މަރާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާއަކީ ދައުލަތުން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ކުއްޖެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

އެ ކުއްޖާ މަރާލުމަށްފަހު ފޮއްޓެއްގެ ތެރެޔަށްލާފައި އޮއްވާ ފެނިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރު އުތުރު ފަރާތު ފަޅުތެރެއިންނެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގައި އިސްކޮށް ހުންނަވާ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވީ، މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ އާއިލާއާ ގުޅިގެން ޖެންޑާއިން މީގެ ކުރިން ދިޔައީ އެކުއްޖާއަށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

"މި އާއިލާއަކީ އަޅުގަނޑުމެންނާ އެއްކޮށް މި ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ގާތުން މަސައްކަތް ކުރަމުން ދިޔަ އާއިލާއެއްކަން ފާހަގަކޮށްލާފައި، ކުއްޖާއާއެކުގައި ކުރެވިފައިވާ ވޭދަނައިގެ މަސައްކަތުން ކުއްޖާއަކީ އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވާ ގޮތުގައި ކުއްޖާއަކީ ތައުލީމް އުނގެނެމުންދާ އަދި ކުއްޖާގެ މުދައްރިސުންގެ ފަރާތުން އެކުއްޖާގެ ގާބިލްކަންވެސް ހުރި ކުއްޖެއްކަންވެސް ފާހަގަ ކުރެވޭ" ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ އެކުއްޖާގެ މަރާއި ގުޅިގެން އާއިލާއަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ޔުމްނާ އިތުރަަށް ވިދާޅުވީ، އެކުއްޖާގެ ކަރާމާތައް އުނިކަން ލިބޭ ފަދަ އަމަލެއް އެއްވެސް ފަރާތަކުން ނުކުރުން އެދޭ ކަމަށާއި އެ ކުއްޖާގެ ޒާތީ މައުލޫމާތު ދައުރުނުކުރުމަށްވެސް އެދޭ ކަމަށެވެ.

އެކުއްޖާ މަރުގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާއިރު އެ މައްސަލައާ ގުޅިގެން މިހާތަނަށް 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ހައްޔަރުކޮށްފައެވެ.