ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ނުވަ ބޭފުޅަކު ކުރިމަތިލައިފިއެވެ.

ކްރިމިނަލް ކޯޓަށް ދެ ގާޒީއަކު ހޯދުމަށް އިއުލާން ކޮށްފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ. ދެ ގާޒީއަކު ހޯދަން އިއުލާން ކުރިއިރު އެ ކޯޓުގެ ކުރީގެ ގާޒީ އިސްމާއިލް ރަޝީދުގެ މައްޗަށް ސްލޫކީ މައްސަލަ ސާބިތުވެ، މަގާމުން ވަކި ކުރުމަށް މަޖިލީހަށް ފޮނުވާފައިވަނިކޮށް އޭނާ ވަނީ އަމިއްލައަށް އިސްތިއުފާ ދީފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ކްރިމިނަލް ކޯޓަށް ގާޒީން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ނުވަ ބޭފުޅަކު އެ މަގާމަށް ކުރިމަތިލާފައިވާ ކަމަށެވެ. މިއަދު ވަނީ ކުރިމަތިލުމުގެ މުއްދަތު ހަމަވެފައެވެ.

  • އާދަމް އާރިފް - ދެރަހަ/ ހއ. ކެލާ
  • ރަފީއުއްދީނު އަހުމަދު - ސްނޯޑްރޮޕް/ ސ. ހިތަދޫ
  • އަލީ ނަދީމް - ފްރީޕާކް/ އދ. މާމިގިލި
  • އިބްރާހީމް އިހުސާން - އެކެވެލި/ ސ. މަރަދޫ
  • އަހުމަދު ތައުފީގު - ޑޭޒީމާގެ/ ހއ. ދިއްދޫ
  • އާމިނަތު އަޒްލިފާ - ގުލާބީގެ/ ރ. ރަސްގެތީމު
  • އިސްމާއީލް ޝަފީއު - މ. ތްރީސިސްޓާސް / މާލެ
  • ސުލައިމާން މުހައްމަދު - ނޫރާނީގެ/ ޅ. ކުރެންދޫ
  • މުހައްމަދު ސަމީރު - ހިތްވަރު/ ރ. އިނގުރައިދޫ

ގާޒީ ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އާދަމް އާރިފަކީ ކުރިން ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީއެވެ. ކުރީ ސަރުކާރުގެ ދުވަސްވަރު ޖޭއެސްސީން އޭނާ ވަނީ ޑްރަގް ކޯޓަށް ބަދަލުކޮށްފައެވެ. ނަދީމާއި ސަމީރާއި ޝަފީއުއަކީ މީގެ ކުރިން ޕަބްލިކް ޕްރޮސިކިއުޓަރުންނެވެ. އަދި ތައުފީގަކީ ސީނިއާ ޕަބްލިކް ޕްރޮސިކިއުޓަރެކެވެ.

މީގެ އިތުރުން ރަފީއުއްދީން މިހާރު ހުންނެވީ ސ. ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓަކަށެވެ. އަދި އިހްސާން ހުންނެވީ ގއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށެވެ. ސުލައިމާން ހުންނެވީ ހިންނަވަރު ކޯޓްގެ މެޖިސްޓްރޭޓަކަށެވެ. އަދި އަޒްލިފާއަކީ ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރެކެވެ.

ކްރިމިނަލް ކޯޓުގެ ގާޒީންނަށް މުސާރަ އާއި އިނާޔަތްތަކާއެކު މަހަކު 48،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.