ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓްތަކުގެ ގުރުއަތުލުން މާދަމާ އަލުން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލުމަށްފަހު މިއަދު އަލުން ގުރުއަތުލުން ނެގުމަށް ކުރިން ތާވަލު ކުރި ނަމަވެސް ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކުރިއަށް ނުގެންދެވި ވަނީ ކެންސަލް ކޮށްފަ އެވެ. އަދި މާދަމާ ގުރުއަތުނެގުން ލައިވް ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ (H10) ކެޓަގަރީއާއި އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ (H6), 18 އަހަރާއި 41 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ (H7), މާލޭ ރަށްވެހިންނަށް ހާއްސަ (H8)، މާލޭ ދަފްތަރު ކެޓަގަރީ (H9) އަދި ސިވިލް ސާވިސް ކެޓަގަރީއާއި ފުލުހުންގެ ކެޓަގަރީ އިން ފްލެޓް ލިބިފައިވާ މީހުންގެ މެދުގައި ކަމަށެވެ.
ގުރުއަތު ނަގާނީ އެ ކެޓަގަރީން ފުލެޓް ލިބިފައިވާ ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައިޑީ ކާޑުގެ ނަމްބަރު ތަރުތީބުން ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
ގުރުއަތު ނަގާނީ ފުލެޓް ނަމްބަރު ކަރުދާސް ކޮޅުތަކެއްގައި ފޮއްޓަކަށް އެޅުމަށްފަހު ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައިޑީ ކާޑު ނަމްބަރު ތަރުތީބުންނެވެ. އަދި ގުރުއަތު ނަގާ މަންޒަރު ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ލައިވްކޮށް ދައްކާނެ ކަމަށާއި އިތުރު މީޑިއާތަކުންވެސް ލައިވް މަންޒަރު ދެއްކުމަށް ވަނީ ހަމެޖިހިފަ އެވެ.
ގުރުއަތު ނަގާއިރު، ނެގުނު ފުލެޓާއި ފުލޯ އާއި ޓަވަރު އެނގޭ ގޮތަށް ޓީވީ ސްކްރީނުން ފެންނާނެ އެވެ. އަދި ފުލެޓް ލިބުނު ފަރާތުން ދީފައިވާ ފޯނު ނަމްބަރަށް އެސްއެމްއެސް އެއް ލިބޭނެ ކަމަށާއި އެ އެސްއެމްއެސްގައި ނެގުނު ފުލެޓާއި ޓަވަރާއި ފުލޯ ހިމެނިފައިވާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
ގުރުއަތަށްފަހު ލިބުނު ފުލެޓްގެ އެގްރީމެންޓުގައި ސޮއިކުރުމާއި ފުލެޓްގެ ތަޅުދަނޑި ހަވާލުކުރާނެ ތާރީހެއް ފަހުން އިއުލާނު ކުރެވޭނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.
މިދިޔަ މަހުގެ ފަހުކޮޅު ފުލެޓުތައް ހަވާލުކުރާނެ ކަމަށް ސަރުކާރުން ކުރިން ބުނި ނަމަވެސް، ހައުސިން މިނިސްޓްރީގެ މަސައްކަތްތައް ނިމިފައި ނުވާތީ އެކަން ކުރެވިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު