ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ ޕާލިމިންޓަރީ އިންކުއަރީއަށް ބޭނުންވާ މައުލޫމާތު ސާފުކުރުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މާދަމާ ހާޒިރުކުރުމަށް ނިންމައިފިއެވެ.

އެ ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިރޭ "ވަން" އަށް ވިދާޅުވީ މިނިސްޓަރު މާރިޔާ މާދަމާ އެ ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމާފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.

އަސްލަމް އިއްޔެ ވިދާޅުވީ މި މަހުގެ 23 ގެ ކުރިން ސުވާލު ކުރަން ބޭނުންވާ ފަރާތްތަކާ ސުވާލުކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި އިންކުއަރީގެ މަސައްކަތްތައް އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ނިންމައި ރިޕޯޓް އާންމު ކުރެވޭނެ ކަަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މައްސަލައިގެ އިންކުއަރީއަށް ކަމާބެހޭ އިދާރާތަކުން ފުރިހަމަ އެއްބާރުލުން ލިބިގެންދާ ކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމިޓީން ކުރިއަށް ގެންދާ ތަހުގީގަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްވެސް މިއަދު ވަނީ ހާޒިރުކޮށްފައެވެ. މިއީ އެ ދެބޭފުޅުން ކޮމިޓީއަށް ހާޒިރުކުރި ދެވަނަ ފަހަރެވެ.

މީގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްގެ އިތުރުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދާއި ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ އިބްރާހިމް އަހުމަދު ނާސިރާއި މާލެ ސިޓީގެ ކުރީގެ މޭޔަރު، ޝިފާ މުހައްމަދުވެސް މީގެ ކުރިން ވަނީ ހާޒިރުކޮށްފައެވެ. އަދި ރައީސް ނަޝީދުގެ ބައެއް ބޮޑީގާޑުންވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދީފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީ ގެއިން ނުކުމެވަޑައިގެން ނީލޯފަރު ހިނގުމުން ހިނގަވާފައި މަޖީދީމަގުގައި ގޮތަށް އޮތް ކާރު ކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް، އެތާ ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެންނެވެ.

އެ ހާދިސާގައި ރައީސް ނަޝީދަށް ލިބިވަޑައިގެން ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާ ހޯއްދެވުމަށް މިވަގުތު ހުންނެވީ ޖަރުމަނު ވިލާތުގައެވެ.