ޔޫރޯ 2020ގެ ގްރޫޕް ސީގައި ކުޅުނު ފަހު މެޗުގައި ޔޫކްރެއިން ބަލިކޮށް، އޮސްޓްރިއާއިން އެގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.
މިރޭ ބުޗަރެސްޓްގެ ނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗު އޮސްޓްރިއާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އޮސްޓްރީއާއަށް ގްރޫޕްގެ ދެވަނަ ޔަގީންވެފައިވާ އިރު، ޔޫކްރެއިން ނިންމާލީ ތިންވަނައިގައެވެ.
މިއަހަރުގެ ޔޫރޯގެ ކުރިން ޔޫކްރެއިން ޔޫރޯގައި ކުޅުނީވެސް ދެފަހަރުއެވެ. ޔޫރޯ 2012، ޔޫރޯ 2016ގައި ވެސް ޔޫކްރޭން މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ގްރޫޕު ސްޓޭޖުންނެވެ. އޮސްޓްރިއާ ވަނީ މީގެ ކުރިން ޔޫރޯ 2008 އަދި އެންމެ ފަހުން ބޭއްވި ޔޫރޯ 2016ގައި ވާދަކޮށްފައެވެ. އެ ދެ މުބާރާތުންވެސް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
މިރޭގެ މެޗަކީ ދެޓީމަށްވެސް ތާރީހީ މެޗެކެވެ. މި ދެޓީމުން ކުރެ އެއްވެސް ޓީމެއް މީގެ ކުރިން ޔޫރޯއެއްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދަތުރު ކޮށްފައެއް ނުވެއެވެ. އެހެންކަމުން ދެ ގައުމުންވެސް ނުކުތީ ތާރީހު ބަދަލު ކޮށްލުމަށެވެ. އޮސްޓްރިއާއަށް ޔަގީންކަމާއެކު ގަދަ 16 އަށް ދެވެން އޮތީ ޔޫކްރެއިން ބަލިކޮށްގެނެވެ. ޔޫކްރެއިނަށް އެއްވަރު ކޮށްލައިގެންވެސް ގަދަ 16 އަށް ޔަގީން ކަމާއެކު ދެވެން އޮތެވެ. އެހެންނަމަވެސް މެޗު ފަސޭހަ ނުވާނެ ކަމަށް މެޗުގެ ކުރިން ކޯޗު އަންދްރޭ ޝެވްކެންކޯވެސް ބުނެފައިވެއެވެ.
ޝެވްކެންކޯއަކީ ޔޫކްރެއިންގެ ތާރީހު ދުއް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުން ވިދާލި އެގައުމުގެ ފުޓުބޯޅަ ތަރިއެކެވެ. ހާއްސަކޮށް ވޯލްޑް ކަޕް 2006ގެ އުފާވެރި ހަނދާންތައް އޭނާއަށް މިރޭ އާވެގެންދާނެކަން ޔަގީނެވެ. އެ މުބާރާތުގެ ކުއާޓާއަށް ޔޫކްރެއިން ގޮސްފައިވާ އިރު، ކެޕްޓަން ޝެވްޗެންކޯ ވަނީ ދެ ގޯލު ޖަހައިފައެވެ. 2004 ވަނަ އަހަރު ބެލެންޑިއޯ އެވޯޑު ހޯދި ޝެވްޗެންކޯއަށް މިހާރު ކޯޗެއްގެ ގޮތުގައި ހުރީ ޔޫރޯގެ އެންމެ ހަގު ކޯޗުގެ ގޮތުގައެވެ.
މެޗުގެ ފެށިގެން ކުރިއަށް ޖެހި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އޮސްޓްރިއާއިންނެވެ. ޔޫކްރެއިނަށް ފުރަތަމަ ކޮޅުގައި ފަހަތަށް ޖެހި ޑިފެންސް ކުރަން ޖެހުނު އިރު، އެޓީމުން ބޮޑަށް ވިސްނީ ކައުންޓާގެ ފުރުސަތަކަށެވެ. މެޗުގެ ފުރަތަމަ ކޮޅު ފެނުނީ ހަމަލާތައް މަދު، މަޑު ރާގެއްގެ ފެށުމެއްގެ ގޮތުގައެވެ. ފުރަތަމަ 20 ވަރަކަށް މިނެޓުގައިވެސް ގޯލަށް އަމާޒުކޮށް ދެޓީމުންވެސް ހަމަލާއެއް ފޮނުވާލާފައެއް ނުވެއެވެ. މެޗުގެ މުހިއްމު ކަމުން ހުޅުވާލަން ދެޓީމުންވެސް ޖެހުލުންވެފައި ތިބިތަން ފެނުނެވެ.
