ކުޅިވަރު

މަރުގެ ގުރޫޕުގެ ގަދަ ހިފުންތައް، ފަހު ކަށިގަނޑާ ހަމަޔަށްވެސް ސަޕޯޓަރުން ތިބެން ޖެހުނީ ނޭވާ ހިފަހައްޓާލައިގެން!

ޔޫރޯ ގްރޫޕް ސްޓޭޖުގެ ފޯރިގަދަ މެޗުތައް ނިމިއްޖެއެވެ. ހީކުރި ގޮތަށް އެންމެ ފޯރިގަދަވީ ގްރޫޕް އެފްގެ ކުރިމަތިލުންތަކެވެ. ފެށުނުއިރުވެސް އަންދާޒާ ކުރެވުނު ގޮތަށް ގްރޫޕް ސްޓޭޖުގެ އެންމެ ފޯރި ހިފީ މަރުގެ ގްރޫޕްގައެވެ. އެހެން ގްރޫޕްތަކުގައިވެސް ވަރުގަދަ ކުރިމަތިލުންތައް ފެނުނު ނަމަވެސް ނިމުމާ ހަމައަށް އައިސް އެންމެ ފަހު ރޭގައިވެސް ގްރޫޕް އެފްއިން ފެނުނީ ނޭވާ ހިފަހައްޓާލަން ޖެހޭނެ ފަދަ މަންޒަރުތަކެކެވެ. ގްރޫޕްގެ ތަރުތީބު އަބަދުވެސް ރިފްރެޝް ކޮށްލަ ކޮށްލާ ތިބެން ޖެހުން އެއީ ގްރޫޕްގެ ފޯރިގަދަކަމުގެ ރަމްޒަކެވެ.

ގްރޫޕް އެފްގެ މެޗުތައް ފެށިއިރު، ކޮންމެ ޓީމަކަށްވެސް ގަދަ 16 އަށް ދިޔުމުގެ ފުރުސަތު އޮތެވެ. ފްރާންސަށް ގަދަ 16 ޔަގީންވެފައި އޮތް ނަމަވެސް މޮޅަކާއެކު ގްރޫޕް އެއްވަނަ ޔަގީން ކުރެވެން އޮތެވެ. ޖަރުމަނު ބަލި ނުވެއްޖެ ނަމަ، އެޓީމަށް ގަދަ 16 ޔަގީންވުމުގެ ފުރުސަތު އޮތްއިރު، ފްރާންސަށް ޕޯޗުގަލް ކައިރިން މޮޅު ނުވެވިއްޖެނަމަ، ޖަރުމަނަށް މޮޅަކާއެކު ގްރޫޕް އެއްވަނަވެސް ލިބެން އޮތެވެ. ފްރާންސް ބަލިވިނަމަވެސް، ޖަރުމަނު ބަލިވެއްޖެ ނަމަ އެޓީމަށް ލިބޭނީ ތިންވަނަ އެވެ. އޭރުން ޖެހޭނީ ހިތް އަތް މައްޗަށް ލައިގެން އިންތިޒާރެއް ކުރާށެވެ. އެ ގޮތް ޖަރުމަނުގެ އެއްވެސް ސަޕޯޓަރަކު ބޭނުން ނުވާނެކަން ޔަގީނެވެ.

ޕޯޗުގަލްއަށް އޮތީ ދުނިޔޭގެ ޗެމްޕިއަނުން ކައިރީ ބަލި ނުވެ ހިފަހައްޓާލުމެވެ. ފްރާންސް ބަލިކޮށްފިނަމަ ޕޯޗުގަލަށް ގްރޫޕުގެ އެއްވަނަ ލިބެންވެސް އޮތެވެ. ޖަރުމަނު ހަންގޭރީ އަތުން ބަލިވެ، ޕޯޗުގަލްވެސް ފްރާންސް އަތުން ބަލިވެއްޖެނަމަ ޕޯޗުގަލް ދާން އޮތީ ތާވަލުގެ ފުލަށެވެ. އަވަސް އަވަހަށް އެ ނަތީޖާތައް ބަދަލުވާން އޮތް އޮތުމަކީ ގްރޫޕްގެ ފޯރީގެ ފެށުމެވެ. މޮޅަކާއެކު ހަންގޭރީއަށް ގަދަ 16 ޔަގީން ކުރެވެން އޮތްއިރު، ފަހު މެޗާ ހަމައަށް އައިއިރު ހަންގޭރީ އެއްވެސް ޓީމަކުން ފަސޭހަ ނުކުރާނެކަން ޔަގީނެވެ. ހަންގޭރީ މޮޅުވިނަމަވެސް، ޕޯޗުގަލް އާއި ފްރާންސް މެޗު އެއްވަރު ވެއްޖެނަމަ އެޓީމަށް އޮތީ ތިންވަނައިގައި އިންތިޒާރުކުރުމެވެ.

