ރަހީނު ކުރުމަށް ފަހު އަނިޔާވެރި ގޮތަކަށް މަރާލައި އެއްލައިލައިފައި އޮއްވައި ފެނުނު ކުޑަ ކުއްޖާގެ ޕޯސްޓްމޯޓެމް ހެދުމަށް ނިންމައިފި އެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު "ވަން" އަށް ބުނީ އެ ކުއްޖާގެ ހަށިގަނޑު މިހާރު މޯޗަރީ އަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަން އާއިލާއަށް އަންގާފައިވާ ކަމަށެވެ.

ޝައްކު އުފެދޭ ގޮތަށް މަރުވެފައިވާ މީހުންގެ ޕޯސްޓް ހެދުމަށް ނިންމުމުގެ ބާރު ފުލުހުންނަށް ގާނޫނުން ލިބިދީފައިވެ އެވެ. އެއީ އޭނާ މަރުވީ ކޮން އަނިޔާއެއްގެ ސަބަބުން ކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދިނުމުގެ ބޭނުމުގަ އެވެ.

އުމުރުން 13 އަހަރުގެ އެ ކުއްޖާގެ ހަށިގަނޑު ހުޅުމާލޭ ފޭސް2 ގެ މޫދު ތެރެއިން ރޭ ދަންވަރު 2:30 ހާއިރު ފެނުނުއިރު، އޮތީ ފޮއްޓަކަށް ލާފަ އެވެ. އެއީ ފިރިހެން ކުއްޖެކެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ބަޔަކު 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނު ކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެ ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ މަރާލާފައި އޮއްވައި ރޭ 2:38 ހާއިރު ފެނިފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.