ރަހީނު ކުރުމަށްފަހު އަނިޔާވެރި ގޮތަކަށް މަރާލައި ފޮށިގަނޑަކަށް ލައި، މޫދަށް އެއްލާލަފައި އޮތް ކުޑަ ކުއްޖާގެ ޕޯސްޓް މޯޓަމް ހެދުމަށް، އިންޑިއާ އަށް ގެންދަން ނިންމައިފި އެވެ.

މި ކުއްޖާ މަރާލާފައި ވަނިކޮށް ފެނިފައި ވަނީ، މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ މީހުން ދިރި ނޫޅޭ ސަރަހައްދު މޫދު ތެރެއިންނެވެ. އެކުއްޖާ އަކީ ރަހީނު ކުރުމަށްފަހު މަރާލާފައިވާ ކުއްޖެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މުޅި ގައުމު ސިއްސުވާލި މި ހާދިސާ އަށްފަހު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ގެންދަން ފުލުހުން ވަނީ ނިންމާފަ އެވެ. މިކަމާ ގުޅިގެން "ވަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ، ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް މި ހަފުތާތެރޭގައި އިންޑިއާ އަށް ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޮފިސަރު ވިދާޅުވީ ޕޯސްޓްމޯޓަމް ހެދުމަށް އެ ކުއްޖާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އަދި މިއީ ރާއްޖެއިން ބޭރުން ކުރެވޭ ކަމަކަށް ވެފައި އެކަމުގައި ފުރިހަމަ ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމަށް ވަގުތު ނަގާ ކަމަށްވެސް ވިދާޅުވި އެވެ.

އުމުރުން 13 ކުޑަ ކުއްޖާ ރަހީނު ކުރި ކަމުގެ ރިޕޯޓު އާއިލާގެ ފަރާތުން ފުލުހުންނަށް ކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދުތެރެއިންނެވެ.

މި މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފައިވާއިރު އެމީހުންނަށް ވަނީ މާރާމާރީ އާއި، ގަސްދުގައި މީހަކު މެރުމުގެ ތުހުމަތާއި ޖިންސީ ގޯނާގެ ތުހުމަތު ކޮށްފަ އެވެ. އޭގެ ތޭރެއިން 17 އަހަރުގެ ފިރިހެން ކުއްޖާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.