މެޗު ހުޅުވިގެން ދިޔައީ 21 ވަނަ މިނެޓުގައި އޮސްޓްރިއާ ލީޑު ނެގުމުންނެވެ. ކެޕްޓަން ޑޭވިޑް އަލާބާގެ ކޯނަރަކުން އޮސްޓްރިއާގެ ގޯލް ޖެހީ އޭރިއާ ތެރޭގައި ހުރި ކްރިސްޓިފް ބާމްގޭޓްނާއެވެ. އެ ގޯލު އަންނާނެ ކަމަށް ކުރިންވެސް ދިޔައީ ބެލެވެމުންނެވެ. ކޯނަރުތަކުގައި އޮސްޓްރިއާ ފެނުނީ ނުރައްކާ ކޮށެވެ. ގޯލަށްފަހުވެސް މެޗުގެ ކޮންޓްރޯލް ގެއްލުވާނުލައި ކުޅުނީ އޮސްޓްރިއާއިންނެވެ. ކައުންޓާ އެޓޭކް ފުރުސަތެއްގައި ފިޔަވައި އެހެން ގޮތަކަށް ޔޫކްރެއިނަށް ފުރަތަމަ ހާފުގައި ފުރުސަތު ތަނަވަސް ކުރެވިފައެއް ނުވެއެވެ.
ފުރަތަމަ ހާފުގައި ޔޫކްރެއިންއިން އުފެއްދި އެންމެ ނުރައްކާތެރި ހަމަލާއަކީ މައިކޯލާ ޝަޕަރެންކޯ އަރިމަތިން ވަދެ އުފެއްދި ހަމަލާއެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ އޮސްޓްރިއާ ގޯލްކީޕަރު ބަޗްމަން ދިފާއުކުރި އިރު، ރީބައުންސް ފުރުސަތު ކެޕްޓަން އަންދްރީ ޔާމަލެންކޯއަށް ނުލިބުނީ ކިރިޔާއެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް އޮސްޓްރިއާގެ އާނޯޓޮވިޗަށް ވަނީ ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަރިމަތިން ހުރަސް ވެގެން ދިޔަ ބޯޅަ އޭރިއާ ތެރޭގައި ހުސްކޮށް ހުރި އާނޯޓޮވިޗަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔަައީ އަރިމަތިން ބޭރަށެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ހަމަލާ ރަނގަޅަށް ފޮނުވާނުލެވި ދިޔައީ ގޯލްކީޕަރު އަތަށެވެ.
މެޗުގެ ދެވަނަ ހާފުގައި ފެނުނީ ހަމަލާތައް މަދުކޮށެވެ. ހާފުގެ ފުރަތަމަ ހަމަލާވެސް ފެނިގެން ދިޔައީ ހިލޭ ޖެހުމަކުން ޔޫކްރެއިންގެ ފަރާތުންނެވެ. އޭރިއާ ތެރެއިން ހުރަސް ކޮށްލި ބޯޅަ ލައިނާ ބޮލުން ޖެހި ނަމަވެސް އޮސްޓްރިއާ ގޯލްކީޕަރު ބަޗްމަން ވަނީ މަތަކޮށްފައެވެ.
ފަހު ކޮޅުގައި ހަމަލާތައް މަދުކޮށް ފެނިގެން ދިޔައިރު، އޮސްޓްރިއާއިން ބެލީ ހަމަޖެހިލައިގެން ޕާސް ކޮށްލުމަށެވެ. ޔޫކްރެއިންއަށްވެސް އެކަށީގެންވާ ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.
މިރޭ ނެދަލޭންޑްސްއާއި ނޯތު މެސަޑޯނިއާ ކުޅުނު މެޗު ނެދަލޭންޑްސް ކާމިޔާބުކޮށް، ގްރޫޕްގެ އެއްވަނައިގައި އެޓީމު ނިންމާލީ ތިން މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮސްޓްރިއާ ނިންމާލީ ތިން މެޗުން ހަ ޕޮއިންޓާ އެކުގައެވެ. ޔޫކްރެއިންއިން ތިންވަނައިގައި ނިންމާލީ ތިން ޕޮއިންޓާ އެކުގައި ކަމަށްވުމާއެކު އެޓީމަށް އަދި ގަދަ 16 ގެ އުންމީދު އެބައޮތެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020