ޚަބަރު

ހިޔާގައި އުޅޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން އެތަނުގެ ހަތް މުވައްޒަފަކު ސަސްޕެންޑް ކޮށްފި

މުއާވިޔަތު އަންވަރު

ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން އެތަނުގެ ހަތް މުވައްޒަފަކު ސަސްޕެންޑް ކޮށްފި އެވެ.

ހިޔާގައި މަސައްކަތް ކުރާ ހަތް މުވައްޒަފަކު އެއް މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވާކަން ޖެންޑާރ މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވަނީ 'ވަން' އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. އަދި މައްސަލަ ބަލައި ނިމުމުން އިތުރަށް ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އެ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އެ ހަތް މުވައްޒަފުން ސަސްޕެންޑް ކުރީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އޮފިޝަލު ވިދާޅެއް ނުވި އެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި އެ ހަތް މުވައްޒަފުން ސަސްޕެންޑް ކޮށްފައިވަނީ، މި މަހުގެ 12 ވަނަ ދުވަހު އެ ތަނުގެ ބެލުމުގެ ދަށުގައި ހުރި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު، ގެއަކަށް ގެންގޮސް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 25 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރި ނަމަވެސް މިހާރު އޭނާ ވަނީ ދޫކޮށްލާފަ އެވެ. އެ ކުއްޖާ އޭރު ފެނިފައިވަނީ ހައްޔަރު ކުރި މީހާ ދިރިއުޅޭ ކޮޓަރިންނެވެ. އަދި އެ ކުއްޖާއާ މެދު ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭއިރު، އެކުއްޖާ ގްރޫމްކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭ ހެކި ވަނީ ފުލުހުން ހޯދައިފަ އެވެ.