ދެ މަހެއްހާ ދުވަހު އެމެރިކާގައި ހުންނެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އެނބުރި ރާއްޖެއަށް ވަޑައިގެންފިއެވެ.

ޝާހިދު ރާއްޖެ ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާ ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.

އދ. އާންމު މަޖިލީހުގެ ރައީސްގެ މަގާމުގެ ކެމްޕޭނަށް ޝާހިދު އެމެރިކާއަށް ވަޑައިގެންނެވީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅުއެވެ. އަދި އިންތިހާބު ނިމެންދެން އެމެރިކާގައި މަޑުކުރެއްވީ ކޮވިޑްގެ ސަބަބުން އިންތިހާބު އޮންނަ ދުވަހު އެކޮޅަށް ވަޑައިގަންނަވަން ހުރަސް އެޅިދާނެތީ ކަމަށް ފޮރިން މިނިސްޓްރީން އޭރު ބުނެފައިވެއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ހޮވުމަށް މި މަހުގެ އަށް ވަނަ ދުވަހު ބޭއްވި އިންތިހާބުގައި މިނިސްޓަރު ޝާހިދު މަގާމަށް އިންތިހާބުވެވަޑައިގެންނެވީ 143 ވޯޓުންނެވެ. އަދި މިނިސްޓަރު ޝާހިދާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ރަލްމައި ރަސޫލަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމަކީ އެ ޖަމިއްޔާގެ އެންމެ މަތީ މަގާމެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުކުރި ފުރަތަމަ ފަހަރެވެ.

ކޮންމެ އަހަރަކުވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިހާބުކުރާނީ ފަސް ސަރަހައްދުގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުންނެވެ. އެގޮތުން މިފަހަރު އެ ފުރުސަތު ލިބުނީ ރާއްޖެ ހިމެނޭ އޭޝިއާ ޕެސިފިކް ސަރަހައްދަށެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާ މިނިސްޓަރު ޝާހިދު ހަވާލުވެވަޑައިގަންނަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިނިސްޓަރު ޝާހިދަށް އެ މަގާމުގައި އެއް އަހަރުގެ ދައުރެއް ލިބިވަޑައިގަންނަވާނެއެވެ. މިހާރު އެ މަގާމުގައި ހުންނެވީ ތުރުކީގެ ވޮލްކާން ބޮޒްކިރްއެވެ.

ރާއްޖެއިން އދ. ގެ މެމްބަރު ގައުމަކަށްވީ މިނިވަންކަން ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭ، 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.