Close
ޔޫރޯ 2020

އިންގްލެންޑަށް އެއްވަނަ، މޮޑްރިޗްގެ ޖާދުލާއެކު ކްރޮއޭޝިއާ ވެސް ގަދަ 16 އަށް

ޔޫރޯ 2020ގެ ގްރޫޕް ޑީގައި އިންގްލެންޑުން ކުޅުނު މެޗުގައި ޗެކު ރިޕަބްލިކް ބަލިކުރި އިރު، އެވަގުތު ކުޅުނު އަނެއް މެޗުގައި ސްކޮޓްލޭންޑް ބަލިކޮށް ކްރޮއޭޝިއާއިން ވެސް ގަދަ 16 ޔަގީންކޮށްފިއެވެ.

އިންގްލެންޑުން ވެމްބްލީގައި ކުޅުނު މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ޗެކް ރިބަޕްލިކަށް ތިންވަނަ ޓީމުގެ ގޮތުގައި ގަދަ 16 ޔަގީންކުރި އިރު، ގްރޫޕުގެ އެއްވަނަ ލިބުނީ އިންގްލެންޑަށެވެ. ދެވަނައަށް ގްރޫޕް ޑީން ދިޔައީ މިރޭ ގަލަސްގޯގައި ކުޅުނު މެޗުގައި 3-1 އިން ސްކޮޓްލޭންޑް ބަލިކުރި ކްރޮއޭޝިއާއެވެ.

ގްރޫޕް ޑީގެ ފަހު ދެ މެޗު އޮތީ މިރޭ އެއް ގަޑިއެއްގައެވެ. ޗެކު ރިޕަބްލިކުން އިންގްލެންޑާ ދެކޮޅަށް ނުކުމެފައިވާ އިރު، އެޓީމަށް އަދި އިންގްލެންޑަށްވެސް ވަނީ ގަދަ 16 ޔަގީންވެފައެވެ. އިންގްލެންޑް ކައިރިން ބަލިނުވެއްޖެ ނަމަ ޗެކަށް ގްރޫޕުގެ އެއްވަނަވެސް ޔަގީންވާން އޮތެވެ.

އިދިކޮޅަށް ނުކުތް އިންގްލެންޑަށްވެސް މެޗު މުހިއްމުވީ ގްރޫޕް އެއްވަނަ ހޯދުމަށެވެ. އެޓީމަށް އޮތް ޓާސްކަކީ މެޗުން މޮޅުވުމެވެ.

އެ ވަގުތު ކުޅުނު ދެވަނަ މެޗުގައި ސްކޮޓްލޭންޑުން ކްރޮއޭޝިއާ ވާދަކުރީ ގަދަ 16ގެ ފުރުސަތަކަށެވެ. ގްރޫޕުގެ ތިން ޓީމަށްވެސް ގަދަ 16ގެ ފުރުސަތު އޮތް އިރު، ކްރޮއޭޝިއާއިން ސްކޮޓްލޭންޑް ބަލިކޮށްފިނަމަ ގަދަ 16 އަށް ދެވެން އޮތެވެ. ޗެކަށް ވުރެ ފައިދާ ގޯލު ގިނަކޮށް ދެވަނައަށްވެސް ދެވެން އޮތެވެ. އަނެއްކޮޅުން ސްކޮޓްލޭންޑުން ކްރޮއޭޝިއާ ބަލިކޮށްފިނަމަ ގަދަ 16 އަށް ދާނެ ކަމުގެ ޔަގީންކަން އެޓީމަށްވެސް އޮތެވެ. ފައިދާ ގޯލުގެ ތަފާތުން ދެވަނައަށް ޖެހިލެވެން އެޓީމަށްވެސް އޮތެވެ.

