން އޭނާ އިނީ ޓާމިނަލް ކެފޭގައި ކަމަށެވެ. އަދި އެތަނުން ނިކުމެފައިވަނީ ނަޑޭއަށް ބަޔަކު ހަމަލާ ދިން ފަހުން ކަމަށް ވެސް އޭނާ ބުންޏެވެ.
ޓާމިނަލް ކެފޭގެ ގްރައުންޑް ފްލޯރގައި އޭނާއާ އަދި އިތުރު ދެ މީހުން އިން އިރު ނަޑޭއާ އަދި އިތުރު ބަޔަކު އޭނާގެ ކުރިމަތީގައި އިން މޭޒުގައި ތިބި ކަމަށް ހެކިވެރިޔާ ކިޔައިދިނެވެ. އަދި މާސްކް އަޅައިގެން މޫނު ނިވާކޮށްގެން ހުރި ދެ މީހަކު އެތަނަށް ވަދެ އެތަނުން އެކަކު ނަޑޭގެ ބޮލަށް ވަޅި ހެރި މަންޒަރު ވެސް ވަރަށް ރީތުކޮށް ފެނުނު ކަމަށް އޭނާ ކިޔައިދިނެވެ.
"އަޅުގަނޑު އެތަނުގައި އިންދާ ނަދީމުގެ ބޮލަށް ވަޅިޖެހިތަން އަޅުގަނޑަށް ފެނުނު،"
"އަޅުގަނޑަށް ހައމަ ގައިމު ވެސް ދަންނަވަން އެނގޭހާ ވެސް އެއްޗަކީ އެއީ މަފާޒެއް ނޫން ކަން. އެއީ މަފާޒަކީ އަޅުގަނޑާ ވަރަށް ގާތް އެކުވެރިއެއް ކުރިން ވެސް" މަފާޒްއާ އެއްކޮޅަށް ހެކިބަސް ދެމުން ހެކިވެރިޔާ ބުންޏެވެ.
އޭނާ ބުނީ އެ މީހުންގެ ހަރަކާތްތަކުން އެއީ ކޮންބައެއް ކަން ސާފު ނުވި ކަމަށެވެ. އޭނާ ބުނީ ވަޅިހެރީ މަފާޒު ނަމަ އޭނާއަށް އެނގޭނެ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ބުނެފައިވަނީ މަފާޒަކީ އޭނާގެ ޒަމާންވީ އެކުވެރިއެއް ކަމަށާއި ފެނިދެނިވެ އެކުގައި އުޅޭތާ ފުދޭވަރަކަށް ދުވަސް ވެފައިވާ ކަމަށެވެ.
މަފާޒަކީ ފުދޭވަރަކަށް އިސްކޮޅުން ދިގު މީހެއް ނަމަވެސް އެ ދުވަހު އެތަނަށް ވަދެ ނަޑޭއަށް ހަމަލާދީފައިވަނީ ހިކިކޮށް އަދި އެހާ ދިގު މީހެއް ނޫން ކަމަށް ހެކުވެރިޔާ ބުންޏެވެ.
މަފާޒުގެ އިތުރުން އެ މައްސަލައިގައި ދައުވާ ލިބޭ އަނެއް ތިން މީހުން ވެސް އެ ދުވަހު އެ ސަރަހައްދުން ފެނިފައި ނުވާ ކަމަށް އޭނާ ކިޔައިދިނެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުވާ ލިބޭ މީހުންގެ ފަރާތުން ހުށަހަޅާފައިވާ އިތުރު ދެ މީހަކު ވެސް ވަނީ އެ މީހުންގެ ދިފާއިގައި ހެކިބަސްދީފަ އެވެ. އެ ދެ ހެކިވެރިން ވެސް ބުނެފައިވަނީ އެތަނުން ދައުވާ ލިބޭ އެކަކު ވެސް އެ ދުވަހު ޓާމިނަލް ކެފޭ ހުރި ސަރަހައްދަށް ގޮސްފައި ނުވާ ކަމަށެވެ.
މަފާޒުގެ އިތުރުން ނަޑޭގެ މަރާ ގުޅިގެން ދައުވާ އުފުލާފައި ވަނީ ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިން ލ. ގަމު ތުނޑީ އަވަށު ވިދާތަރި، އަލީ ނިފާޒުގެ އިތުރުން ގއ. ގެމަނަފުށި، ހަވާސާ، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް