ޔޫރޯ 2020 ގްރޫޕް އީގައި އެންމެ ފަހުން ކުޅުނު މެޗުގައި ސްޕެއިންއިން ބޮޑު މޮޅެއް ހޯދި އިރު، ސްވިޑެންއިން ބަލިނުވެ ގްރޫޕް އެއްވަނައިގައި ނިންމާލައިފިއެވެ.
ގްރޫޕް އީގެ އެންމެފަހު ދެމެޗުވެސް މިރޭ އެއް ގަޑިއެއްގައި ކުޅެފައިވާ އިރު، ސްޕެއިންއިން މިރޭގެ މެޗަށް ނުކުތީ ސްލޮވޭކިއާއާ ދެކޮޅަށެވެ. އަނެއް މެޗުގައި ސްވިޑެން ނުކުތީ ޕޮލެންޑާ ދެކޮޅަށެވެ. ސްޕެއިންއިން ހޯމްގައި ކުޅުނު މެޗުގައި 5-0 އިން ސްލޮވޭކިއާ ބަލިކޮށްފައިވާ އިރު، ސްވިޑެންއިން ފަހު ވަގުތު ގޯލު ޖަހައި ޕޮލެންޑް ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
ސްލޮވޭނުކިއާއަށް ގަދަ 16 އަށް ބޭންވެފައި އޮތީ ޕޮއިންޓެކެވެ. ސްލޮވޭކިއާ މޮޅުވެ، ސްވިޑެން ބަލިވެއްޖެނަމަ ސްލޮވޭކިއާއަށް ގްރޫޕް އެއްވަނަ ލިބެން އޮތެވެ. ސްޕެއިންއަށް އޮތީ މޮޅެއް ހޯދުމެވެ. މެޗު އެއްވަރު ވެއްޖެނަމަ ސްޕެއިންއަށް ގަދަ 16 އަށް ދެވެން އޮތީ ޕޮލެންޑަށް ސްވިޑެން ބަލިނުކުރެވިއްޖެނަމައެވެ.
މިރޭގެ މެޗަށް ނުކުންނަ އިރު، ސްވިޑެންއަށް އޮތީ ގަދަ 16 ޔަގީންވެފައެވެ. އެޓީމުން މިރޭގެ މެޗުގައި ޕޮލެންޑް ބަލިކޮށްފިނަމަ ގްރޫޕުގެ އެއްވަނަ ޔަގީންވާން އޮތެވެ. ސްވިޑެން ބަލިވެގެންވެސް އެންމެ ދަށަށް ދާން އޮތީ ތިންވަނައަށެވެ. މިހާރުވެސް ހަތަރު ޕޮއިންޓާއެކު އޮތުމުން އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ސްވިޑެން ހިމެނޭނެކަން އެޓީމަށް އޮތީ ޔަގީންވެފައެވެ. އަނެއްކޮޅުން ޕޮލެންޑަށް އޮތީ މޮޅެއް ހޯދުމެވެ. އޭރުން ގަދަ 16 ޔަގީންވާން އޮތެވެ.
ހަތަރު ޓީމުން އެއް ވަގުތެއްގައި މިރޭގެ މެޗުތަކަށް ނުކުތް އިރު، އެންމެ ބޮޑަށް ފޯކަސް އޮތީ ސްޕެއިންއަށް ވާނެ ގޮތެއް ހޯދުމަށެވެ. ސަބަބަކީ މުބާރާތުގައި އެޓީމު ހޯދަފައިވާ ފަހުގެ ކާމިޔާބީތަކެވެ. އެގައުމުން ވަނީ 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ވިދިވިދިގެން ކާމިޔާބުކޮށްފައެވެ. އެޓީމަކީ ތިންފަހަރު ޔޫރޯ ހޯދާފައިވާ ކާމިޔާބު ޓީމެކެވެ. ގްރޫޕް ސްޓޭޖުން ކަޓަން ޖެހިއްޖެނަމަ އެކަން ވާނީ ބޮޑު މާޔޫސް ކަމަކަށެވެ.
