އިންޑިއާއިން އަނެއްކާވެސް ކޮވިޑުގެ ނުރައްކާތެރި ވޭރިއަންޓެއް ފެނިއްޖެއެވެ.
އެގައުމުގައި ހެދި ދިރާސާތަކުން ވަނީ ކޮވިޑްގެ އާ ވޭރިއަންޓެއް އުޅޭކަން ހާމަވެފައެވެ. އެވޭރިއަންޓަށް ދީފައިވާ ނަމަކީ ޑެލްޓާ ޕްލަސް ވޭރިއަންޓް ނުވަތަ އޭވައި1 ވޭރިއަންޓު ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި ވޭރިއަންޓަކީ މިދިޔަ އަހަރުގެ ފަހުކޮޅު އިންޑިއާއިން ފެނުނު ނުރައްކާތެރި ޑެލްޓާ ވޭރިއަންޓާއި ގުޅުންހުރި ވައްތަރެއް ކަމަށާއި، މިދިޔަ އަހަރުގެ ފަހުކޮޅު އެގައުމުގެ ހާލަތު އެންމެ ގޯސްވެގެން ގޮސްފައިވަނީ ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ކަމަށް އެ ގައުމުގެ ސިއްހީ މާހިރުން ބުނެއެވެ.
އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފައިވާގޮތުގައި ފަހުން ފެނިފައިވާ ޑެލްޓާ ޕްލަސް ވޭރިއަންޓު ފާހަގަކުރެވިފައި ވަނީ އޭޕްރިލް މަހުގެ ތެރޭގައި ކަމަށާއި، އެގައުމުގެ މަހަރާޝްތުރާ، ކެރަލާ އަދި އަންދުޔަޕުރަދޭޝް ހިމެނޭހެން ހަ ސަރަހައްދަކުން ނެގުނު 40 ސާމްޕަލުގެ ތެރެއިން އެ ނުރައްކާތެރި ވޭރިއަންޓު ފެނިފައިވާކަމަށެވެ. އޭގެ ތެރެއިން 16 ސާމްޕަލެއް މިވޭރިއަންޓަށް ޕޮޒިޓިވްވެފައިވަނީ ބަލި އެންމެ ބޮޑަށް ފެތުރިގެން ގޮސްފައިވާ މަހާރާޝްތުރާ އިންނެވެ.
އިންޑިއާގެ އިތުރުން އެމެރިކާ، އިނގިރޭސިވިލާތު، ޕޯޗުގަލް، ސްވިޒަލޭންޑު، ޖަޕާން، ޕޮލޭންޑް، ނޭޕާލް އާއި ރަޝިއާ އަދި ޗައިނާ ހިމެނޭހެން ނުވަ ގައުމަކުން މި ވޭރިއަންޓު ފެނިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ޑެލްޓާ ޕްލަސް އެކި ސަރަހައްދުތަކުގައި ފެތުރެން ފަށާފައިވާއިރު، މިވޭރިއަންޓުގެ ނުރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް އަދިވެސް ދިރާސާތައް ކުރަމުން އަންނަކަމުގައި އެގައުމުން ވަނީ ބުނެފައެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