ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އުމުރުން 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު، ގެއަކަށް ގެންގޮސް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ބަންދުން ދޫކޮށްލައިފިއެވެ.
އުމުރުން 25 އަހަރުގެ އެ މީހާ ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް އޭރު ޖެހީ 15 ދުވަހެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުގެ ކުރިން ފުލުހުންގެ ބަންދުން އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރި ކަމަށް ބެލެވޭ ސަބަބުތައް ހުރި ނަމަވެސް ޝަރުތުތަކެއް ކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލުމަށް އިއްޔެ ކްރިމިނަލް ކޯޓުން އަމަރުކޮށްފައި ވަނީ، ފުލުހުންވެސް އޭނާ ދޫކޮށްލުމާމެދު އިއުތިރާޒެއް ނެތް ކަމަށް ބުނުމުންނެވެ. އަދި އޭނާ ބަންދުގައި ބަހައްޓަންޖެހޭ އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ވެސް ގާޒީ ދީބާނާޒް ފަހުމީ ކުރެއްވި ހުކުމުގައި ބުނެފައިވެއެވެ.
ކުޑަކުދިންގެ ހިޔާގައި އުޅޭ އެ އަންހެން ކުއްޖާ ފެނުނީ ހައްޔަރު ކުރި މީހާ ދިރިއުޅޭ ކޮޓަރިންނެވެ. އަދި އެ ކުއްޖާއާ މެދު ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އިރު، އެކުއްޖާ ގުރޫމް ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ ހެކި ވަނީ ފުލުހުން ހޯދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު