ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް މިރޭ ފަށައި، އެކަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ދެންމެ ވިދާޅުވީ ފުލުހުން ހިންގާ އޮޕަރޭޝަނެއް މިރޭ މާލޭގައި ކުރިއަށްދާ ކަމަށެވެ. އަދި އިތުރު މައުލޫމާތު އޮޕަރޭޝަން ނިމުމުން ހިއްސާ ކުރާނެ ކަމަށެވެ.

ނަމަވެސް އޮޕަރޭޝަން ކުރިއަށް ގެންދަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މިރޭ ކުރިއަށްގެންދާ އޮޕަރޭޝަނުގައި ވަނީ އެކަކު ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހެންވޭރުގައި ހުންނަ ގެއަކުންނެވެ. އަދި އެ ގެއިން ވަނީ ގިނަ އަދަދެއްގެ ތަކެތިވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ހަރުކަށި ފިކުރާ ދެކޮޅަށް އޮޕަރޭޝަންތައް ހިންގަމުންނެވެ.

އެގޮތުން މާލެ އާއި ހުޅުމާލެ އަދި އައްޑޫގައިވެސް އޮޕަރޭޝަންތައް ދަނީ ކުރިއަށް ގެންދަމުންނެވެ. މި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބަޔަކުވެސް އަންނަނީ ހައްޔަރު ކުރަމުންނެވެ.