މެޗުތައް ކުރިއަށް ދިޔައިރު ތާވަލަށް ދިޔައީ މި ކިޔާދެވުނު ހުރިހާ ސިނާރިއޯއެއް އަންނަމުންނެވެ. މެޗުތައް ބަލަން ތިބި ހުރިހާ ސަޕޯޓަރުންނަށް ފުޓުބޯޅައިގެ އެތައް މަންޒަރެއް ފެނުނެވެ. ފްރާންސާއި ޕޯޗުގަލް މެޗު ފިޒިކަލީ ވަރުގަދައެވެ. ރީނދޫ ކާޑުތައް ފުލުފުލުން ދިޔަ ފަހަރުވެސް ދިޔައެވެ. ޖުމުލަ ތިން ޕެނެލްޓީ މެޗުގައި ފެނުނެވެ. ތިން ޕެނެލްޓީއާ މެދުވެސް ސަޕޯޓަރުން ބޮޑެތި ބަހުސްތަކަށް ދާން ޖެހުނެވެ. "ކޮންޓްރޮވާޝަލް" ޕެނެލްޓީތަކުން މެޗުގެ އޮއިވަރަށް ބަދަލުވެސް އައެވެ. އެއީ ހަމައެކަނި މަދު ކަންތައްތަކެކެވެ. ޖަރުމަނު މެޗަށް ނުބަލައި ތިބޭ ގޮތަށް މެޗު ބަލަން ފެށި އެތައް ބަޔަކަށް އެ މެޗަށް ނަޒަރު ނުހިންގައި ތިބެވޭނެ ގޮތެއް ނުވިއެވެ. އެހާވެސް ހަންގޭރީ ސަޕްރައިޒިން އެވެ.

ދެ މެޗުގެ ތެރެއިން ފުރަތަމަ ގޯލް ޖެހީ ހަންގޭރީން ޖަރުމަނު ކޮޅަށެވެ. ޝޮކަކާއެކު ޖަރުމަނު ތާވަލުގެ ފުލަށް ވެއްޓުނެވެ. ދެން ފެނުނީ ޕޯޗުގަލް މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޖާޒީގައި ޖެހި 108 ވަނަ ގޯލެވެ. ރޮނާލްޑޯ ދިޔައީ ދުނިޔޭގެ ތާރީހުގައި ގައުމީ ޖާޒީގައި އެންމެ ގިނަ ގޯލް ޖެހި އީރާންގެ އަލީ ދާއީގެ ރެކޯޑާ ގާތް ކުރަމުންނެވެ. އަލީ ދާއީ ގައުމީ ޖާޒީގައި ޖަހާފައި އޮތީ 109 ގޯލެވެ.

އެ ގޯލާއެކު ފްރާންސް ތިންވަނައަށް ވެއްޓި، ޕޯޗުގަލް އެއްވަނައަށް އެރިއެވެ. ޕޯޗުގަލް ޕެނަލްޓީއަށް މާ ގިނަ ވަގުތެއް ނުވެ، އަނެއްކާވެސް ފްރާންސަށް ލިބުނު ޕެނެލްޓީގައި ކަރިމް ބެންޒެމާ ޖެހި ގޯލާއެކު ފްރާންސް އެއްވަނައަށް ޖެހިލައި ޕޯޗުގަލް ދެވަނައަށް އަދި ހަންގޭރީ ތިންވަނައަށް ވައްޓާލިއެވެ. ދެ މެޗުގެ ހާފް ނިމުނުއިރުވެސް އޮތީ އެ ނަތީޖާގައެވެ. ދެވަނަ ހާފަށް ނުކުމެ ބެންޒެމާގެ ދެވަނަ ގޯލުން ފްރާންސް ލީޑު ނެގުމާއެކު ޕޯޗުގަލްވެސް މާޔޫސްކޮށްލައި ހަންގޭރީއަށް އުންމީދު އާކޮށްދިނެވެ. 2016 ވަނަ އަހަރު ޔޫރޯ ގަދަ 16 އަށް ދިޔަ ހަންގޭރީއަށް އެ ކާމިޔާބީ ތަކުރާރު ކުރެވޭނެ ކަމުގެ ދިރުން އާވިއެވެ.

