ޔޫރޯ 2020 ގެ ކުރިން އިޓަލީގެ ވާހަކަ މާ ބޮޑަކަށް ނެތެވެ. ވާނީވެސް އެހެންތާއެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕަށް ކޮލިފައި ނުވެ އޮތް ޓީމަކަށް މީހުންގެ ސަމާލަކަން ލިބޭ މިންވަރު ކުޑަވެދާނެއެވެ. އިޓަލީއަކީ ޔޫރޯގެ ފެވަރިޓެއްގެ ގޮތުގައި އަންދާޒާ ކޮށްލީވެސް މަދުބައެކެވެ. "ޑާކް ހޯސަސް"ގެ ގޮތުގައި އިޓަލީއަށް ބަޔަކު ނަޒަރު ހިންގާލި ނަމަވެސް އެ ވިސްނުން ގެންގުޅުނީވެސް މަދުބައެކެވެ. އެއީ އެކަން އޮންނާނެވެސް ގޮތެވެ. ސަޕޯޓަރުންގެ އުންމީދެއް ނެތި އިޓަލީ ދިޔައީ "ސައިލެންޓް" އުންމީދެއްގައެވެ. އެޓީމުގެ މެޗުތައް ކައިރިން ބަލައި، އެޓީމުގެ ތަފާސް ހިސާބަށް ބަލަން ހުރި މީހަކަށް މުބާރާތުގައި އިޓަލީ ދައްކާ ކުޅުން އާ ނުވާނެ ކަންވެސް ޔަގީނެވެ.

ކޮލިފިކޭޝަން ހުރިހާ މެޗަކުން މޮޅުވެ، އިޓަލީ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ނުކުތްއިރުވެސް އޮތީ އެންމެފަހުން އިޓަލީ ކުޅުނު އަށް މެޗުން ކްލީން ޝީޓަކާއެކު މޮޅުވެފައެވެ. ނޭޝަންސް ލީގުގައި 2018 ވަނަ އަހަރު ޕޯޗުގަލް އަތުން ބަލިވި ފަހުން އިޓަލީ ބަލިވެފައެއް ނުވެއެވެ. އާ ކޯޗު ރޮބާޓޯ މަންޗީނީ ޓީމާ ހަވާލުވިފަހުން އެގައުމު އަދި ބަލިވީ އެންމެ ދެމެޗުންނެވެ. ހަމައެކަނި ޑިފެންސް ކުރަނީކީވެސް ނޫނެވެ. ގޯލްވެސް ޖަހައެވެ. އިޓަލީން އެންމެފަހުން ކުޅުނު 11 މެޗުން ކޮޅަށް ގޯލެއް ވަދެފައިނުވާއިރު، އެޓީމުން ވަނީ 32 ގޯލް ޖަހާފައެވެ. އަދަދުތަކަށް ބަލާއިރު ގަބޫލުވެސް ކުރަން ދަތި އަދަދުތަކެކެވެ. އެހެންނަމަވެސް އިޓަލީ އޮތް ފޯމް ޔޫރޯ ގްރޫޕް ސްޓޭޖުން ސާފެވެ.

އިޓަލީން ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދިޔައީ ކުޅުނު ތިން މެޗުގައި ކޮޅަށް ގޯލެއް ނުވައްދައި، ހަތް ގޯލް ޖަހައިގެން ސައްތައިން ސައްތަ ރެކޯޑަކާ އެކުގައެވެ. އިޓަލީއަކީ މިހާރު ޔޫރޯ ތާރީހުގައިވެސް ގްރޫޕް ސްޓޭޖުގައި ކޮޅަށް ގޯލެއް ނުވައްދައި ގަދަ 16 އަށް ދިޔަ ހަމައެކަނި ޓީމެވެ. ބަލި ނުވެ ދަމަަހައްޓަމުން އައި ސިލްސިލާ 30 މެޗަށް އިތުރުވެ، އެޓީމު ވަނީ 1939 ވަނަ އަހަރު ގައުމީ ޓީމުން ހަދާފައިވާ ރެކޯޑަކާ ހަމަކޮށްފައެވެ. ގަދަ 16 ގެ މެޗުން މޮޅުވެއްޖެނަމަ މަންޗީނީގެ ޓީމުން އެ ރެކޯޑު މުގުރައިވެސް ލާނެއެވެ.

