ޑެންމާކުން ލިޔެލީ ފަހުގެ ތާރީހެއްގައި ފުޓުބޯޅައިގެ އެންމެ ރީތި ޖާދުވީ ވާހަކައެވެ. ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގައި އެޓީމަށް ދިމާވި އުނދަގޫ ހާލަތު ބަދަލުކޮށް، އަމިއްލަ ސަޕޯޓަރުން ކުރިމަތީ ރޭ ހޯދި މޮޅާއެކު ގަދަ 16 ޔަގީން ކުރި މަންޒަރު ބަލަން ތިބި ހުރިހާ އެންމެންގެ ގައިން ހީބިހި ނަގައިގެން ދިޔަ ކަހަލައެވެ. ގްރޫޕް ސްޓޭޖު ފުރަތަމަ ދެ މެޗުން ބަލިވެފައި އޮތް ޑެންމާކު، ރޭ ތިންވަނަ މެޗަށް ނުކުމެ، 4-1 އިން ރަޝިއާ ބަލިކޮށް، ގަދަ 16 އަށް ދިޔައީ ހީ ނުކުރާ ފަދަ ގޮތަކަށެވެ. އެ ޖޯޝު، އެ ހިތްވަރު ހުރިހާ ކުޅުންތެރިން ހާއްސަ ކުރަނީ ހަމަ އެންމެ ކުޅުންތެރިޔަކަށެވެ. ކްރިސްޓިއަން އެރިކްސަންއަށެވެ. އެއީ ޓީމަށް ލިބުނު ޖާދުލުގެ ހިތްވަރެވެ.

މިފަހަރުގެ ޔޫރޯގެ ފުރަތަމަ މެޗުގައި ޑެންމާކުން ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުނެވެ. މެޑިކަލް އެމަޖެންސީއެއްގައި އެ މެޗު ގަޑިއިރެއްހާއިރަށް މެދުކަނޑާލާފައިވާއިރު، އެ މެޗުގައި ދެން ހިނގައިދިޔަ ހުރިހާ ކަމަކުންވެސް ޑެންމާކު ނަފުސާނީ ގޮތުން ބަލިކޮށްލިއެވެ. އެހެންނަމަވެސް ޓީމު އެކަތިގަނޑަކަށް ވިއެވެ. އެރިކްސަންގެ އެ ހިތްދަތި ވަގުތުކޮޅާއެކު މުޅި ޓީމަށް އަސަރުކުރިއެވެ. އެހެންނަމަވެސް ޓީމުން މިއަދާ ހަމައަށްވެސް ދެއްކީ ނަމޫނާ ސާބިތު ކަމެކެވެ. ދެވަނަ މެޗަށް ނުކުތްއިރުވެސް އެ ހިތްދަތި މަންޒަރުތައް ސިފަވާ ކަމަށް ކުޅުންތެރީންވެސް ބުންޏެވެ. އެ ހާލަތުގައި ކުޅެ ބަލިވި ނަމަވެސް ހިތްވަރު ގެއްލުވައެއް ނުލައެވެ.

ނުވަ ދުވަސް ފަހުން އެރިކްސަންގެ ހިތަށް އައިސީޑީއެއް ލައްވައި، މިހާރު ހުރީ ގޭގައެވެ. އޭނާއަށް ކުރިއަށް އޮތް ތަނުގައި ފުޓުބޯޅަ ކުޅެވޭނެކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. ހާލު ރަނގަޅު ނަމަވެސް އެއީ އެރިކްސަންއަށް އުނދަގޫ ވާނެ އިހުސާސެކެވެ. ގެއަށް ދިޔުމުގެ ކުރިން، ރޭގެ މެޗަށް ހިތްވަރު ދިނުމަށް އެރިކްސަން ވަނީ ޑެންމާކުގެ ކޭމްޕަށް ގޮސްފައެވެ. އޭނާގެ އެދުމަކަށް ވާނީ ރަޝިއާ ބޮޑު ތަފާތަކުން ބަލިކުރުންކަން ޔަގީނެވެ. އެރިކްސަންއަށް އެ އެދުން ކުޅުންތެރިން ފުއްދައިދީފިއެވެ. ރޭގެ މެޗުގައި ފެނުނީ ތަފާތު ރޫހެއްގައެވެ. ކޮންމެ ގޯލެއްވެސް ހާއްސަވީ ނަންބަރު 10 އެރިކްސަންއަށެވެ. އެއީ ކުޅުންތެރިން އޭނާއަށް ހޯދައިދިން މޮޅެއްކަން ވަރަށް ސާފެވެ.

