ލޮސް އެންޖެލިސްގައި ބުދަ ދުވަހު ކުރިއަށް ދިޔަ ބްރިޓްނީ ސްޕިއާސްގެ ކޮންސަވޭޓާޝިޕް މައްސަލައިގެ އަޑު އެހުމުގައި ބްރިޓްނީ ވަނީ ވާޗުއަލްކޮށް ބައިވެރިވެ ވާހަކަދައްކާފައެވެ.

މި އަޑުއެހުމުގައި 39 އަހަރުގެ ބްރިޓްނީ ސްޕިއާސް ވަނީ އޭނާގެ ބައްޕަ ޖޭމީ ސްޕިއާސް އަދި އޭނާގެ މެނޭޖްމަންޓް ޓީމާ ހިލާފަށް ގިނަ މައްސަލަތަކެއްގެ ވާހަކަތައް ހުށަހަޅާފައެވެ.

މި އަޑުއެހުމުގައި ގާތްގަނޑަކަށް 30 މިނިޓުވަންދެން ބްރިޓްނީ ވަނީ އޭނާގެ ހިތުގެ އުދާސްތައް ބަންޑުންކޮށް ޝަކުވާތައް ހުށަހަޅާފައެވެ. އޭނާގެ ވާހަކަތައް އަވަސް އަރުވާލާފައި ހުރުމުން ކޯޓުން ވަނީ ތަކުރާރުކޮށް ލަސްލަހުން ވާހަކަދެއްކުމަށް ބްރިޓްނީއަށް ނަސޭހަތްތެރި ވެފައެވެ.

ކޯޓުން މީގެ 13 އަހަރު ކުރީން ފެށިގެން ކޮންސަވޭޓާޝިޕްގެ ގޮތުގައި ބެލެހެއްޓުންތެރިއެއްގެ ގޮތުން އޭނާގެ ބައްޕަ ޖޭމީ ސްޕިއާސް ވަނީ ކަނޑައަޅާފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާއަށް ތަފާތު ފިއްތުންތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، އޭގެ ތެރޭގައި އޭނާ ދަަރިޔަކު ހޯދުމުން ގަސްތުގައި މަހުރޫމު ކުރުވައި، އަައިޔޫޑީއެއް ލެއްވުމަށް މަޖުބޫރު ކުރުވި ވާހަކަ ބްރިޓްނީ ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން ޝޯތައް ދިނުމަށް މަޖުބޫރު ކުރުވުމާއި، އޭނާގެ ތެރަޕިސްޓާއި ގުޅިގެން ބާރުގަދަ ބޭސްތައް ކެއުމަށް ހިތްވަރުދިނުމާއި، އެއްވެސް މިނިވަންކަމެއް ނެތި އުޅެން ޖެހުން ހިމެނެއެވެ. ޓުއާތަކުގައި އުޅޭ އުޅުމުގައި ކުޑަމިނުން ހެދުން ބަދަލުކުރަންވެސް ޖެހެނީ ބައެއްގެ ކުރިމަތީގައިކަން އޭނާގެ ވާހަކައިގައި ފާހަގަ ކޮށްފައިވެ އެވެ.

ބްރިޓްނީ ބުނެފައިވަނީ އޭނާ ފުރިހަމަ މިނިވަންކަމާއެކު ދިރިއުޅުމައިގެން ކުރިއަށް ދާން ބޭނުންވާ ކަމަށާއި، ކައިވެންޏެއްކޮށް ދަރިން ހޯދަން ބޭނުންވާ ކަމަށެވެ. ނަމަވެސް ކޮންސަވޭޓާޝިޕްގެ ދަށުން އޭނާގެ މައްޗަށް އައްޔަން ވެގެން ތިބި މީހުން ވަނީ އޭނާ ދަރިން ހޯދުމުން މަހުރޫމު ކުރުވައި ކައިވެންޏެއް ކުރުން މަނާކޮށްފައިކަމަށް ބުނެފައެވެ.

2007 ވަނަ އަހަރު ކެވިން ފެޑަލައިންއާއެކު ރޫޅުނު ކައިވެންޏަށް، ބްރިޓްނީއަށް 14 އަހަރުގެ ޖޭޑަން އަދި 15 އަހަރުގެ ޕްރެސްޓަން ވަނީ ލިބިފައެވެ.

2016 ވަނަ އަހަރުން ފެށިގެން ބްރިޓްނީ ވަނީ ލޯބީގެ ގޮތުން ސޭމް އަސްގަރީއާ ގުޅިފައެވެ. ބުދަ ދުވަހުގެ އަޑުއެހުމުގެ ކުރިން އަސްގަރީ ވަނީ ބްރިޓްނީއަށް ހިތްވަރު ދިނުމަށްޓަކައި ''ފްރީ ބްރިޓްނީ'' ޖަހާފައިވާ ޓީޝާޓެއްގައި ނަގާފައިވާ ފޮޓޯއެއް އިންސްޓާގްރާމަށް ލާފައެވެ. މިއަހަރުގެ ކުރީކޮޅު އަސްގަރީ ވަނީ ރަސްމީކޮށް ބްރިޓްނީގެ ދިފާއުގައި ވާހަކަދައްކައި އިންޓަވިއުއެއްވެސް ދީފައެވެ.

ބުދަދުވަހުގެ އަޑުއެހުމުގައި ބްރިޓްނީގެ ބައްޕަ ޖޭމީ ސްޕިއާސް އަދި މަންމަ ލީން ވަނީ ވާޗުއަލްކޮށް ބައިވެރިވެ، ޖޭމީގެ ފަރާތުން ބަޔާނެއް އިއްވާފައެވެ. ޖޭމީގެ ވަކީލު ވިވިއެން ލީ ތޮރީން އިއްވި ބަޔާނުގައި ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވާ ކަމަށާއި، އޭނާ ވޭނުގައި އުޅޭތަން ބަލަން ކެތް ނުކުރެވޭ ކަމަށާއި، ދަރިފުޅު މަތިން ހަނދާންވާ ކަމުގައި ބުނެފައިވެ އެވެ.