މިރޭ ހަތަރު ޓީމު ކުޅުނުއިރުވެސް އެންމެ ބޮޑު ސަމާލުކަމެއް އޮތީ އިންގްލެންޑަށެވެ. އެއީ އަބަދުވެސް މީޑިއާގެ އެޓެންޝަން އެންމެ ބޮޑު ޓީމެވެ. އަދި މިހާތަނަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކި އިންގްލެންޑަށް އޮތް އިރު، އެޓީމަށް ކުރެވޭ އުންމީދަށް ގާތަށް ނުކުޅެވި އޮތުމަކީ ބޮޑު ޕްރެޝަރެކެވެ. ހާއްސަކޮށް އިންގްލެންޑުން މިފަހަރުގެ މުބާރާތަށް ނުކުތީ އެގައުމުގެ ރަން ޖީލަށްވެސް މިހާތަނަށް ނުހޯދި އޮތް ތަށްޓެއް ހޯދުމަށެވެ. އެއީ ޔޫރޯގެ ތަށްޓެވެ. ޔޫރޯގައި އިންގްލެންޑަށް ތަށްޓާ އެންމެ ގާތަށް ވެސް ދެވުނީ ތިންވަނައާ ހަމައަށެވެ. އެއީ 1968 ވަނަ އަހަރާއި 1996 ވަނަ އަހަރުއެވެ. 1996 ވަނަ އަހަރުގެ ޔޫރޯ މުބާރާތް އިންގްލެންޑުގައި ބާއްވައި، އެ ޔޫރޯއަކީ އިންގްލެންޑަށް އުންމީދު ބޮޑުކޮށް އޮތް މުބާރާތެއް ނަމަވެސް އެ މުބާރާތުގައި ވެސް ސެމީން އިންގްލެންޑް ކެޓީ ހިތްދަތި ގޮތަކަށެވެ.

އެއްވަނައިގައިި ގަދަ 16 އަށް ދާން ކުރި މަސައްކަތުގައި އިންގްލެންޑުން ޗެކު ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗު ފެށީ ވަރުގަދަކޮށެވެ. ފުރަތަމަ ކޮޅުގައި އިންގްލެންޑުން ވަނީ ލީޑުވެސް ނަގައިފައެވެ. ޖެކް ގްރީލިޝް އަރިމަތިން ނަގައިދިން ބޯޅަ ބޮލުން ގޯލަށް ވައްދާލީ ރަހީމް ސްޓާލިންއެވެ. ސްޓާލިން މުބާރާތުގައި ޖެހި ދެވަނަ ގޯލެވެ. އިންގްލެންޑުން ވެސް މުބާރާތުގައި ޖެހި ދެވަނަ ގޯލެވެ. މިރޭގެ މެޗަށް ގްރީލިޝް ކުޅެން ނުކުތީ ކުރިން މެޗުތަކުގައި ނުކުތް މޭސަން މައުންޓް ސްކޮޑުގައި ނެތުމުންނެވެ. ކޮވިޑަށް ޕޮޒިޓިވްވެފައިވާ ސްކޮޓްލެންޑް މިޑްފީލްޑަރު ބިލީ ގިލްމޯއާ ކޮންޓެކްޓުވުމުގެ ސަބަބުން އިންގްލެންޑުގެ ފުރަތަމަ ދެ މެޗުގައި ފުރަތަމަ 11 އިން ފެނުނު މިޑްފީލްޑަރު މޭސަން މައުންޓް ހުރީ އައިސޮލޭޝަނުގައެވެ.

އޭގެ އިތުރުންވެސް އިންގްލެންޑުގެ ކެޕްޓަން ކޭންގެ ނުރައްކާތެރި ހަމަލާއެއްވެސް ފުރަތަމަ ހާފުގައި ފެނިގެން ދިޔައެވެ. އަނެއްކޮޅުން ޗެކުގެ ނުރައްކާވެސް ވަކި ކުޑައެއް ނޫނެވެ. ގޯލުގެ މަތީ ކަނަކަށް އަމާޒުކޮށް ޕެނަލްޓީ އޭރިއާ ބޭރުން ހޯލްސް ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އޭގެ އިތުރުން ހުސްކޮށް ލިބުނު ބޯޅައަކުން ސޯޗެކް ފޮނުވާލި ހަމަލާ، އިންގްލެންޑް ގޯލާ އަމާޒެއް ނުވިއެވެ.

ދެވަނަ ހާފުގައި އިންގްލެންޑް އަދި ޗެކުގެ ހަމަލާތައް ވެސް ފެނުނީ މަދުންނެވެ. ދެޓީމަށް ވެސް ގަދަ 16 ޔަގީންވެފައި އޮތުމުން ކުޅުން ފެނުނީ ވަނދުކޮށެވެ. ޗެކުގެ ޕެކްހާޓް ފޮނުވާލި ބާރު ހަމަލާއެއް އިންގްލެންޑް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ އިތުރަށް ދެވަނަ ހާފުގައި ދެޓީމަށްވެސް އެންމެ އެދެވޭ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.

