ކުޅިވަރު

އާޖެންޓީނާ ކުއާޓާއަށް، މެސީ ރެކޯޑަކާ ހަމަކޮށްފި

ތިން މެޗުން ހޯދި ދެވަނަ މޮޅާއެކު އާޖެންޓީނާ އިން ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ އާޖެންޓީނާ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި ޕެރަގުއޭ ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް ޕަޕޫ ގޮމޭޒް ޖަހައިދިން އިރު، ރޭގެ މެޗަކީ ކެޕްޓަން ލިއޮނެލް މެސީ އާޖެންޓީނާ ޖާޒީގައި ކުޅުނު 147 ވަނަ މެޗެވެ. އާޖެންޓީނާ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ހާވިއާ މެޝަރާނޯވެސް އެ އަދަދަށް މެޗު ކުޅެދީފައިވާ އިރު، ދެން މެސީ ކުޅޭ މެޗާއެކު އެ ރެކޯޑު މުގުރާލާނެއެވެ.

އުމުރުން 34 އަހަރުގެ މެސީ މިހާތަނަށް މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު، ރޭގެ މެޗުގައިވެސް އޭނާގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އޭނާގެ އުންމީދު ވަރަށް ބޮޑަށް ހިފާފައި ހުރީ ގައުމީ ޓީމާއެކު ތަށްޓެއް ހޯދައި ގައުމީ ޓީމުން ރިޓަޔާކުރަން ކަމަށް ބެލެވެއެވެ.

އާޖެންޓީނާ އިން މެޗުގެ ކުރީކޮޅުގައި ލީޑު ނެގީ އެންހޭލް ޑި މާރިއާގެ ހުރަހަކުންނެވެ.

ގުރޫޕް އެއްވަނައިގައި އާޖެންޓީނާ އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ޗިލީ ދެވަނައިގައި އޮތް އިރު، ރޭ ޗިލީން އުރުގުއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެފައިވުމާއެކު ޗިލީވެސް ވަނީ ކުއާޓާއަށް ދަތުރު ކޮށްފައެވެ.

ގުރޫޕް އޭގައި ދެން ބާކީ ހަތަރު މެޗު އޮތް އިރު، ޕެރަގުއޭއަށް ތިން ޕޮއިންޓް، އުރުގުއޭއަށް އެއް ޕޮއިންޓް ލިބިފައިވެއެވެ. ފުލުގައި އޮތް ބޮލީވިއާއަށް އަދި ޕޮއިންޓެއް ނުލިބި އޮތް ނަމަވެސް ހިސާބުތަކަށް ބަލާ އިރު ކުއާޓާގެ ހަނި ފުރުސަތެއް އެބައޮތެވެ.

ގުރޫޕް ބީން ބްރެޒިލް ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ކުއާޓާ ފައިނަލް ޔަގީން ކޮށްފައެވެ.