ސްޓެލްކޯގެ 24 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މަސައްކަތް ކުރާ ފަރާތްތަކަށް ބައެއް ތަކެތި ހަދިޔާކޮށްފިއެވެ.

އެޗްއީއޯސީގައި މިއަދު ބޭއްވި ކުޑަ ހަފުލާއެއްގައި ސްޓެލްކޯގެ މުވައްޒަފުންނާއި މެނޭޖްމަންޓުގެ ފަރާތުން އެތަކެތި ހަދިޔާ ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ. އެޗްއީއޯސީގެ ފަރާތުން ތަކެއްޗާ ހަވާލުވެ ލެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވީ، މުވައްޒަފުންގެ ހެޔޮ އެދުންތަކާއެކު އިއްޔެ ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނޭނީ އެޗްއީއޯސީގައި މަސައްކަތްކުރާ ވޮލަންޓިއަރުންނަށް، މަސައްކަތުގައި އުޅޭ ވަގުތު ބޭނުންކުރެވޭ ފަދަ ތަކެތި ކަމަށެވެ. އަދި އެޗްއީއޯސީގައި މަސައްކަތްކުރާ ފަރާތްތަކުން ވަމުން އަންނަ ގުރުބާނީ، ޝުކުރުވެރިކަމާއެކު ސްޓެލްކޯ އިން ބަލައިގަންނަ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ، ސްޓެލްކޯގެ އަހަރީ ދުވަހާ ގުޅުވައިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއްވެސް ރާވަމުން އަންނަ ކަމަށެވެ. އަދި އެ ހަރަކާތް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ވިދާޅުވިއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފެއްދީ 19 ޖޫން 1997ގައެވެ. ސްޓެލްކޯއަށް 24 އަހަރުވީ ނަމަވެސް، ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދޭން ފެށިތާ 72 އަހަރު ވެއްޖެއެވެ.