ސްކޮޓްލޭންޑާއި ކްރޮއޭޝިއާ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައިވެސް ދެ ގޯލު ފެނިފައިވެއެވެ. ފުރަތަމަ ހާފުގައި ހަމަލާތައް ގިނަކޮށް ފެނުނު ނަމަވެސް، ގޯލާ އަމާޒުވީ މަދު ހަމަލާއެކެވެ. ފުރަތަމަ ކޮޅުގައި ސްކޮޓްލޭންޑްގެ ޗޭ އެޑަމްސްއަށް ފުރުސަތެއް ލިބި ބޭކާރުވި އިރު، ފަހުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

ކްރޮއޭޝިއާއިން ފުރަތަމަ ފުރުސަތުގައި ލީޑު ނެގިއެވެ. ލީޑު ނަގައިދިނީ ވްލާޝިޗެވެ. އޭރިއާ ތެރެއަށް މޮޑްރިޗް ނަގައިދިން ހުރަސް، ޕެރަސިޗް ބޮލުން ޖައްސާލުމުން ފަހިވީ ވްލަޝިޗަށެވެ. އޭނާ ބަލާލާފައި ތިރިތިރީން ބޯޅަ ވައްދާލީ ގޯލުގެ ކަނަށެވެ. އޭގެ ފަހުން މޮޑްރިޗްގެ ބާރު ހަމަލާ ގޯލަށް އަމާޒުނުވެ ދިޔަ އިރު، ދެން ފެނުނީ ސްކޮޓްލޭންޑުން ކުރިއަށް ޖެހި ނުރައްކާ ކުރި ތަނެވެ. އެ ނުރައްކާގައި ހާފު ނިމުމުގެ ކުރިން އެޓީމު ލީޑުވެސް ނެގިއެވެ. މުބާރާތުގައި ސްކޮޓްލޭންޑް ޖެހި ފުރަތަމަ ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ މެކްގްރެގާއެވެ. ރޮބާޓްސަންގެ ހުރަސް ސާފުކޮށްލަން ކްރޮއޭޝިއާ ޑިފެންޑަރު ޖެހި ބޯޅަ ހޯދައި، އޭނާ ގޯލަށް ބޯޅަ ވައްދާލީ ޕެނެލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެށީ ކްރޮއޭޝިއާއިންނެވެ. އެޓީމަށް ހިތްވަރު އާވެގެން ދިޔައީ މެޗުގެ 61 ވަނަ މިނެޓުގައި މޮޑްރިޗް ޖަހައިދިން ހިތްގައިމު ގޯލަކުންނެވެ. އޭރިއާ ބޭރުން ފައިގެ ބޭރު ފަޅިން ކާވް ކޮށްލި ބޯޅަ ވައްދާލީ ގޯލުގެ ކަނަށެވެ. ވަރަށް ހިތްގައިމު ގޯލެކެވެ. މޮޑްރިޗް ވެފައިވަނީ ކްރޮއޭޝިއާ ޖާޒީގައި ޔޫރޯގައި ގޯލު ޖެހި އެންމެ ޒުވާން އަދި އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. އޭނާ ޔޫރޯގައި ޖެހި ފުރަތަމަ ގޯލް ޖެހީ 2008 ވަނަ އަހަރުއެވެ. އޭރު އުމުރުން 23 އަހަރެވެ. މިހާރު މޮޑްރިޗްގެ އުމުރުން 35 އަހަރެވެ.

އިންގްލެންޑުން މިރޭގެ މެޗު ކާމިޔާބުކޮށް ގްރޫޕް އެއްވަނަ ހޯދީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ދެވަނައަށް ކްރޮއޭޝިއާ ދިޔައީ ތިން މެޗު ކުޅެ، ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައަށް ޗެކު ރިޕަބްލިކަށްވެސް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު ތިންވަނައަށް ދިޔައީ ގޯލުގެ ތަފާތުންނެވެ. އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުގައި ހިމެނި ޗެކު ރިބަޕްލިކްވެސް ވަނީ ގަދަ 16 ޔަގީން ކޮށްފައެވެ. ސްކޮޓްލޭންޑް ކަޓައިގެން ދިޔައީ ޕޮއިންޓަކާއެކު މޮޅެއް ނުލިބިއެވެ.