ޚަބަރު

މީޑިއާތަކަށް ފިޔަވަޅު އެޅީ ގާނޫނުން ލިބިދޭ ބާރުގެ ދަށުން: ޖެންޑާ މިނިސްޓަރު

މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އެޅީ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާގޮތަށް އަމަލު ކުރުމުން ކަމަށާއި އެކަން ކޮށްފައިވަނީ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މަރާލުމަށްފަހު ފޮއްޓަކަށް ލާފައި އޮއްވާ ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގެ ހަބަރުތައް ބައެއް ނޫސްތަކުން ގެނެސްދިން ގޮތާމެދު ހިތްހަމަ ނުޖެހިގެން ޖެންޑާ މިނިސްޓްރީން މިއަދު ވަނީ ނޫހެއް ޖޫރިމަނާކޮށް، ބައެއް ނޫސްތަކަށް ނަސޭހަތްދީފައެވެ. އެގޮތުން އަވަސް އޮންލައިން ވަނީ 2000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ޖެންޑާ މިނިސްޓަރު މިރޭ ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގާނޫނުގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލު ކުރުމަކީ މަނާކަމެއް ކަމަށާއި އެފަދަ ކަންކަމުގައި ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ ކަމަށެވެ. ފިޔަވަޅު އެޅީ ގާނޫނުގެ ދަށުން ކަމަށް ވިދާޅުވިއެވެ.

"އާންމު ގާނޫނުތަކާއި ހާއްސަ ގާނޫނުތަކާ އޮތް ތަފާތަކީ ވަކި ކަމަކަށް ހާއްސަ ކުރެވިގެން އެކުލަވާލާފައިވާ ގާނޫނުތަކުގެ ދަށުން ދީފައިވާ ހާއްސަ ބާރު ތަކުގެ ބޭނުންކުރުމުގެ ފުރިހަމަ ބާރު ލިބިގެންވާ ކަން. އެހެންވީމާ މިގާނޫނަކީ މިދެންނެވިހެން ކުޑަކުދިންނަށް ހާއްސަ ގާނޫނެއް. މިގާނޫނުގައި ލިބިފައި އޮތް ބާރުގެ ދަށުން އެޅިފައިވާ ފިޔަވަޅެއް އެޅިފައިވާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ ހަބަރު އާންމުކުރުމުގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަގޮތަށް ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމު ނުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކުމާއި އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ހިތްވަރުދިނުމަކީ މަނާ ކަމެއް ކަމަށެވެ.

"އެބަ އިނދޭ މިފަދައިން އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ މިކަމުގެ ކުޑަ ބޮޑުމިނަށް ބަލައި ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ މައުލޫމާތު މީޑިޔާގައި އާންމުކުރާނަމަ ކުޑަކުދިންގެ ހައްގުތައް ރައްކަތެރިކުރުުގެ ގާނޫނުގެ 53 ވަނަ މާއްދާފައިން މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ފިޔަވަޅު އެޅޭނެކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ފިޔަވަޅު އެޅީ ކުއްޖާގެ ނަން ހާމަކުރުމުން ނޫން ކަމަށާއި ފިޔަވަޅު އެޅީ އެކުއްޖާގެ ޒާތީ މައުލޫމާތުތަކުގެ ތެދު ދޮގު ނުބަލައި މީޑިއާތަކުގައި ޝާއިއު ކުރުމުން ކަމަށެވެ.

"ކުއްޖާއާ ބެހޭ ގޮތުން އެއްވެސް ގޮތަކަށް ސާބިތުނުކުރެވޭ އަދި ވަރަށް ދެރަ ބަސްތައް ބޭނުންކޮށްގެން ލޭބަލްކުރެވޭ ޒާތުގެ ބަހުރުވަ ބޭނުންކޮށްގެން ބައެއް ނޫސްތަކުން ފެނުނު އާޓިކަލްތައް ލިޔެވިފައި ހުރީ. އަދިވެސް ބަލަމުން މިދަނީ އެކަންކަން އިތުރަށް. މިއަމަލަކީ މީޑިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ މަގްސަދަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުން. އަދި މިފިޔަވަޅަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ގާނޫނުން ކުޑަކުދިންނަށް ލިބިދޭ ބާރުގެ ދަށުން މިނިސްޓްރީ އަށް ގާނޫނުގެ ދަށުން ކުރަން ލާޒިމްކޮށްފައިވާ ކަންކަމުގެ ތެރެއިން އެޅި ފިޔަވަޅެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މީޑިއާތަކަށް ފިޔަވަޅު އަޅާފައިވަނީ މި މައްސަލައާ ގުޅިގެން އެކަނި ނޫން ކަމަށާއި ފިޔަވަޅު އެޅުމުގައި މީގެ ކުރިންވެސް ކުޑަކުދިންގެ ބައެއް މައްސަލަތައް ރިޕޯޓްކޮށްފައިވާ ގޮތަށް ބެލިގެން ދިޔަ ކަމަށެވެ.

ޖެންޑާ މިނިސްޓްރީން ބައެއް މީޑިއާތަކަށް ފިޔަވަޅު އެޅުމުން، މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މުއައްސަސާތަކަށް އެގޮތަށް ފިޔަވަޅު ނޭޅޭނެ ކަަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.