އިޓަލީގެ ކޯޗުކަމުގައި ވިޓޯރިއޯ ޕޯޒޯ ހުރިއިރު، މީގެ 82 އަހަރު ކުރިން 1953 ވަނަ އަހަރު އޮކްޓޯބަރު މަހުން ފެށިގެން 1939 ވަނަ އަހަރު ޖުލައި މަހާ ހަމައަށް އިޓަލީ ބަލިވެފައެއް ނުވެއެވެ. އޭރު އިޓަލީން ޖެހިޖެހިގެން ދެ ވޯލްޑް ކަޕް ހޯދައި، 1936 ވަނަ އަހަރު އޮލިމްޕިކްސް ރަން މެޑަލްވެސް ހޯދިއެވެ. ބަލި ނުވެ ރެކޯޑު ހެދި އެޓީމުން ތަށްޓާ މެޑަލް ހޯދުން އެއީ ކާމިޔާބީއެވެ. މިހާރުގެ ޓީމަށް އޮތީ ރެކޯޑަށް ތަށި އިތުރު ކުރުމަށް އޮތް ބޮޑު ޗެލެންޖެވެ.

"ޕޯޒޯގެ ޓީމުން މުހިއްމު ބައިވަރު ތަށި ހޯދި. އެހެންވީމަ އަދިވެސް އަހަރެމެންގެ ޓީމު މިއޮތީ އޭރުގެ ޓީމާ ބަލާއިރު ދަށް ލެވެލެއްގައި. އަހަރެން އިންޒާރު ދިނިން އަހަރެންގެ ކުޅުންތެރިންނަށް މާ ބޮޑަށް ފޮނިބޮޑު ނުވާން.ކާމިޔާބުވި ކަމަށް މާ އަވަހަށް ނުނިންމަން." އޭރުގެ ޓީމާއި މިހާރުގެ ޓީމާ އަޅައި ކިޔޭނެތޯ ސުވާލު ކުރުމުން މަންޗީނީ ބުނެފައިވެއެވެ.

އޭނާ ބުނެފައި ވަނީ ކޮންމެ މެޗަކީވެސް އުނދަގޫތަކެއް ކުރިމަތިވާނެ މެޗެއްކަން ދަންނަން ޖެހޭނެ ކަމަށާއި، މޮޅު ވެވުމަކީ ހުރިހާ މެޗަކުން މޮޅުވާނެ ކަމަށް ވިސްނަން ޖެހޭ ސަބަބެއްވެސް ނޫން ކަމަށެވެ. އޭގެ އިތުރުން މަންޗީނީ ވަނީ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

އިޓަލީ އޮތީ ފޯމުގައެވެ. އެހެންނަމަވެސް ފާޑުކިޔާ ފަރާތްތަކުން އެންމެ ގިނައިން ދައްކަމުން އަންނަ ވާހަކައަކީ އިޓަލީގެ ގްރޫޕް ސްޓޭޖު ތިން މެޗުވެސް ހޯމް ސްޓޭޑިއަމް، ރޯމްގެ އެސްޓާޑިއޯ އޮލިމްޕިކޯގައި ކުޅުމަކީ އެޓީމަށް ފަސޭހަ ވި ސަބަބެއް ކަމަށެވެ. ދެން އޮތް ގަދަ 16ގެ މެޗު ވެމްބްލީގައި އޮތްއިރު، ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހުނީވެސް ފަސޭހަ ޓީމުތަކާ ދެކޮޅަށް ކަމަށް ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ. އިޓަލީން ފަސް ބެލުމެއް ނެތި، މުބާރާތް ނިމެންދެން ކުރިއަށް ދާނެތޯ، މިއީ ކުރެވޭ ސުވާލެކެވެ. ހަމަ ޔަގީނުންވެސް އިޓަލީއަކީ މިހާރު އެތައް ބައެއްގެ ނަޒަރުގައި ފެވަރިޓެކެވެ. ފުރަތަމަ ސުވާލަށް އެޓީމު ޖަވާބު ދީފިއެވެ.