މިފަހަރުގެ މުބާރާތަށް ޒުވާން ޓީމަކާއެކު ސްޕެއިން ނުކުތީ އުނދަގޫ ޓާސްކަކަށެވެ. ފުރަތަމަ ދެ މެޗު އެއްވަރުވެ ޓާސްކް އުނދަގޫވެސް ވިއެވެ. ހާއްސަކޮށް ގޯލު ނުޖެހުމުގެ މައްސަލަ އޮތީ އެޓީމަށް ބޮލު ރިހުމަކަށް ވެފައެވެ. އަދި ކެޕްޓަން ސާޖިއޯ ބުސްކެޓްސްއަށް ކޮވިޑް ޖެހި ފުރަތަމަ ދެ މެޗު ގެއްލުމަކީވެސް ސްޕެއިންއަށް ދިމާވި އަނެއް މާޔޫސްކަމެވެ. މިރޭގެ މެޗަށް ނުކުތްއިރު ސްޕެއިންއިން ބުސްކަޓްސް ފުރަތަމަ 11 އަށް ނެރެފައިވާ އިރު، ލީޑާޝިޕް ރަނގަޅު ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާވެސް ސްޕެއިންއިން ވަނީ ފުރަތަމަ 11 ގައި ހިމަނައިފައެވެ.
ފުރަތަމަ ނުރައްކާކޮށް ފެނުނީ ސްޕެއިންނެވެ. އެޓީމުން ވަނީ ޕޮސެޝަން ފުޓުބޯޅައެއް ކުޅެ ހަމަލާތައް އުފައްދައިފައެވެ. އެހެންނަމަވެސް އެޓީމަށް ފުރަތަމަ ދެ މެޗުގައި ދިމާވި ގޯލު ނުޖެހުމުގެ މައްސަލަ ފާހަގަވިއެވެ. ހާއްސަކޮށް ސްޕެއިންއަށް ލިބުނު ޕެނެލްޓީ ފާހަގަވިއެވެ. މިރޭ ސްޕެއިންއަށް ލިބުނު ޕެނެލްޓީއަށް ޒިންމާ ނެގީ ކުރީ ދެމެޗުގައިވެސް ގޯލާ ބީރައްޓެހިކޮށް ފެނުނު އަލްވާރޯ މޮރާޓާއެވެ. ޕެނެލްޓީގައި މޮރާޓާ ފޮނުވާލި ބޯޅަ ދިފާއުކުރީ ސްލޮވޭކިއާ ގޯލްކީޕަރު މާޓިން ޑުބްރާވްކާއެވެ.
ސްޕެއިންގެ ފޯވަޑުންގެ ފަރާތުން ފެންނަ ނާކާމިޔާބު ހަމަލާތަކުގެ ސިލްސިލާ ދެމިގެން ދިޔައެވެ. ސްޕެއިންއިން ހާފް ނިންމާލީ ދެ ގޯލަކާއެކުގައެވެ. ފުރަތަމަ ގޯލަކީ ޕެނެލްޓީ މަތަކުރި ޑުބްރާވްކާގެ ބޮޑު ގޯހެކެވެ. ޑުބްރާވްކާ އަތުން އެ ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ ސަރާބިއާގެ ހަމަލާއެއް ހުރަސް ދަނޑީގައި ޖެހުމާއެކު، އެ ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައެވެ. ސްޕެއިންއިން ޖެހި ދެވަނަ ގޯލަކީ ޔޫރޯއަށް ގައުމީ ޓީމު ބަދަލުކުރި އެމްރިކް ލަޕޯޓް ޖެހި ގޯލެކެވެ. މިރޭގެ މެޗަކީ ސްޕެއިން ޖާޒީގައި ލަޕޯޓް ކުޅުނު ހަތަރުވަނަ މެޗެވެ. ޒުވާން ޓީމުތަކަށް ލަޕޯޓް ކުޅުނީ ފްރާންސަށެވެ. ސީނިއާ ޓީމަށް ގައުމު ބަދަލުކުރީ ފީފާގެ ހުއްދައާއެކުގައެވެ.
ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެށީ ސްޕެއިންއިންނެވެ. ދެވަނަ ހާފަށް ނުކުމެ ކުރީކޮޅުގައި ޕެޑްރީގެ ހިތްގައިމު އެސިސްޓަކާއެކު ސަރާބިއާ ސްޕެއިންގެ ތިންވަނަ ގޯލް ޖަހައިދިނެވެ. އަދި ރަނގަޅަށް ކުޅެމުންދިޔަ ސްޕެއިންއިން ފުލުފުލުގައި އިތުރު ދެ ގޯލު ޖަހައި ނަތީޖާ 5-0 އަކަށް ބަދަލު ކޮށްލިއެވެ. ބަދަލު ކުޅުންތެރިންގެ ގޮތުގައި މެޗަށް ނުކުތް، ފެރާން ޓޮރޭސްގެ ގޯލަށްފަހު ސްޕެއިންގެ ފަސްވަނަ ގޯލަކީ ސްލޮވޭކިއާގެ ކުޗްކާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ސްވިޑެންއާއި ޕޮލެންޑް ވާދަކުރި މެޗުގެ ފުރަތަމަ ހާފުގައި ފެނުނީ ހަމަލާތައް މަދުކޮށެވެ. ދެވަނަ މިނެޓުގައި ސްވިޑެންގެ ފޯސްބާގު ޖެހި ގޯލާއެކު ސްވިޑެންއިން ލީޑު ނަގާފައިވާ އިރު، ދެން ފެނުނީ ޕޮލެންޑްގެ އިތުބާރު ކެޕްޓަން ލެވަންޑޯސްކީގެ ނުރައްކަލެވެ. އޭނާއަށް ދެ ފުރުސަތެއް ފަހިވި އިރު، ގޯލަށް ބޯޅަ ވައްދާލެވޭ ގޮތެއް ނުވިއެވެ. ކޯނަރަކުން ހުރަސްވި ބޯޅަ ބޮލުން ޖެހުމުން ސްވިޑެންގެ ގޯލްކީޕަރު އޮލްސަން ދިފާއުކޮށް ބޭރުކޮށްލި އިރު، ރީބައުންސްގައި މުޅިން ހުސް ގޯލަކަށް ފޮނުވާލަން ލެވަންޑޯސްކީއަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ސްވިޑެންއިން ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ނުރައްކާކޮށް، ފޯސްބާގު މުބާރާތުގައި ޖެހި ތިންވަނަ ގޯލާއެކު ނަތީޖާ 2-0 އަށް ބަދަލުކޮށްލިއެވެ. އެޓީމުން ބަލިނުވެ ގްރޫޕް ސްޓޭޖު ނިންމާލުމާ ދިމާލަށް މިސްރާބު ޖެހި ނަމަވެސް އެކަމަށް އުނދަގޫވީ އަނެއްކޮޅަށް ދިޔަ ބޯޅައިގައި ލެވަންޑޯސްކީ ޖެހި ހިތްގައިމު ގޯލުންނެވެ. އަރިމަތިން ވަދެ ކާވް ކޮށްލި ބޯޅާ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ. އެ އުންމީދާއެކު ލެވަންޑޯސްކީގެ ހިތްވަރު ފެނުނީ އިތުރަށް ވަރުގަދަކޮށެވެ. މެޗުގެ 85 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި ޕޮލެންޑަށް ދިރުން ގެނެސްދިނެވެ. ފަހު މިނެޓް ކޮޅުގައި ޕޮލެންޑަށް ބޭނުންވީ އެންމެ ގޯލެކެވެ. މެޗު ފޯރިގަދަވެގެން ދިޔައެވެ.
އެހެންނަމަވެސް މެޗުގެ ފަހު މިނެޓުގައި ސްވިޑެންއިން ލެވަންޑޯސްކީއާއި ޕޮލެންޑް ރޮއްވާލިއެވެ. 94 ވަނަ މިނެޓުގައި ކްލާސެން ޖަހައިދިން
ގޯލާއެކު ސްވިޑެންއިން ގްރޫޕްގެ އެއްވަނަ ޔަގީންކުރިއެވެ.
މިރޭގެ ނަތީޖާއާއެކު ގްރޫޕް އީގެ އެއްވަނައިގައި ނިންމާލީ ސްވިޑެންއެވެ. އެޓީމަށް ލިބިފައި ވަނީ ތިން މެޗުން ހަތް ޕޮއިންޓެވެ. ގްރޫޕްގެ ދެވަނަ މަގާމަށް ސްޕެއިން ޖެހިލީ ތިން މެޗުން ފަސް ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި ސްލޮވޭކިއާއިން ނިންމާލީ ތިން ޕޮއިންޓާއެކުގައެވެ. އެޓީމަށް ގަދަ 16 ޔަގީންކުރަން ޖެހޭނީ އެހެން ގްރޫޕްތަކުގެ ނަތީޖާއަށް އިންތިޒާރުކުރާށެވެ. ޕޮލެންޑް މުބާރާތުން ކެޓީ އެންމެ ޕޮއިންޓަކާ އެކުގައެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020