ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ގާނޫނީ ހުރަހެއް ނެތް ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ލަފާ ދިނުމާ ގުޅިގެން ޑރ، ހުސެއިން އަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަަދާކުރާ މިންވަރުބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ގާނޫނީ ހުރަހެއް ނެތްކަމަށް، ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް، އަހުމަދު އަބްދުﷲ އަފީފް، ރައްޔިތުންގެ މަޖިލީހަށް ލަފާ ދެއްވީ، ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންގެ ނަމުގައި އަމިއްލަ ކުންފުންޏެއްގައި ހިއްސާ އޮތުމުން އޭނާއަށް ރުހުން ދިނުމުގެ މައްސަލައަށް ގޮތެއް ނިންމުން ފަސްކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމުމަށްފަހު އެކަމުގެ ލަފައަކަށް އެދި އެ ކޮމިޓީން ރައީސް އޮފީހަށް ހުށަހެޅުމާ ގުޅިގެންނެވެ.

ޑރ. ހުސެއިން އަށް ރުހުން ދިނުމުގެ މައްސަލަ މީގެކުރިން އެ ކޮމިޓީގައި ކުރިއަށްދިޔަ އިރު، ޑރ. ހުސެއިންގެ ނަމުގައި ކުންފުންޏެއްގެ ހިއްސާ އޮތް މައްސަލައިގައި މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ.

ބައެއް މެންބަރުން ވިދާޅުވީ، ކުންފުންޏެއްގައި ހިއްސާ އޮތުމަކީ ވިޔަފާރިކުރުން ނޫން ކަަމަށެވެ. އެހެން ކަމުން ޑރ. ހުސެއިންއަށް ރުހުން ދިނުމާ މެދު ކޮމިޓީއަށް ގޮތެއް ނިންމެން ޖެހޭނެ ކަމަށެވެ.

ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު އެކަމާ ގުޅިގެން ވިދާޅުވީ، ޑރ. ހުސެއިން އަކީ އަމިއްލަ ކުންފުންޏެއްގައި ފައުންޑިން ޝެއާ ހޯލްޑަރެއް ކަމަށް ބަޔާންކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީން ފޮނުވާފައިވާ ލިޔެކިޔުންތަކުގައި ކަމަށެވެ.

އެކަމާ ގުޅިގެން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ ކުންފުންޏެއްގައި ހިއްސާ އޮތުމަކީ ވިޔަފާރިއެއްގައި އަމަލީ ގޮތުން ބައިވެރިވުން ކަމުގައި ނުބެލެވޭ ކަމަށެވެ. މީގެ އިތުރުން ޑރ. ހުސެއިންގެ ހުވާކުރުން ރައީސް އޮފީހުން ކުރިއަށް ގެންގޮސްފައިވަނީ އެކަން ގާނޫނުއަސާސީއާ ހިލާފު ނުވާތީ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެ މައްސަލައިގައި ގާނޫނީ ގޮތުން އެކަން އޮތް ގޮތް ރައީސުލް ޖުމްހޫރިއްޔާގެ އޮފިހުން ސާފު ކޮށް ދިނުމާ ގުޅިގެން ޑރ. ހުސެއިންއަށް ރުހުން ދޭން ކޮމިޓީން އިއްޔެ ވަނި ފާސްކޮށްފައެވެ.