ނެދަލެންޑްސްއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވުނު ފުޓުބޯޅަ ނަމެކެވެ. މޮޅެތި ކުޅުންތެރިންތަކެއް އުފެދުނު ޓީމެކެވެ. އޮރެންޖް ޖާޒީގައި އެތަކެއް ކުޅުންތެރިން، އެތަކެއް ޖީލުތަކަކަށް ވިދާލާފައިވާ އިރު، މިއީ އެޓީމުގެ އެންމެ ކާމިޔާބު ދުވަސްތައް ނޫންކަން އެންމެންނަށްވެސް ގަބޫލު ކުރެވޭނެއެވެ. އަހަރުތަކަށް ބަލާ އިރު ނެދަލޭންޑްސްގެ ތަރިން ދުނިޔޭގެ ފުޓުބޯޅައިގައި ގިނައެވެ. ޑެނިސް ބާކޭމްޕް، ޔޯހާން ކްރައިފް، މާކޯ ވެން ބަސްޓެން، ރޫޑް ގުލިޓް، ފްރޭންކް ރައިކާޑް، ކްލެރެންސް ސީޑޯފް، ވެން ނިސްޓެލްރޫއީ، ގޯލްކީޕަރު އެޑްވިން ވެން ޑަ ސާ، ރޮބިން ވެން ޕާސީ، ފިލިޕް ކޮކޫ، އެޑްގާ ޑާވިޑްސް، ޕެޓްރިކް ކްލައިވެޓް، ފްރޭންކް ޑި ބޯ، ވެސްލީ ސްނައިޑާ އަދި ރޮނަލްޑް ކޫމަން ފަދަ ކުޅުންތެރިން އުފެދުނީ ނެދަލެންޑްސް އިންނެވެ. ނަމަވެސް ފަހަކަށް އައިސް، ނެދަލެންޑްސް އިން ވިދާލާ ކުޅުންތެރިން މަދެވެ.
ޔޫރޯގައިވެސް ނެދަލެންޑްސް ފާހަގަ ކޮށްލެވެނީ ވަރުގަދަ ޓީމެއްގެ ގޮތުގައެވެ. އެޓީމު ވަނީ ޔޫރޯގައި ނުވަ ފަހަރު ވާދަކޮށްފައެވެ. އޭގެ ތެރެއިންވެސް ނެދަލެންޑްސް އަށް ކާމިޔާބު ކުރެވުނީ އެންމެ މުބާރާތެކެވެ. އެއީ 1988 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ޔޫރޯއެވެ. އެއިރު އެޓީމުން ރޮނަލްޑް ކޫމަން، ރޫޑް ގުލިޓް އަދި މާކޯ ވެން ބަސްޓެން ފެނިގެން ދިޔައެވެ. އޭގެފަހުންވެސް ޔޫރޯގައި ނެދަލެންޑް ވިދާލިއެވެ. އެގޮތުން ޔޫރޯ 1992، ޔޫރޯ 2000، ޔޫރޯ 2004ގެ ތިންވަނަ މަގާމު ހޯދިއެވެ. އަދި ޔޫރޯ 1996 އާއި ޔޫރޯ 2008ގެ ކުއާޓާ ފައިނަލުގައި އެޓީމު ވާދަ ކުރިއެވެ.
ފަހުގެ ތާރީހެއްގައި ނެދަލެންޑްސްގެ އެންމެ މާޔޫސީ ދުވަސްތަކަކީ 2014ގެ ފަހެވެ. ވޯލްޑް ކަޕް 2014ގެ ތިންވަނަ ހޯދުމަށްފަހު އެޓީމަށް ޔޫރޯ 2016 އަދި ވޯލްޑް ކަޕް 2018 އަށް ކޮލިފައިވެފައެއް ނުވެއެވެ. އެ ދެ މުބާރާތަށް ނެދަލެންޑްސް ކޮލިފައިނުވުން ފުޓުބޯޅައިގެ މުޅި ދުނިޔެވެސް ފާހަގަކުރީ ބޮޑު ހައިރާންކަމެއްގެ ގޮތުގައެވެ. އެ ހާލަތު ބަދަލުކުރަން މިފަހަރުގެ ޓީމުން ނުކުތީ އެކަން ބަދަލުކޮށް، ނެދަލޭންޑްސްގެ އާ ޖީލެއް ދުނިޔެއަށް ދައްކާލުމަށެވެ. ޓީމުގެ ހުންގާނުގައި ތިބީވެސް އެކަން ސާބިތުކުރަން ހުންގާނު ސީދާކުރަން ތިބި ދެ ލެޖެންޑުންނެވެ.
މިފަހަރުގެ ޔޫރޯ ވެގެން ދާނީ ނެދަލޭންޑްސްގެ ކޯޗު ފްރޭންކް ޑި ބޯއަށް މުހިންމު މުބާރާތަކަށެވެ. އޭނާއަކީ ނެދަލެންޑްސްގެ ގޯލްޑަން ޖެނެރޭޝަނެއްގެ ކެޕްޓަނެވެ. ގައުމީ ޓީމަށް 112 މެޗު ޑި ބޯ ކުޅެދީފައިވެއެވެ. 1994 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕަށްވެސް ނެދަލޭންޑްސްއާ އެކު ދިޔަ ޑި ބޯ ވަނީ 1992 ވަނަ އަހަރާއި 2000 ވަނަ އަހަރު އަދި 2004 ވަނަ އަހަރުގެ ޔޫރޯގައިވެސް ނެދަލޭންޑްސް ޓީމަށް މުހިންމު މެޗުތަކެއް ކުޅެފައެވެ.
