ހުސްވި މެއި މަހު ރާއްޖެއަށް ކުރި ވިއްސާރައިގައި ގޭބިސީ ފެންވަރުގައި ބޯހިޔާވަހި ކަމަށާއި ޒަރޫރީ ބޭނުންތަކަށް ބުރޫ އަރާ މިންވަރަށް ގެއްލުންވި 384 ގެޔަކަށް 1.4 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.

ވިއްސާރައިގައި ގެއްލުން ލިބުނު މިންވަރު ބެލުމަށް ހެދި އެސެސްމަންޓަށްފަހު ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އާންމު ކުރި މައުލޫމާތުގައި ބުނެފައިވާ ގޮތުން, ވިއްސާރައިގައި ޖުމުލަ 21 ރަށަކަށް ގެއްލުން ލިބުނެވެ.

އޭގެ ތެރެއިން ގޭބިސީ ފެންވަރުގައި ބޯހިޔާވަހިކަމަށާއި ޒަރޫރީ ބޭނުންތަކަށް ބުރޫ އަރާ މިންވަރަށް ގެއްލުން ލިބުނީ އަށް ރަށަކަށެވެ. ބާކީ 13 ރަށަކީ ރަށު ފެންވަރުގައި ދަނޑުބިންތަކަށާއި އާންމު ހިދުމަތް ދޭ އިމާރާތް އަދި އޮޑިހަރުގެ ފަދަ ތަންތަނަށް ގެއްލުން ވެގެން ރިޕޯޓްކުރި ރަށްތަކުގެ އަދަދެވެ.

އެންޑީއެމްއޭ އިން ބުނީ, ގޭބިސީ ފެންވަރުގައި ގެއްލުން ލިބުނު 562 ގެއެއްގެ އެސެސްމަންޓް ހެދި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށާއި ގޭގެ އިމާރާތަށް ގެއްލުންވެފައިވާކަން އެސެސްމަންޓުން ދައްކަނީ 384 ގެއަކަށް ކަމަށް ބުންޏެވެ.

އޭގެ ތެރެއިން އެންމެ ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ދައްކަނީ އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ގެތަކަށެވެ. ދެން ހިމެނެނީ ރ. ދުވާފަރު, ހދ. ނެއްލައިދޫ އާއި އެ އަތޮޅު ކުޅުދުއްފުށީގެ އިތުރުން ނ. މަގޫދޫ އަދި ހދ. ދިއްދޫ އާއި އުލިގަމެވެ.

އެގޮތުން އެ ގެތަކުގައި ހިފައި ގެންގުޅޭ ޒަރޫރީ ތަކެއްޗަށް ލިބުނު ގެއްލުމުގެ ޖުމުލަ 3.97 މިލިއަން ރުފިޔާއަށް އަރާއިރު, ގޭގެ އިމާރާތަށް ލިބުނު ގެއްލުމަށް ޖުމުލަ 642,849 ރުފިޔާ އަރާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އެއީ ޖުމުލަ 4.6 މިލިއަން ރުފިޔާއެވެ.

ނަމަވެސް ލިބުނު ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ފޯރުކޮށްދޭން ނިންމާފައިވަނީ 1.4 މިލިއަން ރުފިޔާއެވެ. އެއީ ޒަރޫރީ ހިފައި ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތަކަށް 794,015 ރުފިޔާ އާއި ގޭގެ އިމާރާތަށް ލިބުނު ގެއްލުމަށް 642,849 ރުފިޔާއެވެ.