މާމިގިލީގައި ވިޔަފާރި ބަނދަރެއް ނުހިންގެންވީ ސަބަބެއް ނެތް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

އެމްޕީއެލް އިން މާމިގިލީގައި ހިންގަމުން ގެންދާ އިންޓަނޭޝަނަލް ޕޯޓުގެ މަސައްކަތްތައް މިވަގުތަށް ވަނީ ހުއްޓާލައިފައެވެ.

އެކަމާ ގުޅިގެން މާމިގިލީ ކައުންސިލްގެ މެމްބަރު އަމްލާހް އަލީ "ވަން" އަށް ވިދާޅުވީ، މާމިގިލީގެ ޕޯޓަކީ އެންމެ ޖާގަ ތަނަވަސް އެއް ޕޯޓް ކަމަށާއި އެ ޕޯޓް ނުހިންގެންވީ ސަބަބެއް ނެތް ކަމަށެވެ.

"މާމިގިލި ހެދިފައި އޮތް ގޮތުން މާމިގިލީ ޕޯޓަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕޯޓް. ތަނުގެ ގޮތުން އެންމެ ބޮޑު. ޕޯޓް ދެން އަޅުގަނޑުމެންނަކަށް ނުވިސްނޭ މިތާނގައި ޕޯޓް ނުހިންގެންވީ ސަބަބެއް،" އަމްލާހް ވިދާޅުވިއެވެ.

އަމްލާހް އިތުރަށް ވިދާޅުވީ، ޕޯޓު ހުއްޓާލައިފިނަމަ އެކަމުގެ ގެއްލުން ބޮޑުވާނެ ކަމަށެވެ. އެގޮތުން އެތައް މުވައްޒަފުންނެއްގެ ވަޒީފާ ގެއްލޭނެ ކަމަށާއި ބައެއް މުވައްޒަފުންނަކީ އެކި ސަބަބުތަކާހުރެ މާލޭގައި މަސައްކަތް ކުރަން ބޭނުން ނުވާ މުވައްޒަފުން ކަަމަށް ވިދާޅުވިއެވެ.

މާމިގިލީގައި ހިންގަމުން ގެންދާ އިންޓަނޭޝަނަލް ޕޯޓުގައި މިވަގުތު މަސައްކަތް ކުރަމުން ދަނީ 35 މުވައްޒަފުންނެވެ.

މާމިގިލީ ޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފުން މާލެ ބަދަލުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި މާމިގިލި ޕޯޓަށް މިދިޔަ ދެ ތިން އަހަރު އެއްވެސް ކާގޯ ބޯޓެއް ބަނދަރު ކުރަން ގޮސްފައެއް ނުވެއެވެ. އެހެންވެ، އެ ޕޯޓްގެ އޮޕަރޭޝަން ހުއްޓާލަން ނިންމީ އެއްވެސް ފައިދާ އެއް ނުލިބި އަބަދު ގެއްލުމުގައި ހިންގުމަކީ ކުރެވޭނެ ކަމަކަށް ނުވާތީ ކަމަށް ޝާހިދު ވިދާޅުވެފައިވެ އެވެ.

ވިލާ ގުރޫޕުން މާމިގިލީގައި ހަދާފައިވާ 1300 މީޓަރުގެ ބަނދަރު 600 މީޓަރުގެ ސަރަހައްދެއް، ވިޔަފާރި ބަނދަރެއްގެ ގޮތުގައި ހިންގުމަށް އެމްޕީއެލްއާ ހަވާލުކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި 18 ޖޫން 2017 ގައެވެ.