ޔޫރޯ 2020ގެ ގްރޫޕު ސްޓޭޖުގެ މެޗުތައް ނިމި، މިއަދު ގަދަ 16ގެ މެޗުތައް ފެށިގެންދާނެއެވެ. ގްރޫޕު ސްޓޭޖުގައި ބައެއް ޓީމުތަކުގެ ފަރާތުން ވަރަށް ރަނގަޅު ނަތީޖާތަކެއް ފެނިގެންދިޔައެވެ. އަނެއްބައި މެޗުތަކުގައި ތަފާތު ނަތީޖާތައް ވެސް ފެނިގެންދިޔައެވެ.

ފުޓުބޯޅައަކީ ޓީމު ގޭމެއް ނަމަވެސް، އިންޑިވިޖުއަލް ކުޅުންތެރިންގެ މޮޅު ކުޅުމުގެ ސަބަބުން ޓީމަށް އެކަމުގެ ފައިދާކުރެއެވެ. އެގޮތުން މިފަހަރުގެ ޔޫރޯގައި ވެސް ބައެއް ކުޅުންތެރިންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

އޭގެ ތެރެއިން ގިނަ ކުޅުންތެރިން ގަދަ 16 އިން ވެސް ފެނިގެންދާނެއެވެ. މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ޓީމާއެކު ގަދަ 16 އިން ފުރުސަތު ނުލިބުނު ކުޅުންތެރިން ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ޕޮލެންޑަށް ތިން ލަނޑު ޖަހައިދިން އެޓީމުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ފާހަގަކޮށްލެވެއެވެ.

މިފަހަރު ބަލައިލާނީ ގްރޫޕު ސްޓޭޖުގައި މޮޅު ކުޅުމާއެކު ވިދާލައި، ޓީމާއެކު ގަދަ 16 އަށް ދަތުރުކުރި ބައެއް ކުޅުންތެރިންނަށެވެ. އެގޮތުން ގަދަ 16 އަށް ދަތުރުކުރި ކޮންމެ ޓީމެއްގެ ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔަކު ލިސްޓުގައި ހިމަނައިލާނަމެވެ.

ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ވަރުގަދަ ޖަރުމަނާއެކު ގަދަ 16ގައި ހިމެނުމުން ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލާއި އެޓީމުގެ ކެޕްޓަން އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވުނެވެ. އޭގެ ތެރެއިން ލަނޑު ޖެހުމަށް މާބޮޑު އުނދަގޫތަކެއް ކުރިމަތި ނުވި އެއް ކުޅުންތެރިޔަކަށް ރޮނާލްޑޯ ވެގެންދާނެއެވެ. ކޮންމެ މެޗެއްގައި ވެސް ލަނޑު ޖެހިއެވެ. ފަސް ލަނޑާއެކު ރޮނާލްޑޯއަކީ މިފަހަރުގެ ޔޫރޯގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ޕޯޗުގަލުން ޖެހި ހަތް ލަނޑުގެ ތެރެއިން ހަ ލަނޑު ޖެހުމުގައި ރޮނާލްޑޯގެ ދައުރު ފާހަގަކޮށްލެވެއެވެ. އޭނާގެ ލަނޑުތަކާއެކު ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އޮތް އީރާނުގެ އަލީ ދާއީގެ ރެކޯޑާ ވަނީ އެއްވަރު ވެފައެވެ. ރޮނާލްޑޯ ވެސް ވަނީ ގައުމީ ޓީމަށް 109 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ބެލްޖިއަމްއާއެކު ކެވިން ޑި ބްރޭނާ ގްރޫޕު ސްޓޭޖު ނިންމާލީ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައެވެ. އަނިޔާގެ ސަބަބުން ފުރަތަމަ މެޗުގައި ބެލްޖިއަމްގެ އެންމެ މުހިންމު މިޑްފީލްޑަރު ޑި ބްރޭނާ ކުޅެފައެއް ނުވެއެވެ. ދެވަނަ މެޗުގައި ވެސް ކުޅެން ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. ނަމަވެސް އެ މެޗުގައި ފަހަތުން އަރައި، ޑެންމާކު އަތުން ބެލްޖިއަމް މޮޅުވީ ޑި ބްރޭނާގެ މޮޅު ކުޅުމާއެކުއެވެ. އޭނާ ވަނީ އެ މެޗުގައި އެސިސްޓެއް ހަދައި، ލަނޑެއް ކާމިޔާބުކޮށްފައެވެ. ފުރަތަމަ 11 ގައި ހިމެނިގެން ޑި ބްރޭނާ ކުޅުނު ހަމައެކަނި މެޗަކީ ގްރޫޕު ސްޓޭޖުގެ ފަހު މެޗެވެ. ފިންލެންޑް އަތުން މޮޅުވި އެ މެޗުގައި ވެސް އޭނާގެ ކުޅުން ފާހަގަކޮށްލެވެއެވެ.

މަރުގެ ގްރޫޕުގެ ކޮންމެ މެޗެއްގައި ވެސް އެއް ފެންވަރެއްގައި މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔަކީ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއެވެ. ކީލިއާން އެމްބާޕޭ އާއި ކަރިމް ބެންޒެމާއަށް ހުސް ފުރުސަތުތައް ތަނަވަސްކޮށްދިނުމުގައި މެދުތެރެއިން އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިޔަކީ ޕޮގްބާއެވެ. ގަދަ 16ގައި ވެސް ފްރާންސުން އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔަކަށް އޭނާ ވެގެންދާނެއެވެ.

ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗުގައި މޭސަން މައުންޓް ފެނިގެން ނުދިޔަ ނަމަވެސް، އިންގްލެންޑް ކޯޗު އެންމެ އިތުބާރު ކުރާ އެއް ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވުނީ މައުންޓެވެ. އޭނާ ވަނީ އިންގްލެންޑްގެ ފުރަތަމަ ދެ މެޗުގައި އެޓޭކުގެ އިތުރުން ޑިފެންސްގައި ވެސް އިސްދައުރެއް އަދާކޮށްފައެވެ.

ސްޕެއިނުން ގަދަ 16 ކަށަވަރު ކުރީ ގްރޫޕުގެ ފަހު މެޗުގައި 5-0ގެ ނަތީޖާއަކުން ސްލޮވާކިއާ ބަލިކޮށްގެންނެވެ. ކުރިން ވެސް ބެލެވުނު ގޮތަށް ގްރޫޕު ސްޓޭޖުގެ ތިން މެޗުގައި ސްޕެއިންގެ ފަރާތުން ފެނުނީ ޕޮސެޝަން ގޭމެކެވެ. އަލްބާ ވަނީ ސްޕެއިންގެ މެޗުތަކުގައި 247 ޕާސް ކޮށްފައެވެ. ޓީމުގެ އެންމެ ކްރިއޭޓިވް ކުޅުންތެރިޔަކީ ވެސް އޭނާއެވެ.

ޖަރުމަނަށް ގަދަ 16 އިން ޖާގައެއް ކަށަވަރުވެގެންދިޔަ އެންމެ މުހިންމު އެއް ކަމަކީ ކުޅުންތެރިންގެ ތަޖުރިބާއެވެ. ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި މެޓްސް ހުމުލްސް އަތުން ބައިކޮޅަށް ލަނޑެއް ވަން ނަމަވެސް، ގްރޫޕު ސްޓޭޖު މެޗުތަކުގައި ޖަރުމަނުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ އެޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ހުމުލްސްއެވެ. ޑިފެންސްގައި އިސް ދައުރެއް އަދާކުރުމުގެ އިތުރުން އޭނާ ވަނީ ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗުގައި ކައި ހަވާޓްޒްގެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.

ޔޫރޯ 2020 ގައި އެންމެ ތަފާތު ކުޅުމެއް ދެއްކި އެއް ޓީމަކީ އިޓަލީއެވެ. އެޓީމުގެ ގިނަ ކުޅުންތެރިންތަކެއް ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އޭގެ ތެރޭގައި މިޑްފީލްޑަރު މެނުއަލް ލޮކަޓެލީ ފާހަގަކޮށްލެވެއެވެ. އުމުރުން 23 އަހަރުގެ މިޑްފީލްޑަރު ލޮކަޓެލީ ވަނީ ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާގެ މޮޅު ކުޅުމާއެކު ޕްރިމިއާ ލީގުގެ ޓީމުތަކަކާއި އިޓަލީގެ ޔުވެންޓަސް އިން ވެސް ވަނީ އޭނާ ހޯދުމަށް މަސައްކަތްތަކެއް ކުރަން ފަށައިފައެވެ.

ވޭލްސްއަށް ގަދަ 16 ކަށަވަރުވެގެން ދިޔައީ ސްވިޒަލެންޑާއި ތުރުކީ އަތުން ހޯދި ޕޮއިންޓްތަކާއެކުއެވެ. ވޭލްސްއަށް ހަތަރު ޕޮއިންޓް ހޯދައިދިނުމަށް އެޓީމުގެ ޑިފެންސްގައި އެންމެ ވަރުގަދަ ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ ކްރިސް މެޕަމްއެވެ. އެ މެޗުތަކުގައި ވޭލްސް ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ.

ސްވިޒަލެންޑަށް ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިޔަކީ ޒާޑަން ޝަކީރީއެވެ. ގްރޫޕު ސްޓޭޖުގައި ސްވިޒަލެންޑުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑެއްގައި ޝަކީރީގެ ދައުރު ފާހަގަކޮށްލެވެއެވެ. ޝަކީރީގެ އެންމެ މޮޅު ކުޅުން ފެނުނު އެއް މެޗަކީ އެޓީމަށް ގަދަ 16ގެ ޖާގައެއް ކަށަވަރުވި މެޗެވެ. އެއީ ގްރޫޕުގެ ފަހު މެޗުގައި ތުރުކީއާ ދެކޮޅަށް ކުޅެ، 3-1ގެ ނަތީޖާއަކުން މޮޅުވި މެޗެވެ. އެ މެޗުގައި އޭނާ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

ގްރޫޕު ސްޓޭޖުގައި ޑެންމާކުން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހުމުގައި ހޮއިބިއާގެ ދައުރު ފާހަގަކޮށްލެވެއެވެ. އިތުރު ލަނޑު ޖެހުމަށް ވެސް އޭނާ ވަނީ މުހިންމު ފުރުސަތުތަކެއް ތަނަވަސްކޮށްދީފައެވެ. ފިންލެންޑް މެޗުގައި ޕެނަލްޓީއެއް ނާކާމިޔާބުވި ނަމަވެސް، އޭނާއަކީ ގްރޫޕު ސްޓޭޖުގައި ޑެންމާކުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.

ފްރެންކީ ޑި ޔޮންގް ފެނިގެންދިޔައީ ގްރޫޕު ސްޓޭޖުގައި އެއް ލެވެލެއްގައި ހިފަހައްޓާލި އެއް ކުޅުންތެރިޔާއަށެވެ. މެމްފިސް ޑިޕާއީ އާއި ޖޯޖީނިއޯ ވައިނަލްޑަމްއަށް ފުރުސަތުތައް ތަނަވަސްކޮށްދިނުމުގައި ޑި ޔޮންގްގެ ދައުރު ފާހަގަކޮށްލެވެއެވެ. އުމުރުން 24 އަހަރުގެ ޑި ޔޮންގްއަކީ ގްރޫޕު ސްޓޭޖުގެ މެޗުތަކުގައި އެންމެ ގިނަ ޑްރިބަލް ކުރި ކުޅުންތެރިޔާއެވެ. އޭނާ ވަނީ 13 ޑްރިބަލް ފުރިހަމަކޮށްފައެވެ. އަދި ނެދަލެންޑްސްގެ މިޑްފީލްޑުގައި ބޯޅަ ހިފެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިޔަކީ ޑި ޔޮންގްއެވެ.

