ޚަބަރު

ޖެންޑާ އިން މީޑިއާތަކަށް ފިޔަވަޅު އެޅުމުން ބްރޯޑްކޮމްގެ ކަންބޮޑުވުން

ހަބަރު ގެނެސްދިން ގޮތުން ޖެންޑާ މިނިސްޓްރީން ބައެއް މީޑިއާތަށް ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުން ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރަހީނުކުރުމަށްފަހު މަރާލައި ފޮއްޓަކަށް ލާފައި އޮއްވައި ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގެ ހަބަރުތައް ބައެއް ނޫސްތަކުން ގެނެސްދިން ގޮތާމެދު ހިތްހަމަ ނުޖެހިގެން ޖެންޑާ މިނިސްޓްރީން ވަނީ އިއްޔެ ނޫހެއް ޖޫރިމަނާކޮށް، ބައެއް ނޫސްތަކަށް ނަސޭހަތްދީފައެވެ. އެގޮތުން އަވަސް އޮންލައިން ވަނީ 2000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

އެކަމާ ގުޅިގެން ބްރޯޑްކޮމް އިން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އަންގާރަ ދުވަހު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް، އަނިޔާވެރިގޮތަކަށް މަރާލި ހާދިސާގެ ހަބަރުތައް ބައެއް ބްރޯޑްކާސްޓަރުން ގެނެސްދީފައިވާ ގޮތް ކޮމިޝަންގެ ސަމާލުކަމަށް އައުމާ ގުޅިގެން، ކޮމިޝަނުން އަންނަނީ އެކަންކަން ބަލަމުން ކަމަށެވެ.

"އެހެންނަމަވެސް، 24 ޖޫން 2021ގައި، މި ހާދިސާއާ ގުޅޭ ހަބަރުތައް ބައެއް މީޑިއާތަކުން ގެނެސްދީފައިވާ ގޮތުން މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު (2019/19) އިން އެ މިނިސްޓްރީއަށް ލިބިދީފައިވާ ބާރުގެ ދަށުން، ބައެއް މީޑިއާތަކަށް ފިޔަވަޅު އަޅާފައިވާތީ، އެކަމުގެ ކަންބޮޑުވުން ކޮމިޝަނުން ފާޅުކުރަމެވެ. އަދި ބްރޯޑްކާސްޓްކުރާ ފަރާތްތަކާ މެދު މިފަދަ ފިޔަވަޅެއް އެޅުމަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާނެ ކަމެކެވެ..،" ބްރޯޑްކޮމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރާއްޖޭގެ އެކި ގާނޫނުތަކުން މީޑިއާތަކަށް ފިޔަވަޅު އެޅުމަށް ފުރުސަތު ލިބިދީފައިވާތީ، އެކަމަކީވެސް އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ. އަދި ގާނޫނުތަކުގައި ހުރި މިފަދަ ފުށުއެރުންތައް އެއްގޮތްކޮށް، އިސްލާހުކޮށް، ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެންމެ ފުރިހަމަ ދަރަޖައަށް ދިނުމަށް ގާނޫނުތައް ބައްޓަންކުރުމަށް، އެކަމާ ގުޅޭ ލަފާ ސަރުކާރަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.

މީޑިއާގެ ހައްގުތައް، ހާއްސަކޮށް ބްރޯޑްކާސްޓަރުންގެ ހައްގުތައް ހިމާޔަތްކޮށްދީ، އެފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ އެއްބާރުލުމާއި، އެހީތެރިކަން ފޯރުވައިދިނުމަށް ބްރޯޑްކާސްޓްކުރުމުގެ ގާނޫނުން ބާރު ލިބިގެން އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތައް ކުރުމުގައި، ކޮމިޝަން ދެމިއޮންނާނޭ ކަމުގެ ޔަގީންކަން ހުރިހާ ބްރޯޑްކާސްޓަރުންނަށް ބްރޯޑްކޮމް އިން ވަނީ ދީފައެވެ.

"ކުޑަ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައާ ގުޅޭ މައުލޫމާތު ގެނެސްދިނުމުގައާއި، މިފަދަ އެންމެހާ ހަބަރާއި މައުލޫމާތު ފެތުރުމުގައި، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި، ކޮމިޝަނުން އެކުލަވާލާފައިވާ ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ހިމާޔަތްކުރުމަށް އަމަލު ކުރަންވީ ގައިޑްލައިންގެ ހަމަތަކާ އެއްގޮތަށް ކޮންޓެންޓް ފޮނުވުމަށްވެސް މި ފުރުސަތުގައި ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ..،" ބްރޯޑްކޮމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ގާނޫނު އަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި، އާލާކުރުމާއި، ޑިމޮކްރަސީ އާލާކުރުމަކީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގައި އެކަށައަޅާފައިވާ މަގުސަދުތަކެއް ކަމުގައިވާތީ، މި މަގުސަދުތައް ހާސިލުކުރުމަށް ކޮމިޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބްރޯޑްކޮމް އިން ވަނީ ބުނެފައެވެ.