މަރާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް އަދި 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.

އުމުރުން 13 އަހަރުގެ އެ ފިރިހެން ކުއްޖާގެ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާގެ ފަރާތުން އެކަން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ ރޭ މެންދަމު 2:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށްލައި އެއްލާލާފައި އޮއްވައެވެ. އެ ކުއްޖާގެ މަރުގެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިިރިހެނެކެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް އަދި 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އެ ކުއްޖާގެ ހަށިގަނޑު ފެނުނު މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި މީހަކަށް ބަލައިލަން ކެތްނުވާ ވަރަށް ހަށިގަނޑުގައި އަނިޔާގެ ނިޝާންތައް ހުއްޓެވެ. ކަރުގައި ވަށް އެއްޗެއް ބައްދާފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ބެލެވޭ ގޮތުގައި އެ ކުއްޖާ މަރާލީ ކަރުގައި އެއްޗެއް ބައްދައި ނޭވާ ހާސްކޮށްގެނެވެ.

މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި މި ހާދިސާ ހިނގުމާއި ގޭންގުތަކާ ގުޅުމެއް އޮތް ކަމަށް ގަބޫލު ކުރެވެ އެވެ. އެ ގޮތުން މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގޭންގާ ގުޅުން ހުރި ދެމީހަކު ކަމަށް ވެސް ބުންޏެވެ.

އެ ކުއްޖާގެ މަރާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން މިއަދު ދިން ބޭއްވި ޕްރެސްގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، އެ ކުއްޖާ މަރާލި މައްސަލަ ހާއްސަ އިސްކަމެއްދީގެން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް މިހާރުވެސް ހޯދިފައިވާ ކަމަށް ބަޝީރު ވިދާޅުވިއެވެ.

ތަހުގީގާ ގުޅޭ އިތުރު މައުލޫމާތުތައް ދެއްވަމުން ޗީފް އިސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، އިއްޔެ ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ވަނުން މަނާކޮށްފައިވާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާ ދީފައިވާކަމުގެ މައުލޫމާތު އާންމުންގެ ފަރާތުން ލިބުނު ކަމަށެވެ. އަދި ފުލުހުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެ މަރާގުޅޭ ހެކި ގަރީނާ ހޯދުމުގެ މަސައްކަތް ކަމަށެވެ.