އޮސްޓްރިއާގެ ރައިޓް ބެކް، ސްޓެފަން ލައިނާގެ އެންމެ ފާހަގަކޮށްވުނު ވަގުތުކޮޅަކީ ނޯތު މެސެޑޯނިއާ ކޮޅަށް ޖެހި ރީތި ލަނޑެވެ. ގްރޫޕު ސްޓޭޖު މެޗުތަކުގައި ލައިނާގެ ފަރާތުން ބުރަ މަސައްކަތްތަކެއް ފެނިގެންދިޔަ އިރު، އެންމެ ގިނަ ޓެކަލް ކާމިޔާބުކުރި އެއް ކުޅުންތެރިޔަކީ ލައިނާއެވެ.

ޔޫރޯ 2020ގައި ޔޫކްރޭން ކެޕްޓަން އަންދްރޭ ޔަމަލެންކޯ ވަނީ އޭނާ ފެންވަރު ދައްކާލައިފައެވެ. އޭނާ ވަނީ ގްރޫޕު ސްޓޭޖުގައި ނެދަލެންޑްސް އަދި ނޯތު މެސެޑޯނިއާ ކޮޅަށް ވެސް ލަނޑެއް ކާމިޔާބުކޮށްފައެވެ. އޭނާއަށް ލަނޑެއް ނުޖެހުނު ހަމައެކަނި މެޗަކީ އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗެވެ.

ކްރޮއޭޝިއާ އިން ގްރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުގައި ވެސް އިވާން ޕެރިސިޗްގެ ނުރައްކާ ފެނިގެންދިޔައެވެ. ކްރޮއޭޝިއާ އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ޕެރިސިޗްއެވެ. އިންގްލެންޑް ފިޔަވައި، ގްރޫޕުގައި ދެން ހިމެނުނު ޗެކް ރިޕަބްލިކާއި ސްކޮޓްލެންޑް ކޮޅަށް އޭނާ ވަނީ ލަނޑު ޖަހައިފައެވެ.

ގްރޫޕު ސްޓޭޖުގައި ޗެކް ރިޕަބްލިކުން ޖެހި ތިން ލަނޑަކީ ވެސް ޕެޓްރިކް ޝިކް ކާމިޔާބުކޮށްދިން ލަނޑުތަކެކެވެ. އޭގެ ތެރޭގައި ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ޖެހި ރީތި ލަނޑު ފާހަގަކޮށްލެވެއެވެ. މިފަހަރުގެ ޔޫރޯގައި އުމުރުން 25 އަހަރުގެ ފޯވަޑް ޝިކް ފާހަގަކޮށްލެވެނީ ސަޕްރައިޒް ކުޅުންތެރިއެއްގެ ގޮތުގައެވެ.

މުބާރާތް ފެށުނު އިރު، ގިނަ ބައެއްގެ އަމާޒު ހުއްޓުނީ ސްވިޑެން ފޯވަޑް އެލެކްސެންޑާ އިސާކްއަށެވެ. ނަމަވެސް ފަހުން ގްރޫޕު ސްޓޭޖުގައި ސްވިޑެންގެ އެންމެ މުހިންމު ކުޅުންތެރިޔަކަށްވީ އެޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްދިން އެމިލް ފޯސްބާގްއެވެ. ޒްލަޓަން ވަނީ އިބްރަހިމޮވިޗް ނެތްތަން އޭނާ ފޫބައްދައިދީފިއެވެ.