ނެދަލެންޑްސް އިން ވޯލްޑް ކަޕް 2010ގެ ހަތަރު ވަނަ މަގާމާއި ޔޫރޯ 2000 އަދި ޔޫރޯ 2004ގެ ތިންވަނަ ހޯދި އިރު، ނެދަލެންޑްސްގެ ކެޕްޓަނަކަށް ހުރީ ޑި ބޯ އެވެ. 1998 ވަނަ އަހަރު ވޯލްޑް ކަޕް ކުއާޓާ ފައިނަލުން އާޖެންޓީނާ ކަޓުވާލުމަށް ނެދަލޭންޑްސް އިން ޖެހި ތާރީހީ ގޯލް، ޑެނިސް ބާކޭމްޕްގެ ގޯލް ޖެހުމަށް 60 ޔާޑުގެ ހިތްގައިމު ޕާސް ދިން ކުޅުންތެރިޔަކީ ޑި ބޯއެވެ. ޑި ބޯއަކީ ގައުމީ ޓީމަށް 100 މެޗު ހަމަ ކުރި ފުރަތަމަ ކުޅުންތެރިޔާވެސް މެއެވެ. 2003 ވަނަ އަހަރު ޗެކު ރިޕަބްލިކާއެކު ކުޅުނު މެޗަކީ ޑި ބޯ ކުޅުނު އެ ޝަރަފުވެރި މެޗެވެ. މިރޭ ނެދަލޭންޑްސް ޔޫރޯ 2020ގެ ގަދަ 16ގައި ނުކުންނާނީ ޗެކު ރިޕަބްލިކާ ދެކޮޅަށެވެ.
ޑި ބޯއަކީ މިހާރު ނެދަލޭންޑްސް ކުޅުންތެރިންނަށް އެންމެ ބޮޑު ހިތްވަރެވެ. މުގުލުގައި ހުރި ކޯޗަކީ ނަމޫނާ ކުޅުންތެރިއަކަށްވުން އެއީ ބޮޑު ހިތްވަރެކެވެ. އޭނާގެ އެސިސްޓެންޓަކަށް ހުރި މީހާވެސް ބެންޗުން ފާހަގަވިއެވެ. ވަކި އާ މޫނެއް ނޫނެވެ. ވަކި ދެރަ ކުޅުންތެރިއެއްވެސް ނޫނެވެ. ރޫދު ވޭން ނެސްތެރޫއީއެވެ.
- ނެސްތެރޫއީ ފެނިލުމާއެކު ހިތްހަމަ ޖެހުން
ނެސްތުރޫއީ ނެދަލޭންޑްސްގެ ބެންޗުން ފެނުމަކީ ފުޓުބޯޅަ ސަޕޯޓަރުންނަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. ގައުމީ ޓީމަށް 70 މެޗު ކުޅެ، 35 ގޯލުވެސް ޖަހައިދީފައިވާ ނެސްތެރޫއީ 1998 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުންދާ އިރު، އޭނާއަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކްލަބު ލެޖެންޑެއްވެސް މެއެވެ.
ނެދެލޭންޑްސްއާ އެކު ފުރަތަމަ ބޮޑު މުބާރާތަކަށް ނެސްތެރޫއީ ދިޔައީ 2004 ވަނަ އަހަރުގެ ޔޫރޯއަށެވެ. ގުރޫޕް ސްޓޭޖުގެ ތިން މެޗުގައިވެސް ނެސްތެރޫއީ ގޯލް ޖަހާފައިވާ އިރު، އެ މުބާރާތުގެ ސެމީއަށް ނެދަލޭންޑްސް ގޮސްފައިވެއެވެ. ނެސްތެރޫއީއަކީ މުބާރާތުގެ ތަރިއެކެވެ. ޔަގީންކަން އޮންނަ މޮޅު ފޯވަޑަކަށް މުޅި ދުނިޔެ އޭނާ ބަލައިގަތެވެ. 2006 ވަނަ އަހަރު ވޯލްޑް ކަޕް ސްކޮޑުގައި ނެދަލޭންޑްސް ކޯޗު މާކޯ ވެން ބާސްޓެން ނެސްތެރޫއީ ހިމެނިއެވެ. އޭގެ ފަހުން ދެން ފެނުނީ ނެސްތެރޫއީގެ ރިޓަޔާމަންޓާ ދިމާލަށް ދިޔަތަނެވެ. ނަމަވެސް އޭގެ ފަހުންވެސް ދެ ފަހަރަކަށް އަލުން އޭނާ ގައުމީ ޓީމަށް ގޮސް މެޗުތައް ކުޅެފައިވެއެވެ.
ޔުނައިޓެޑަށް 150 މެޗު ކުޅެ، 95 ގޯލް ޖަހައި ދިން ސްޓްރައިކަރު މިއަދު ހުރީ ގައުމީ ކޯޗުގެ އެންމެ އިސް މީހާގެ ގޮތުގައެވެ. އެޓޭކިން ފުޓުބޯޅައާ ރައްޓެހި ނެސްތެރޫއީގެ އެހީއާއެކު ނެދަލޭންޑްސްއަށް ކާމިޔާބީއަށް ހަމައަށް ދިއުމަށް މިވަގުތު އޮތް އެންމެ މުހިންމު ކަމަކީ މިރޭ އޮންނަ ގަދަ 16ގެ މެޗުން މޮޅުވުމެވެ.
ނެދަލޭންޑްސް އާއި ޗެކު ރިޕަބްލިކް ކުޅޭ މެޗު އޮންނާނީ 21:00 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު