ޔޫރޯ 2020 ގެ ގަދަ 16 ގެ ދެވަނަ މެޗުގައި އިޓަލީއާއި އޮސްޓްރިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

އިޓަލީއާއި އޮސްޓްރިއާ މިރޭ ކުޅޭ މެޗަކީ ޔޫރޯ 2020ގެ ގަދަ 16 ގައި ކުޅޭ ދެވަނަ މެޗު. އިޓަލީން ގަދަ 16 އަށް ދިޔައީ 100 ޕަސެންޓް ރެކޯޑަކާއެކު. އެޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ކޮޅަށް ގޯލެއް ވައްދާނުލައި މޮޅުވެފައިވާ އިރު، އެއީ ގްރޫޕް އޭގެ އެއްވަނަ ޓީމު. އިޓަލީން ވަނީ ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ހަތް ގޯލު ޖަހައި، އެޓީމުން ތަށްޓަށް ވާދަކުރާނެކަން ދައްކާލައިފައި.

މިއީ އޮސްޓްރިއާގެ ތާރީހުގައިވެސް ޔޫރޯގެ ނޮކްއައުޓް ބުރުގައި ކުޅޭ ފުރަތަމަ މެޗު. އެޓީމުން މިއަހަރު މުބާރާތުގެ ގަދަ 16 ޔަގީން ކުރީ ގްރޫޕް ސްޓޭޖުގައި ޔޫކްރެއިނާއި ނޯތު މެސަޑޯނިއާ ބަލިކޮށްގެން. އެޓީމު ގްރޫޕް ސްޓޭޖުގައި ބަލިވީ ނެދަލޭންޑްސް އަތުން އެކަނި. އޮސްޓްރިއާއިން ގަދަ 16 އަށް ދިޔައީ ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައި.

މިރޭގެ މެޗަށް ދެޓީމު ނުކުންނާނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި.

  • އިޓަލީ

އިޓަލީން ޔޫރޯގައި ނުވަ ފަހަރު ވާދަކޮށް، އެއް ފަހަރު ޗެމްޕިއަންކަން ހޯދި. ޗެމްޕިއަންކަން ހޯދީ 1968ގެ ޔޫރޯގައި. އިޓަލީ 1996 ވަނަ އަހަރުން ފެށިގެން ކޮންމެ ފަހަރަކު ޔޫރޯއަށް ކޮލިފައިވޭ. އިޓަލީން ވަނީ 2000 އަދި 2012 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލުގައި ވެސް ވާދަކޮށްފައި. ޔޫރޯ 2000 ގެ ފައިނަލުގައި ފްރާންސް އަތުން ބަލިވި އިރު، 2012ގެ ފައިނަލުގައި ބަލިވީ ސްޕެއިން އަތުން. އޭގެ އިތުރުން އިޓަލީ ވަނީ އެންމެ ފަހުން 2016ގައި ބޭއްވި ޔޫރޯގައި ވެސް ރަނގަޅު ހިސާބަކަށް ދަތުރުކޮށްފައި.

އެ ފަހަރުގެ މުބާރާތުގައި ބެލްޖިއަމް އާއި އަޔަލެންޑާއި ސްވިޑަންއާ އެއް ގްރޫޕެއްގައި އޮތް އިޓަލީން ގްރޫޕު ސްޓޭޖު ނިންމާލީ އެއްވަނައިގައި. އިޓަލީން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދީ ގަދަ 16ގައި މުބާރާތުގެ ފޭވަރިޓެއް ކަމަށްވާ ސްޕެއިން ކަޓުވާލުމަށްފަހު. ކުއާޓާއާ ހަމައިން އިޓަލީއަށް މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓްގައި ޖަރުމަން އަތުން ބަލިވެގެން.

މިހާރު އިޓަލީ އޮތީ އެންމެފަހުން ކުޅުނު 30 މެޗުން ބަލި ނުވެ. އިޓަލީން މިރޭ ނުކުންނަނީ 1930 ގެ ކާމިޔާބު ވިޓޯރިއޯ ޕޯޒޯގެ އިޓަލީގެ ރެކޯޑު މުގުރާލުމަށް.

ގްރޫޕް ސްޓޭޖުގެ މެޗުތައް:

އިޓަލީ 3-0 ތުރުކީ

އިޓަލީ 3-0 ސްވިޒަލޭންޑް

އިޓަލީ 1-0 ވޭލްސް

  • އޮސްޓްރިއާ

އޮސްޓްރިއާ އަކީ 2008 އިން ފެށިގެން ޔޫރޯއަށް އާ ޓީމެއް ނޫން. އެޓީމުން ވަނީ މީގެ ކުރިން ޔޫރޯ 2008 އަދި އެންމެ ފަހުން ބޭއްވި ޔޫރޯ 2016ގައި ވާދަކޮށްފައި. އެހެންނަމަވެސް މިފަހަރުގެ ޔޫރޯއާ ހަމައަށް އެޓީމު އޮތީ ގަދަ 16 އިން ޖާގައެއް ނުލިބި. ކެޕްޓަން ޑޭވިޑް އަލާބާ ފަދަ މުހިއްމު ކުޅުންތެރިންނާއެކު އެޓީމުން މިފަހަރު ދަނީ ތާރީހު ބަދަލުކުރަމުން.

ގްރޫޕް ސްޓޭޖުގެ މެޗުތައް:

އޮސްޓްރިއާ 3-1 ނޯތު މެސަޑޯނިއާ

އޮސްޓްރިއާ 0-2 ނެދަލޭންޑްސް

އޮސްޓްރިއާ 1-0 ޔޫކްރެއިން