އެހެންނަމަވެސް އެ ގޯލަށް ހަ މިނެޓެއްހާއިރު ފަހުން ރޮނާލްޑޯ ދެވަނަ ޕެނެލްޓީއަކުން އަނެއްކާވެސް ޕޯޗުގަލް ތާވަލުގައި ކުރިއަށް ޖައްސާލިއެވެ. އެ ގޯލާއެކު ރޮނާލްޑޯ ވަނީ އަލީ ދާއީގެ ތާރީހީ ގޯލް ރެކޯޑާ ހަމަކޮށްފައެވެ. ޕޯޗުގަލްއަށް ލިބުނު އުފަލުގެ ތެރެއިން، އަނެއް މެޗުން ޖަރުމަނު ސަޕޯޓަރުން ހެއްވާލީ ކައި ހަވާޓްސް ޖެހި ގޯލާއެކުގައެވެ. އެ ގޯލާއެކު ޖަރުމަނު ހަންގޭރީއާ އެއްވަރުކުރުމުން ހަންގޭރީ ކަޓަން ދިޔަ ނަމަވެސް، ޖަރުމަނުގެ ހިނިތުންވުމަށް މިނެޓެއްވެސް ނުނަގައެވެ. ކޮއްޓައިގެން ގޮސް ހަންގޭރީން އަނެއްކާ ޖަރުމަނު ކޮޅަށް ގޯލް ޖެހިއެވެ.

2004 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޖަރުމަނުން ދިޔައީ ގްރޫޕް ސްޓޭޖުން ކަޓާށެވެ. އެންމެފަހުން ރަޝިއާގައި ބޭއްވި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހިތްދަތި ތަޖުރިބާއަށް ޖަރުމަނުގެ ހަނދާންތައް ދިޔައެވެ. އެތައް އަހަރުތަކަކަށްފަހު ޖެހިޖެހިގެން ވަރުގަދަ ދެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓަން ޖަރުމަނު ދިޔައީ ސަޕޯޓަރުން ހިތް ތަޅުވަމުންނެވެ. ނޭވާ ހިފަހައްޓާލައިގެން ތިބީ ލޮލުން ކަރުނަ ހިލުވާލައިގެންނެވެ. އެ މާޔޫސްކަމަށް ކުއްލިއަކަށް އުފާވެރިކަން ގެނުވީ ޖަރުމަނުން 85 މިނެޓުގައި ޖެހި ގޯލުންނެވެ. ލެއޮން ގޮރެޓްސްކާ ޖެހި ގޯލުން އެލިއާންޒް އެރީނާ ކައްކުވާލިއެވެ. ބިޔަ ޖަރުމަނުން އުންމީދު އާކޮށް ފްރާންސާއި ޕޯޗުގަލްއާއެކު ގަދަ 16 އަށް ދެމިގަތެވެ. ޖަރުމަނުން ދިޔައީވެސް ދެވަނައިގައެވެ.

ފުޓުބޯޅައިގެ ތަފާތު މަންޒަރުތަކެކެވެ. ނަތީޖާ ކޮޅުކޮޅަށް ބަދަލު ވެ، ނޭވާ ހިފަހައްޓާލަން ޖެހުނު މަންޒަރުތައް ފެނުނެވެ. ހަންގޭރީން ކުރި ހިތްވަރަށް ފުޓުބޯޅައަށް ލޯބިކުރާ އެތައް ބަޔަކު އެޓީމަށް ހަމްދަރުދީ ވިއެވެ. ގަދަ ބާރުތަކާއެކު އެއް ގްރޫޕެއްގައި ހަންގޭރީން އޮވެ، އެޓީމުން ދެއްކީ ވާދަވެރި ކުޅުމެކެވެ. މެޗުތައް ފެށުމުގެ ކުރިން ހަންގޭރީއަށް އުންމީދެއް ނުދީ އޮތް ނަމަވެސް، އެންމެފަހުން ޖެހުނީ ހަންގޭރީވެސް ލައިގެން ގްރޫޕް އެފް ގުނާށެވެ. ޔޫރޯގެ ފޯރި އޮތީ ގަދަވާށެވެ. އިންތިޒާރު ކޮށްލަމާ ހިނގާށެވެ.