ދުނިޔޭގެ ''އެންމެ އުފާވެރި ގައުމު'' ފިންލެންޑުގައި ދިރި އުޅޭނެ މީހުން ހޯދާކަން އެގައުމުން އިއުލާނުކޮށްފިއެވެ.

ފިންލެންޑަށް ހިޖުރަ ކުރާނެ މީހުން ހޯދަމުން އަންނަނީ މަސައްކަތުގެ މާހައުލުގައި ވަޒީފާ އަދާކުރާނެ މީހުން މަދުވެގެން ކަމަށް އެގައުމުން މިވަނީ ބުނެފައެވެ.

އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި ވަޒީފާ ހަމަޖައްސައިދޭ ކުންފުންޏެއް ކަމަށްވާ އޭޖެންސީ ޓެލެންޓެޑް ސޮލިއުޝަނުގެ ރެކްރޫޓާ ސަކޫ ޓިވެރެނިން ބުނެފައިވާ ގޮތުގައި ފިންލެންޑުގެ ވަޒީފާތަކަށް ގިނަ އަދަދަކަށް ގައުމުން ބޭރުން މީހުން ވަނީ ހޯދަން ޖެހިފައެވެ. އޭނާ ބުނެފައިވާ ގޮތުގައި މިހެން ދިމާވެފައި ވަނީ އެގައުމުގެ މުސްކުޅިވަމުން އަންނަ އާބާދީ ބޮޑުވުމުގެ ސަބަބުން ކަމަށެވެ.

ޔޫއެން އިން ރިޕޯޓުކުރާގޮތުގައި ފިންލެންޑުގެ ވަޒީފާ އަދާކުރާ އުމުރުގެ އާބާދީގެ ކޮންމެ 100 މީހުންގެ ތެރެއިން 39.2 މީހުންނަކީ 65 އަހަރުން މަތީގެ މީހުންނެވެ. މިއީ މުސްކުޅިވަމުން އަންނަ އާބާދީ އެންމެ ބޮޑަށް ރެކޯޑު ކުރެވިފައިވާ ޖަޕާނާއި ދެވަނައަށް ގާތްކުރާ ގައުމު ކަމަށާއި، ފިންލެންޑުގައި 2030 ވަނަ އަހަރާ ހަމައަށް ދާއިރު މި ނިސްބަތް 47.5 އަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމުގައި ވަނީ ބުނެފައެވެ.