ސްޕެއިންގެ މެޗުތަކުގައި ގިނަ ފުރުސަތުތަކެއް ބޭކާރު ވެ ސްޕޯޓަރުންގެ ނުރުހުން އަމާޒުވެފައިވާ ކަމަށާއި، އެ ނުރުހުމުގެ ތެރެއިން އާއިލާއަށް މަރުގެ އިންޒާރުތައް އައިސްފައިވާ ކަމަށް ފޯވަޑް އަލްވާރޯ މޮރާޓާ ބުނެފިއެވެ.
ސްޕެއިންގެ ރޭޑިއޯ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި އުމުރުން 28 އަހަރުގެ ފޯވަޑް މޮރާޓާ ފާހަގަކޮށްފައި ވަނީ ސްޕެއިންގެ ސެވިއްޔާ ސިޓީން އަންހެނުންނާއި ދަރިންނާ ދިމާއަށް ހަޅޭލަވައި އިންޒާރުތައް ދީފައިވާ ކަމަށެވެ. ހާއްސަކޮށް ބައެއް މެސެޖުތަކާއެކު ފޯނު ބަލައިލަންވެސް އުނދަގޫ ކަމަށް މޮރާޓާ ބުނެފައިވެއެވެ.
"މީހުން އެބަ ބުނޭ އަހަރެންގެ ދަރިފުޅު މަރުވާނެ ނަމައޭ. އަހަރެން ބޭނުން އެމީހުން އަހަރެން މިހުރި މަގާމުގައި ހުރެ، އަހަރެންގެ ވިސްނުމުގައި ވިސްނާލަން. މިއީ އުނދަގޫ ކަމެއް. މިއީ މިކަން ވާން ޖެހޭ ގޮތެއްވެސް ނޫން. އަހަރެންގެ އަންހެނުންނާއި ކުދިން ދަނޑަށް އެބަދޭ މޮރާޓާ ޖާޒީގައި ޖަހައިގެން ޓީމަށް ހިތްވަރުދޭން. އެ ގޮސް ތިބޭއިރުވެސް ސަޕޯޓަރުން ހަޅޭލަވާ ދިމާކޮށް ހަދާ،" މޮރާޓާ ބުނެފައިވެއެވެ.
މޮރާޓާ ބުނެފައި ވަނީ ސަޕޯޓަރުން އޭނާ އަތުން ގެއްލޭ ފުރުސަތުތަކަށް "ބޫ" ކުރުން ބަލައިގަންނަ ނަމަވެސް، އެހިސާބުން އެކަން ލިމިޓްކޮށްލަން އެދޭ ކަމަށެވެ.
ޔޫރޯ ފެށުމުގެ ކުރިން އެކުވެރިކަމުގެ މެޗުތަކުގައިވެސް މޮރާޓާ އަތުން ފަސޭހަ ފުރުސަތުތައް ގެއްލިގެން ދިޔުމުން ސްޕެއިން ސަޕޯޓަރުންވަނީ އޭނާއަށް "ބޫ" ކޮށްފައެވެ. މުބާރާތުގެ ކުރިން ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް މޮރާޓާއަށް އެ އުނދަގޫތައް ދިމާވެ ޕްރެޝަރާއެކު މުބާރާތަށް ގޮސްވެސް ގޯލް ނުޖެހުމުގެ ބޮޑު މައްސަލަތަކެއް ވަނީ ކުރިމަތި ވެފައެވެ.
ސްޕެއިންއިން މި ޔޫރޯގައި ޖެހި ހަމައެކަނި ގޯލް މޮރާޓާ ޖަހައިދިން ނަމަވެސް އޭނާއަށް ސަޕޯޓަރުން ޕްރެޝަރު ކުރަނީ މުޅިން ހުސް ފުރުސަތުތަކެއް ކޮންމެ މެޗެއްގައިވެސް ނަގާލާތީއެވެ. އެންމެފުރަތަމަ މެޗުގައިވެސް ހުސް ފުރުސަތެއް މޮރާޓާ އަތުން ބޭކާރުވެގެން ދިޔައިރު، ދެވަނަ މެޗުގައި ޖެރާޑް މޮރޭނޯ ޖެހި ޕެނަލްޓީއެއްގެ ރީބައުންސްގައި ލިބުނު ހުސް ފުރުސަތުވެސް މޮރާޓާ ބޭކާރުކޮށްލިއެވެ. އަދި ސްޕެއިންއިން އެންމެފަހުން ކުޅުނު ގްރޫޕް ސްޓޭޖު މެޗުގައިވެސް މޮރާޓާ ވަނީ ލިބުނު ޕެނެލްޓީއެއްވެސް ބޭކާރު ކޮށްލާފައެވެ.
ގަދަ 16 ގައި މޮރާޓާގެ ޕާފޮމަންސް ރަނގަޅު ކުރަން ސްޕެއިންއަށް މަޖުބޫރު ވާއިރު، ކޯޗު ލުއިސް އެންރީކޭ އަދިވެސް މޮރާޓާއަށް އިތުބާރުކުރާ ކަމަށް އޭނާ ބުނެފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު