މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީއަށްވުރެ ކުރި ހަރަދު ތިން ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކުރި ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިއަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ 21.1 ބިލިއަން ރުފިޔާގެ އާމްދަނީ އާއި ހިލޭ އެހީގެ ތެރެއިން މިއަހަރުގެ މިހާތަނަށް ލިބިފައި ވަނީ 8.2 ބިލިއަން ރުފިޔާއެވެ.
އެއީ ޓެކްސްގެ ގޮތުގައި ލިބުނު 6.4 ބިލިއަން ރުފިޔާ އާއ ޓެކްސް ނޫން ގޮތުގައި ލިބުނު 1.7 ބިލިއަން ރުފިޔާއެވެ.
ނަމަވެސް މިއަހަރުގެ މިހާތަނަށް ހަރަދު ކުރި އަދަދު ވަނީ 12 ބިލިއަން ރުފިޔާ އަށް އަރައިފައެވެ. އޭގެ ތެރެއިން ރިކަރަންޓު އެކްސްޕެންޑިޗާއަށް އެކަނިވެސް 9.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، ކެޕިޓަލް އެކްސްޕެންޑިޗާއަށް ހަރަދު ކޮށްފައި ވަނީ 2.8 ބިލިއަން ރުފިޔާއެވެ.
އެހެންކަމުން މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީއަށް ވުރެ އިތުރަށް 3.8 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެ ތެރެއިން ރިކަރަންޓަށް ހޭދަކުރި އަދަދަކީ މިދިޔަ އަހަރުގެ މިހާތަނަށް ހަރަދު ކުރި 8.3 ބިލިއަން ރުފިޔާއަށް ވުރެ އަށް މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މިއަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި 70.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 444 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އާމްދަނީ އަށް ލިބިފައިވާ މި އަދަދާއެކު ބަޖެޓުގެ ދަރަނި އުޅެނީ ތިން ބިލިއަން ރުފިޔާގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު