ޔޫރޯ 2020 ގެ ގްރޫޕް ސީގައި ނެދަލޭންޑްސްއިން ކުޅުނު ފަހު މެޗުގައި ނޯތު މެސަޑޯނިއާ ބަލިކޮށް، އެޓީމުން 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފިއެވެ.

ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މެޗުން ނެދަލޭންޑްސް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. ނެދަލޭންޑްސް މޮޅުވުމުގެ އިތުރުން މެޗުގެ ފޯކަސް ވަރަށް ބޮޑަށް އަމާޒުވީ ނޯތު މެސަޑޯނިއާގެ ފުޓުބޯޅަ ހީރޯ ގޯރަން ޕަންޑޭވްގެ ރިޓަޔާމަންޓަށެވެ. މެޗުގެ ފަހު ހާފުގައި ޕަންޑޭވް ބާލާފައިވާ އިރު، އޭނާއަށް ވަނީ ގާޑް އޮފް އޮނާއެއް ކުޅުންތެރިން އަރުވައިފައެވެ.

މިރޭގެ މެޗަށް ނުކުތްއިރުވެސް ނެދަލޭންޑްސްއަށް އޮތީ ގްރޫޕްގެ އެއްވަނަ ކަށަވަރުވެފައެވެ. ނޯތު މެސަޑޯނިއާ އޮތީ ކަޓައިފައެވެ. ނެދަލޭންޑްސްއިން މެޗަށް ނުކުތީ ކުޅުމުގެ ސްޓައިލް ގެއްލުވާނުލައި، ނޯތު މެސަޑޯނިއާވެސް ބަލިކޮށް ގަދަ 16 އަށް ދާން ކަމަށް ކޯޗު ފްރޭންކް ޑި ބޯ ވަނީ ބުނެފައެވެ. ޑި ބޯއަކީ މިހާތަނަށް ނެދަލޭންޑްސް ދުށް އެންމެ ކާމިޔާބު ޓީމު، އެގައުމުގެ "ރަން ޖީލުގެ" ކެޕްޓަނެވެ. ކާމިޔާބީއަށް ނެދާލެންޑްސް ކުރަން ޖެހޭނެ ދަތުރު އޭނާއަށް ސާފުވާނެކަން ޔަގީނެވެ.

މިފަހަރު ޔޫރޯގެ ގަދަ 16 އަށް ނެދަލޭންޑްސް ދަތުރު ކޮށްފައި ވަނީ 2008 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށެވެ. 2008 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ނެދަލޭންޑްސް ވާދަކޮށްފައިވާ އިރު، ފަހުގެ ތާރީހެއްގައި ނެދަލެންޑްސްގެ އެންމެ މާޔޫސީ ދުވަސްތަކަކީ 2014 ގެ ފަހެވެ. ވޯލްޑް ކަޕް 2014ގެ ތިންވަނަ ހޯދުމަށްފަހު އެޓީމަށް ޔޫރޯ 2016 އަދި ވޯލްޑް ކަޕް 2018 އަށް ކޮލިފައި ވެވިފައެއް ނުވެއެވެ.

ނޯތު މެސަޑޯނިއާގެ ތާރީހުގައިވެސް މިއީ އެގައުމުގެ ފުރަތަމަ މުބާރާތަށްވީ އިރު، މޮޅެއް ނުލިބުނަސް ޝަކުވާއެއް ނެތެވެ. އެހެންނަމަވެސް މިރޭގެ މެޗުން ލިބޭނެ ތިން ޕޮއިންޓަކީ ތާރީހީ، އަދި ބޮޑު ބޯނަހަކަށް އެޓީމަށް ވާނެކަމަށް ކޯޗުވެސް ގަބޫލުކުރެއެވެ. އެގައުމުގެ ތާރީހު ދުށް އެންމެ ކުޅަދާނެ ފުޓުބޯޅަ ކުޅުންތެރިޔާ، ގޯރަން ޕަންޑޭވް މުބާރާތަށްފަހު ފުޓުބޯޅައިގެ ރިޓަޔާ ކުރަން ވިސްނާފައިވާ ކަމަށް ބުނެފައިވާ އިރު، މިރޭގެ މެޗު ވަރަށް ބޮޑަށް އޭނާއަށް ހާއްސަވާނެ ކަމަށް އޮތީ ބެލެވިފައެވެ.

މެޗުގެ ފުރަތަމަ 10 ވަރަކަށް މިނެޓުގައި ނެދަލޭންޑްސްއިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ފުރަތަމަ ފެނުނީ ނޯތު މެސަޑޯނިއާގެ ނުރައްކާތެރި ހަމަލާއެކެވެ. ޓްރިޗްކޯވްސްކީ ޕެނަލްޓީ އޭރިއާ ތެރެއިން ނެދަލެންޑްސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ރެފްރީ ނިންމީ އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށެވެ.

އެއީ ނެދަލޭންޑްސްއަށް ސިގްނަލަކަށްވިއެވެ. ނޯތު މެސަޑޯނިއާ މިހާތަނަށް ކުރަމުން އައި ހިތްވަރު މިރޭގެ މެޗުގައިވެސް ފެންނާނެ ކަމަށް ވަރަށް ބޮޑަށް ބެލުވުނެވެ. ނެދަލޭންޑްސްގެ ވަރުގަދަ އެޓޭކް ހުއްޓުވައި، ނޯތު މެސަޑޯނިއޯއާއިން ދިޔައީ ހަމަލާ އުފައްދަންވެސް މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ނެދަލޭންޑްސްގެ އެޓޭކަށް ގޯލު ހުޅުވާލަން މާ ގިނައިރެއް ނުނެގިއެވެ. މެޗުގެ 24 ވަނަ މިނެޓުގައި ނެދަލޭންޑްސްއިން ލީޑު ނެގިއެވެ. ކައުންޓާ އެޓޭކެއްގައި ޑޮންޔެލް މާލެން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މެމްފިސް ޑިޕާއީއެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން ނެދަލޭންޑްސްއަށް ލީޑު ފުޅާކުރުމަށް ހުސް ފުރުސަތެއް ލިބިގެން ދިޔައެވެ. މާލެން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑަމްފްރީސް ފޮނުވާލި ހަމަލާ، ނޯތު މެސެޑޯނިއާގެ ގޯލްކީޕަރު ޑިމިޓްރިއޭވްސްކީ ވަނީ މަތަކޮށްފައެވެ. ރީބައުންސް ބޯޅައިން ޑިޕާއީ ފޮނުވާލި ހަމަލާ ބްލޮކްވެފައި ވަނީ ނޯތު މެސެޑޯނިއާ ޑިފެންޑަރެއް ގައިގައި ޖެހިފައެވެ.

ނެދަލޭންޑްސް ކުރީގައި އޮވެ ފުރަތަމަ ހާފް ނިންމާލި އިރު، ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެށީ އެޓީމުންނެވެ. ރީތި ކުޅުމަކާއެކު ހާފުގެ ކުރީކޮޅުގައި ކެޕްޓަން ވައިނާލްޑަމްގެ ދެ ގޯލުވެސް ފެނިގެން ދިޔައެވެ. އޭނާގެ ފުރަތަމަ ގޯލަކީ 50 ވަނަ މިނެޓުގައި ޑިޕާއީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވައިނާލްޑަމް ފޮނުވާލި ހަމަލާއަކުން އޭނާ ޖެހި ގޯލެކެވެ. ގޯލަށް ފުރުސަތު ހޯދީ ރީތި ކުޅުމަކުންނެވެ.

ވައިނާލްޑަމްގެ ދެވަނަ ގޯލަކީ ޑިޕާއީ ފޮނުވާލި ހަމަލާ ކީޕަރު ޑިމިޓްރިއޭވްސްކީ މަތަކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ރީބައުންސް ބޯޅައިން އޭނާ ޖެހި ގޯލެކެވެ. އަންނަ ސީޒަންގައި ޕީއެސްޖީއަށް ކުޅުމަށް އެއްބަސްވެފައިވާ ވައިނާލްޑަމް ވަނީ މިހާތަނަށް މުބާރާތުގައި ތިން ގޯލު ޖަހައިފައެވެ.

އޭގެ ފަހުންވެސް ނެދަލޭންޑްސްގެ ޑިޔޯންގާއި ވައިނާލްޑަމްއަށް އިތުރު ފުރުސަތުތައް ލިބިފައިވާ އިރު، މެޗުގެ ފޯކަސް ދެވަނަ ހާފުގައި ޕަންޑޭވްއަށް ވަރަށް ބޮޑަށް ހުއްޓިގެން ދިޔައެވެ. ގައުމީ ޓީމަށް 122 މެޗު ކުޅެ، 38 ގޯލް ޕަންޑޭވް ހަމަކޮށްފައިވާ އިރު، މިރޭގެ މެޗަކީ ގައުމީ ޖާޒީގައި އޭނާ ކުޅުނު ފަހު މެޗެވެ. ކުޅުންތެރިންގެ ގާޑް އޮފް އޮނާއަކާއެކު އޭނާ ދަނޑުން ފައިބައިގެން ދިޔައީ މުޅި ޔޯހަން ކްރައިފްގެ ތަރުހީބުގެ އަތްތިލަބަޑިއާއެކުގައެވެ.

މިރޭ ނެދަލޭންޑްސްއާއި ނޯތު މެސަޑޯނިއާ ކުޅުނު މެޗު ނެދަލޭންޑްސް ކާމިޔާބުކޮށް، ގްރޫޕްގެ އެއްވަނައިގައި އެޓީމު ނިންމާލީ ތިން މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮސްޓްރިއާ ނިންމާލީ ތިން މެޗުން ހަ ޕޮއިންޓާ އެކުގައެވެ. ޔޫކްރެއިންއިން ތިންވަނައިގައި ނިންމާލީ ތިން ޕޮއިންޓާ އެކުގައި ކަމަށްވުމާއެކު އެޓީމަށް އަދި ގަދަ 16 ގެ އުންމީދު އެބައޮތެވެ.