ހދ.ކުޅުދުއްފުށީގައި ހުރި ކުރީގެ އަތޮޅުގެ އިމާރާތުގައި މެރިޓައިމް އެކަޑަމީއެއް ހިންގުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވެފައިވާ އެއްބަސްވުން އެ މިނިސްޓްރީން ބާތިލު ކުރީ ރަނގަޅަށް ކަމަށް ސުމްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އަށް ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް އެތަން ދިނުމާބެހޭ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، ހައެއް ޑިސެމްބަރު 2011 ގައެވެ.

އެއްބަސްވުމާ އެއްގޮތަށް މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިން ކަންތައްކުރަމުން ނުދާ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީން އެ އެއްބަސްވުން ބާތިލު ކޮށްފައިވަނީ 2013 ވަނަ އަހަރުގެ ތެރޭގައެވެ.

މި މައްސަލައިގައި އެއްބަސްވުން ބާތިލު ކުރީ ގާނޫނާ ހިލާފަށް ކަމަށްބުނެ، ޓްރާންސްޕޯޓް މިނިސްޓްރީއާ ދެކޮޅަށް މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިން ދައުވާކުރީ، ޓްރާންސްޕޯޓް މިނިސްޓްރީން އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށް މި އެއްބަސްވުމުގެ މުއްދަތުގައި ދައުވާ ކުރާ ފަރާތަށް އެ އިމާރާތުގައި މެރިޓައިމް އެކަމަޑަމީއެއް ހިންގުމުގެ ފުރުސަތު ދިނުމަށް އެދިއެވެ.

އެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް އަމުރުކޮށް ދެއްވުމަށާއި، އެއްބަސްވުމަށް އިހުތިރާމު ކޮށް، އެކަޑަމީ ހިންގުމުގެ މަސައްކަތަށް ހުރަސް އެޅުމަށް އެއްވެސް އަމަލެއް ނުހިންގުމަށް އެ މިނިސްޓްރީގެ މައްޗަށް އަމުރުކޮށް ދެއްވުމަށްވެސް ދައުވާގައި އެދިފައިވެއެވެ.

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ފަރާތުން މި މައްސަލަ ސިވިލްކޯޓަށް ވެސް ހުށަހެޅިއެވެ. މައްސަލަ ބަލައި އެ ކޯޓުން ހުކުމް ކޮށްފައިވަނީ، މި މައްސަލައިގައި ދައުވާ ލިބޭ ދިވެހި ދައުލަތުގެ މައްޗަށް އެފަދަ އެންގުމެއް އަންގާނެ ތަނެއް ނެތް ކަމަށް ކަނޑައަޅާ ކަމަށެވެ.

ސިވިލް ކޯޓުން ކުރި ހުކުމް މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ސިވިލްކޯޓުގެ ހުކުމަށް ތާއީދުކޮށް އެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތްކަމަށް ހައިކޯޓުން ވެސް ހުކުމް ކުރިއެވެ.

ހައިކޯޓުގެ ހުކުމާ ގުޅިގެން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަމުން މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިން ބުނެފައި ވަނީ އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ކަމާބެހޭ ލިޔެކިޔުންތައް ހުށަހަޅާފައި ވަނިކޮށް، ސިވިލްކޯޓުން އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ހެކިތަކަށް ރަނގަޅަށް ނުބަލައި ހެއްކާބެހޭ ގާނޫނުނުގެ ހަ ވަނަ މާއްދާއަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ.

މި މައްސަލަ ބަލައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ، އެ މައްސަލައިގައި ހައިކޯޓުން ހުކުމް ކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ.

މިމައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގަންނަވަނީ، ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު އައިޝާ ސުޖޫން މުހައްމަދެވެ.