އދ. މާމިގިލީ ޕޯޓުގެ މަސައްކަތް ހުއްޓާލައި އެ ޕޯޓުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލް އިން މިހެން ބުނީ މާމިގިލި ޕޯޓުގެ މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާއިން ވަކިކޮށް އެ ޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލާފައިވާ ކަމަށް ބައެއް މީޑިއާގައި ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

އެމްޕީއެލްގެ ސްޕޯކްސް ޕާސަން ދާނިޝް ނިޒާމް އިއްޔެ ވިދާޅުވީ މާމިގިލީ ޕޯޓުގެ އޮޕަރޭޝަން ހުއްޓާލުމަށް ނިންމާފައި ނުވާ ކަމަށާއި ނަމަވެސް، މާމިގިލީ ޕޯޓުގެ އޮޕަރޭޝަން ސްކޭލް ޑައުން ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

ދާނިޝް ވިދާޅުވީ މާމިގިލީ ޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެމްޕީއެލްއަށް ވަޒީފާއަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ޕޯޓުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށްވެސް އޭނާ ވިދާލުވި އެވެ.

އިންޓަނޭޝަނަލް ޕޯޓެއްގެ ގޮތުގައި މާމިގިލީ ޕޯޓް އޮޕަރޭޝަނަށް ގެނެސް، އެ ޕޯޓުގެ ކާގޯ އޮޕަރޭޝަންސްގެ މަސައްކަތް ފަށާފައި ވަނީ 2018 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. އެ ޕޯޓުގައި މިވަގުތު މަސައްކަތް ކުރަމުން ދަނީ 35 މުވައްޒަފުންނެވެ.