ކާފިއު ވަގުތުތަކުގައި މަގުމަތިންދާ އަންހެން ކުދިން ހުއްޓުވައި ކަމާ ނުގުޅޭ ޒާތީ މައުލޫމާތުތައް ހޯދާކަމަށް ތުހުމަތު ކުރުމުން ފުލުހުން އެކަން ދޮގު ކޮށްފި އެެވެ.

ފުލުހުންނަށް ތުހުމަތުކޮށް ފިރިހެނަކު ކުރި ޓްވީޓެއްގައި ބުނީ، މަގުމަތިން އެކަނިދާ އަންހެން ކުދިން ހުއްޓުވައި އެ ކުދިން އެކަނި ކޮންތާކަށްތޯ ދަނީ ސުވާލުކޮށް އަދި ހުއްސަރިބައިތޯ ވެސް ބައެއް ފުލުހުން އަހާކަމަށް ވަނީ ބުނެފަ އެވެ. އަދި ޕާމިޓް ދެއްކުމުން ފޯނު ނަންބަރު ދިނުމަށް ބައެއް ފުލުހުން ބުނާ ކަމަށް އެ ޓްވީޓަށް ރައްދު ދިން އަންހެނަކު ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސައްކަތާ ނުގުޅޭ މައުލޫމާތު ސާފުކުރާ ކަމުގެ އެއްވެސް ޝަކުވާއެއް އެއްވެސް ފަރާތަކުން މިހާތަނަށް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށެވެ.

އެފަދަ ކަމެއް އެއްވެސް ފުލުހެއްގެ ފަރާތުން ފެނިއްޖެނަމަ، ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑަށް ނުވަތަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިގެން އެ މައްސަލައެއް ބެލުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކޭ ކަމަށް ވެސް އޮފިޝަލު ވަނީ ވިދާޅުވެފަ އެވެ.

"އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޕާމިޓް ވެރިފައި ކުރުމަށް ބައެއް ހާލަތްތަކުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި ޖޫރިމަނާ ކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަން އެސްއެމްއެސް މެދުވެރިކޮށް އެ ފަރާތަކަށް އެންގުމަށް ފޯން ނަންބަރު އޮޅުން ފިލުވާނެކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ކޮވިޑް-19 ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު މާލޭގައި ބޭރަށް ނިކުންނަ ނަމަ ހުއްދައެއް ހޯދަން ޖެހެ އެވެ. އަދި އެ ހުއްދަ އޮތްތޯ ބެލުމަށް ފުލުހުންނާއި ސިފައިން ގުޅިގެން މަގުތަކުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.