ބްރިޓްނީގެ މައްޗަށް ކޮންސަވޭޓާޝިޕް އެއް 2008 ވަނަ އަހަރު ކޯޓުން ކަނޑައަޅައި ބެލެހެއްޓުންތެރިއެއްގޮތުގައި އޭނާގެ މައްޗަށް ބައްޕަ ޖޭމީ ސްޕިއާސް އަދި މިލްކިއްޔާތުގެ ބެލެހެއްޓުންތެރިއެއްގެ ގޮތުގައި ވަކީލު އެންޑްރޫ ވޮލެޓް ވަނީ އައްޔަނު ކޮށްފައެވެ. 2019ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ޖޭމީ ސްޕިއާސްގެ ބަލި ހާލަތު ގޯސްވުމުގެ ސަބަބުން، ބްރިޓްނީގެ މައްޗަށް ވަގުތީ ގޮތުން ކޮންސަވޭޓާއެއްގެ ގޮތުގައި ޖޯޑީ މޮންޓްގޮމެރީ ވަނީ އައްޔަންކޮށްފައެވެ.

އެއަށްފަހު މާޗްމަހުގެ ތެރޭގައި ބްރިޓްނީގެ ވަކީލު އިންގަމް ވަނީ ދާއިމީކޮށް ބްރިޓްނީގެ މައްޗަށް ކޮންސަވޭޓާއެއްގެ ގޮތުގައި މޮންޓްގޮމެރީ ކަނޑައަޅައިދިނުމަށް ހުށަހަޅައި، ޖޭމީ ސްޕިއާސް އިސްތިއުފާ ދިނުމަށް އެދިފައެވެ.

ޖޭމީގެ ދިފާއުގައި ތޮރީން ބުނެފައިވަނީ ބްރިޓްނީއަށް އޭނާގެ ބައްޕަ އިންތިހާއަށް ލޯބިވާކަން އެނގޭ ކަމަށާއި ކޮންސަވޭޓާޝިޕެއް ނެތަސްވެސް ބަލަދު އަރާ ކަމަށާއި، ބޭނުންވެއްޖެ ކޮންމެ ކަމެއްގައި ގާތުގައި ބައްޕަ ހުންނާނެ ކަން އޭނާއަށް ރަނގަޅަށް އެނގޭ ކަމަށް ބުނެފައެވެ. އަދި 2016ވަނަ އަހަރު ކޮންސަވޭޓާޝިޕް އުވާލުމަށް ޕެޓިޝަނެއް ހުށަހެޅުމުގެ ހައްގު ބްރިޓްނީއަށް ލިބިދީފައިވާ ކަމަށާއި އޭގެ ބޭނުން އެއްވެސް ވަރަކަށް އޭރު ހިފާފައި ނުވާ ކަން ވަކީލު ވަނީ ފާހަގަ ކޮށްފައެވެ.

އޭގެ ރައްދުގައި ބްރިޓްނީ ބުނެފައިވަނީ ޕެޓިޝަނެއް ހުށަހަޅައިގެން ކޮންސާވޭޓާޝިޕް އުވާލުމުގެ ބާރު ލިބިފައިވާކަން އޭނާއަށް ކުރިން އެނގިފައި ނުވާ ކަމަށެވެ.

ފާއިތުވި 13 އަހަރު އޭނާ ތަހައްމަލުކުރަމުން އައިސްފައިވާ ކަންތައްތަކަކީ އެއްވެސް އިންސާނަކު ކުރިމަތިލާން ޖެހޭނެ ކަންތައްތަކެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި، ކަންކަން މިހާހިސާބަށް ހިންދާލައިގެން އައިސްފައިވީ ނަމަވެސް އިތުރަށް ކެތްކުރަން ބޭނުން ނުވާ ކަމުގައި ބްރިޓްނީ ވަނީ ބުނެފައެވެ. ކޯޓުގެ ކުރިމަތީ މިހުރިހާ ވާހަކަތައް ހިއްސާކުރުމުގެ ބޭނުމަކީ މިކަމުން އޭނާއަށް އިންސާފު ހޯދައިދީ މިކަމަށް ނިމުމެއް ގެނެސްދިނުން ކަމުގައިވެސް ބްރިޓްނީ ވަނީ ފާހަގަ ކޮށްފައެވެ.

އެމެރިކާގެ ގާނޫނުގައިވާ ގޮތުން މީހެއްގެ ހާލަތުގެ ސަބަބުން އަމިއްލައަށް ކަންކަން ބެލެހެއްޓުމަށް ނުކުޅެދޭ ކަމަށް ފެނިއްޖެ ނަމަ، އޭނާގެ މާލީ ކަންކަން ބެލެހެއްޓުމަށް އަދި ޒާތީ ކަންކަމުގެ މައްޗަށް ބެލެހެއްޓުންތެރިއެއްގެ ގޮތުގައި ކޮންސަވޭޓާޝިޕްގެ ދަށުން މީހަކު ނުވަތަ ބަޔަކު ކޯޓުން ކަނޑައަޅައި، ކަންކަމުގައި ގޮތް ކިޔުމުގެ ބާރާއި ނިންމުންތައް ނިންމުމުގެ ބާރު އެމީހަކަށް ނުވަތަ އެބަޔަކަށް ލިއްބައިދެއެވެ.