"ޑެންމާކުގެ މޮޅަކީ އެރިކްސަންއަށް ހޯދައިދިން މޮޅެއް. ކޯޕަންހޭގަންގެ އަޑުން އެކަން ސާފުވާނެ. މިއީ ފުޓުބޯޅައިގެ އާދަޔާހިލާފު އަސަރުގަދަ މަންޒަރެއް،" ބީބީސީ ކޮމެންޓޭޓަރު ގައީ މޯބްރޭ ދަނޑުގައި އިނދެ ބުނެފައިވެއެވެ.

ކޮމެންޓޭޓަރުންނަށް ރޭގެ މަންޒަރުތައް ސިފަކޮށްދޭން އުނދަގޫވިއެވެ. އުފާވެރި މަންޒަރެއް ނަމަވެސް ކުޅުންތެރިންގެ ފަރާތުން އެ ކުޅުންތެރިންގެ ޖަޒުބާތު ވަރަށް ރަނގަޅަށް ފެނުނެވެ. އެރިކްސަންގެ ހާދިސާގެ ނަފުސާނީ އަސަރު އިންތިހާއަށް ފެނުނެވެ. އެ ވާހަކަތައް ކިޔައިދޭން ކުޅުންތެރިންނާއި ކޯޗަށްވެސް އުނދަގޫވިއެވެ.

"އުންމީދު ކުރީވެސް ޖާދުލުގެ ރެއަކަށް. އަހަރެން ބޭނުން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޑެންމާކަށް ހިތްވަރުދިން އެންމެންނަށް ޝުކުރު އަދާކުރަން. ވަރަށް ބޮޑަށް ލޯބި ދީފި. އެ ލޯބީގެ އަސަރު ކުޅުންތެރިންނަށް ކުރިތަން ވަރަށް ބޮޑަށް ފެނުނު. ވަރަށް ބޮޑަށް ޝުކުރިއްޔާ. ޓީމުގެ މޯޓިވޭޝަން، ޓީމުގެ ހިތްވަރު. އެކުވެރިކަމުން މި ނަތީޖާ ހައްގު. އަހަންނަށްވެސް އަރައިގަންނަން އުނދަގޫވި ހާލަތަކަށް ކުޅުންތެރިންނާއެކު ދިޔައީ. އެކަމަކު އެކުގައި މި އަރައިގަތީ،" ޑެންމާކު ކޯޗު ކެސްޕާ ޖުލްމާންޑް އަސަރާއެކު ބުނެފައިވެއެވެ.

ޕާކެން ސްޓޭޑިއަމްގެ އަޑު އިންތިހާއަށް ގަދައެވެ. މުޅި ޑެންމާކުގެ އަޑުވެސް ގުގުމާލާނެކަން ޔަގީނެވެ. ޓީމަށް އެންމެ ފުރަތަމަ މަރުހަބާ ކީވެސް އެރިކްސަންއެވެ. އޭނާގެ އިންސްޓާގްރާމްގައި ޑެންމާކަށް ތައުރީފު ކޮށް ވަގުތުން ޕޯސްޓް ކޮށްފައިވެއެވެ.

މެޗުގައި ޖެހި ކޮންމެ ގޯލެއްވެސް ހާއްސަ ވެގެން ދިޔައީ އެރިކްސަންއަށެވެ. ކޮންމެ ކުޅުންތެރިއެއްގެ ހިތުގައިވެސް ވަނީ އެރިކްސަންއަށް ހަދިޔާއެއް ދީ، އޭނަ ހެއްވާލުމުގެ ރޫހެވެ. މުޅި ދަނޑު ގުގުމަމުން ދިޔައީ ޓީމަށް ދިން ހިތްވަރުންނެވެ. ދަނޑުގެ ފޯރިގަދަކަން ޑެންމާކުގެ ދެވަނަ ގޯލުން ވަރަށް ސާފެވެ.

މުޅި ދުނިޔޭގެ ފުޓުބޯޅަ ރޭ އޮތީ ޑެންމާކާ އެކުގައެވެ. ނާއުންމީދުގެ ސުން ޕޮއިންޓުން ގަދަ 16 އަށް ދިޔައީ ހިތްވަރާއެކު ކުޅުނު އެންމެ މެޗަކުން ނަތީޖާ އަނބުރާލައިގެންނެވެ. މުޅި ޓީމު އެރިކްސަންއަށް ނަތީޖާ ހާއްސަކުރިއެވެ. ޑެންމާކުން ލިޔެލީ ފުޓުބޯޅައިގެ ޖާދުވީ ހިތްވަރުގެ ވާހަކައެކެވެ.