އެމްބިއުލާންސް ހިދުމަތާ ބެހޭ ވަކި މުއައްސަސާއެއް އުފެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ފަރުވާދިނުން ލަސްވުމުގެ ސަބަބުން ކޮވިޑު ބަލީގައި ރާއްޖޭގައި މަރުވި އެންމެ ހަގު ކުއްޖާ ކަމަށްވާ އުމުރުން ދިހަ އަހަރުގެ މިޝްކާ މުހައްމަދުގެ މަރުގެ މައްސަލައާ ގުޅޭ ފައިނަލް ރިޕޯޓާއެކު ހެލްތު މިނިސްޓަރު ނަސީމް ވަނީ މިއަދު ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެމްބިއުލާންސްތައް ބެލެހެއްޓުމާއި މެއިންޓެއިން ކުރުމުގެ އިންތިޒާމެއް މިހާތަނަށް ހަމަޖެހިފައިނުވާ ކަމަށާއި އެމްބިއުލާންސްތައް ސާވިސް ކުރުމާއި ތެޔޮ ބަދަލު ކުރުމުގެ ކަންކަން ކުރިއަށްދާ ގޮތް ފެންނާން ނެތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެމްބިއުލާންސް ދުއްވައި ބެލެހެއްޓުމަކީ ހެލްތު މިނިސްޓްރީން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އެކަމަށް ވަކި ހާއްސަ ޔުނިޓެއް އިންނަން ޖެހޭ ކަމަށާއި އެ ޔުނިޓަކީ އިންޑިޕެންޑެންޓް ޔުނިޓަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަސްލު ހަގީގަތުގައި އެމްބިއުލާންސް ހިދުމަތާ ބެހޭ ވަކި މުއައްސަސާއެއް އުފެދެން އެބަ ޖެހޭ. ހެލްތު މިނިސްޓްރީއަކުން އެކަމެއް ނުއެއް ކުރެވޭނެ. އެހެންވެ އެ މުއައްސަސާ އުފެއްދުމަށްވެސް އަޅުގަނޑު މިދަނީ މަސައްކަތް ކުރައްވަމުން. އެހާ ހިސާބުން މިކަންކަން ވަކި މުއައްސަސާއަކާ ހަވާލުކޮށްގެން ކުރިއަށް ގެންދެވޭނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅޭ މަޝްވަރާތައް ކުރުމަށް މިއަދު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި އެ މުއައްސަސާ އުފައްދަން ޖެހޭނެ ކަމާއި މުއައްސަސާ އުފެއްދުމުގެ ބޭނުންތައް ސާފުކޮށްދީފައިވާ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.
"މިއަދުވެސް އަޅުގަނޑު މި އައީ ފިނޭންސް މިނިސްޓްރީގައި އެވާހަކަތައް ދައްކާފައި. އުފައްދަން ޖެހޭނެ ކަމާއި މުއައްސަސާ އުފެއްދުމުގެ ބޭނުން ސާފުކޮށްދީފަ. ފިނޭންސް މިނިސްޓަރުވެސް އަޅުގަނޑާ އެއްބަސްވެވަޑައިގެންނެވި މިކަން ކުރަންޖެހޭ ކަމަށް. އެހެންވީމަ އެކަން ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތަކުގައި އެމްބިއުލާންސް ސާވިސް ކުރުމަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި މިހާރު އެމްބިއުލާންސް ސާވިސް ކުރުމަށް ގެންނަން ޖެހެނީ މާލެ ކަމަށް ނަސީމް ވިދާޅުވިއެވެ.
"މިހާރުވެސް ސާވިސް ކުރަން މާލެ އަށް ގެންނަނީ. މިހާރުވެސް 13 އެމްބިއުލާންސް އެބައޮތް މާލެ ގެނެސް. އެ ހަދާފަ އަނެއްކާ ފޮނުވާލަނީ. އެއީ އެކަމަކު ހައްލެއް ނޫން. ރަށްރަށުގައި އެކަންކަން ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖެހެން ޖެހޭ. އެކަންކަން އަޅުގަނޑުމެން މިދަނީ ބަލައި ހަމަޖެއްސުމަށް މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އޭނާ ހެލްތު މިނިސްޓްރީގެ ވުޒާރާއާ ހަވާލުވި ފަހުން އެމްބިއުލާންސް ލަސްވުމުގެ މައްސަލަތަކެއް ދިމާވެފައިނުވާ ކަމަށެވެ. ނަސީމް ވިދާޅުވިގޮތުގައި މިޝްކާގެ މަރުގެ މައްސަލައިގަވެސް އެމްބިއުލާންސަށް އެންގިތާ 10 މިނެޓް ތެރޭގައި އެގެއަށް ގޮސްފައިވެއެވެ. އެހެންކަމުން ލަސްތަކެއް އުޅޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު