ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރުވަނީ، ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ސަބަބުން ކަމުގައި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން ބުނެފި އެވެ.
ހުޅުމާލޭގައި އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލި މައްސަލަ ކުށްވެރިކޮށް އާކްއިން މިރޭ ނެރުނު ބަޔާނުގައި ބުނީ، އެ މައްސަލަ ހާމަކަންބޮޑު ގޮތަކަށް ތަހުގީގުކުރަން ޖެހޭ ކަމަށެެވެ.
އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ ރޭ މެންދަމު 2:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށްލައި އެއްލާލާފައި އޮއްވައެވެ. އެ ކުއްޖާ މަރާލި މައްސަލައިގައި 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
އާކްއިން ބުނީ، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވައި އަދި މިފަދަ ބޮޑެތި ކުށްތައް ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުން އަވަސްކުރަން ޖެހޭ ކަމަށެވެ.
"ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރުވަމުންދަނީ ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ޝަރުއީ އަދި އިޖުތިމާއީ ދާއިރާ ފަދަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ އޮތް ފަރާތްތަކުގެ ތެރޭގައި ރަނގަޅުކުރަން ހުރި ގިނަ ކަންތައްތަކެއް ހައްލުނުކުރެވުމުގެ ސަބަބުންނެވެ. އަދި މިފަދަ މައްސަލަތަކުގެ ސީރިއަސްކަން އިތުރުވެ، ބޮޑެތި އަނިޔާތަކާއި މަރުގެ މައްސަލަތައް ގިނަވަމުންދިއުމަކީވެސް އާކުން ކަންބޮޑުވާ ކަމެކެވެ." އާކް އިން ބުންޏެވެ.
އާކްއިން ވަނީ އަނިޔާއިން ކުޑަކުދިން ރައްކާތެރިކޮށް އެކުދިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތްކުރުމުގައި ދެމި ތިބޭނެ ކަމަށް ބުނެފައެވެ.