ކޮވިޑުން ދިފާއު ވުމަށް ދިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި ފަރާތްތަކަށް ލުއި ދިނުމަށް މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
މަބްރޫކު މިހެން ވިދާޅުވީ ކޮވިޑް-19އިގެ މައުލޫމާތު ދިނުމަށް ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.
އެގޮތުން ރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ ކޮވިޑުގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް އަބަދުވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެހެން ކަމުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށްވެސް ދަތުރު ކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ދިނުމަށް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. އަދި ކޮވިޑަށް ޕޮޒިޓިވް ވެ، ތިން މަސް ހަމަ ނުވާ ފަރާތްތަކަށްވެސް ދަތުރުކުރުމުގައި ލުއިތަކެއް ދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުލުވި އެވެ.
މީގެ ކުރިން އެޗްޕީއޭ އިން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި ފަރާތްތަކަށް ކަރަންޓީނަކާ ނުލައި ރަށްރަަށަށް ދަތުރު ކުރެވޭނެ އުސޫލެއް އާންމު ކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން ކޮވިޑުގައި މަރުވާ މީހުންނާއި ބަލިޖެހޭ މީހުންގެ އަދަދު ހާހުން މައްޗަށް ދިޔުމުގެ ސަބަބުން ކަރަންޓީނާ ނުލައި އެއްވެސް ރަށަކަށް ނުދެވޭނެ ގޮތް ހަދައި ލުއި ދިން ފިޔަވަޅުތައް ވަނީ އަލުން ހަރުކަށި ކޮށްފަ އެވެ.
މަބްރޫކު ވިދާޅުވީ މިހާރުގެ ހާލަތަށް ބަލައި ކޮވިޑުގެ ކޭސްތައް ދަށް ވާ ނަމަ ކުރިއަށް އޮތް ހަފުތާ ތެރޭގައި އިތުރު ލުއި ތަކެއްވެސް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި ފަރާތްތަކަށް ލުއި ދިނުމުގެ އުސޫލު އަންނަ ހަފުތާގައިވެސް އިއުލާން ކޮށްފާނެ ކަމަށެވެ.
އެހެން ނަމަވެސް މި ލުއި ދިނުމުގައި ހާއްސަ ދެ ކަމަކަށް ބަލާނެ ކަމަށް މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ދަތުރުކުރަން ބޭނުންވާ ރަށެއްގެ ހާލަތާއި އެ ރަށެއްގައި ހައި ރިސްކު މީހުންގެ މެދުގައި ވެކްސިން ޖަހާފައިވާ މިންވަރު ބަލާނެ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު